އިންސްޓަގްރާމްގެ ރަސްގެފާނަކީ ރޮނާލްޑޯ

އެމެރިކާގެ ޒުވާން އަންހެން ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް ފަހަތަށް ޖައްސައިލުމަށް ފަހު، މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިންސްޓްގަރާމްގެ ތަހުތަށް އަރައި ރަސްކަން ކުރަން ފަށައިފި އެވެ.


އެންމެ ގިނަ ފޮލޯވަރުން ތިބި ސެލެބްރިޓީންގެ ގޮތުގައި ސެލީނާ، 26، އިންސްޓަގްރާމްގައި ރަނިކަން ކުރަމުން ދަނިކޮށް، އޭނާ ދެވަނަ އަށް ސޮއްސައިލީ، ކުރިމަތިވެފައިވާ ނަފުސާނީ މައްސަލަތަކަށް ފަރުވާ ހޯދަން އިންސްޓަގްރާމާ ވަަރަށް ބޮޑަށް ފެއަށް ޖެހިލައިފައި ވަނިކޮށެވެ.

ޔުވެންޓަސް އަށް ކުޅޭ، ޕޯޗްގީޒަށް އުފަން ރޮނާލްޑޯ، 33، މިހާރު އިންސްޓަގްރާމްގައި ރަސްކަން ކުރަމުން އަންނަނީ 144،500،300 އަށް ވުރެ ގިނަ ފޮލޯވަރުންނާ އެކު އެވެ. ސެލީނާގެ ފޮލޯވަރުންގެ އަދަދަކީ މިހާރު 144،376،943 އެވެ.

ރޮނާލްޑޯގެ އިންސްޓަގްރާމް ޕޯސްޓެއް.

މި ލިސްޓްގެ ގަދަ 10 ގައި ދެން ހިމެނޭ ފަންނާނުންނަށް ބަލާ އިރު، އެންމެ ގިނަ ފޮލޯވަރުންނާ އެކު ތިން ވަނައިގައި އޮތީ ޒުވާން ލަވަކިޔުންތެރިޔާ އެރިއާނާ ގްރެންޑޭ އެވެ. އެއީ 132 މިލިއަން ފޮލޯވަރުންނާ އެކުގަ އެވެ.

ސެލީނާގެ އިންސްޓަގްރާމް ޕޯސްޓެއް.

ލިސްޓްގައި ދެން ހިމެނެނީ ރިއަލިޓީ ޝޯ ތަރި ކިމް ކާޑޭޝިއަން (120 މިލިއަން)، ލަވަކިޔުންތެރިޔާ ބިޔޯންސޭ (119)، އެކްޓަރު ޑްވޭން (ރޮކް) ޖޯންސަން (119)، ރިއަލިޓީ ޝޯ ތަރި ކައިލީ ޖެނާ (118 މިލިއަން)، ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް (112 މިލިއަން) އަދި ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ (104) އަދި ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ފޮލޯވަރުންގެ އަދަދަކީ 102 މިލިއަނެވެ.