މާސް އަށް ދިއުމަށް ދައުވަތެއް

ނާސާ އިން ޖައްވަށް ފޮނުވާ އުޅަނދުފަހަރުގައި މީހުން އުފުލާކަށް އަދި ނުފަށަ އެވެ. ނަމަވެސް، ރަމްޒީކަމެއްގެ ގޮތުގައި، މީހުންގެ ނަން އުފުލަ އެވެ. އަދި ބޭނުން ނަމަ ބޭނުން މީހަކަށް އެ މީހެއްގެ ނަން ލިސްޓްކުރެވެ އެވެ. މާސް އަށް ދާން އެދޭ މީހުންނަށް، މިހާރު އޮތް ފުރުސަތަކީ، ޖިސްމާނީ ހަށިގަނޑަށް ވުރެ ކުރިން އެ މީހެއްގެ ނަން މާސް އަށް ފޮނުވަން އޮތް ފުރުސަތެވެ. ނާސާއިން ވަނީ މިކަން އިއުލާންކޮށްފަ އެވެ.


ނާސާ އިން މިހާރު ރާވަނީ 2020 ގައި މާސް އަށް އުޅަނދެއް ފޮނުވުމަށެވެ. އެ އުޅަނދުގައި މާސް އަށް ނަން ފޮނުވަން އެދޭ ނަމަ، go.nasa.gov/mars2020pass އަށް ވަދެލާށެވެ. މިއީ ބަޔަކަށް ކޮސް ކަމެއް ނަމަވެސް، މި ވެސް ދެން ކަމެކެވެ. ސެޕްޓެމްބަރު 30، 2019 އަށް ވުރެ ކުރިން ނަން ފޮނުވަން ހަނދާންކުރަން ވާނެ އެވެ. މިހާރު ވެސް 5،348،116 މީހުން ވަނީ ލިސްޓްކޮށްފަ އެވެ. ބައިވެރިވާ ކޮންމެ މީހަކަށް ވެސް "ބޯޑިން ޕާސް" ވަގުން ލިބެ އެވެ.

ދުނިޔޭ ދޫކޮށް ޖައްވަށް ކުރާ ދަތުރެއްގައި މިހާ ގިނަ މީހުން އުފުލޭނެ ކަމަށް ހީނުކުރާށެވެ. އެކަމަކު ވެސް، ރަމްޒީ ހަރަކާތެއް ގޮތުގައި ހިންގާ ޕްރޮގްރާމްގައި ބައިވެރިވެވޭ ހުރިހާ އެންމެންގެ ނަން، މާސް އަށް ފޮނުވުމަކީ ނާސާގެ އިންޖިނޭރުންނަށް އެއްވެސް ކަމެއް ނޫނެވެ.

މާސް އަށް ދާން އެދޭ މީހުންގެ ނަންތައް، އުޅަނދުގައި އުފުލުމަށްޓަކައި، ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީގައި މަސައްކަތްކުރާ އިންޖިނޭރުން ކުރާނެ ކަމަކީ، އެ ނަންތައް މައިކްރޮޗިޕެއްގައި ރައްކާކުރުމެވެ. އެއިރުން ކަރުދާސްކޮޅެއްހާ ހިސާބު ވެސް ނުއުފުލައި ފަރުޖެއްސޭނެ އެވެ.

އެ އަށް ފަހު ދެން ކަންތައް ހިނގައިދާނެ ގޮތެއް އަދި ނޭނގެ އެވެ. މާސް އަށް އުޅަނދު ތިރިކުރުމަށް ފަހު، މާސްގެ ބިމަށް މައިކްރޮޗިޕް އެއްލާލުން ވެސް އެއީ ގޮތެކެވެ. ނޫން ނަމަ، "ލައިޓް ބީމް"އެއް މެދުވެރިކޮށް މާސްގެ ބިމުގައި ނަންތައް ފަވާލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

މާސްގެ ބިމަށް މައިކްރޮޗިޕް އެއްލާލައިފި ނަމަ، އެ އަށް ފަހު ގަރުނުތަކެއް ފަހުން އެހެން އުޅަނދަކަށް އެ ޗިޕް ފެނި، ބިމަށް ގެނެސް އޭގައި ހުރި އެއްޗެއް ބަލާއިރު، މާސް އަށް ދިއަ މީހުންގެ ތެރޭގައި މުނިކާފަ ވެސް ހިމެނިދާނެ އެވެ.