ތުއްތު ކުދިންގެ ރުއިން ތަރުޖަމާކުރެވިދާނެ ޓެކްނޮލޮޖީއެއް

ތުއްތު ދަރިފުޅު ރުއިމަކީ މައިންބަފައިން ވަރަށް ކަންބޮޑުވާ ކަމެކެވެ. އެއީ ރޯ ސަބަބު ނޭނގޭތީ އެވެ. އެހެންވެ މިފަދަ ހާލަތްތަކުގައި ދަރިފުޅު މަސަލަސް ކުރެވޭތޯ އެކި ކަހަލަ ކަންކަން ކުރެވެ އެވެ. އެކަމަކު ވާހަކަ ނުދެއްކޭ އުމުރުގެ ތުއްތު ކުދިން ރޯ ސީދާ ސަބަބު ނޭނގުމަކީ ވަރަށް ގިނަ މައިންގެ އުދާހެކެވެ.


ނަރުހުންނާއި ކުޑަކުދިންގެ ޑޮކްޓަރުން ކަހަލަ ތަޖުރިބާކާރުންނަށް ތުއްތު ދަރިފުޅު ރޯ ސަބަބު ދެނެގަންނަން ފަަސޭހަ ވިޔަސް އެއީ ކޮންމެ މަޔަކަށް ވާނެ ކަމެއް ނޫނެވެ. އެހެންވެ މިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތްތަކެއް މިހާރު ވަނީ ފަށައިފަ އެވެ.

އެއީ ކުދިންގެ "ރުއިން ތަރުޖަމާ ކުރެވޭނެ" ޓެކްނޮލޮޖީއެއް ވުޖޫދަށް ގެނައުމެވެ. މިކަމާ ބެހޭ ގޮތުން އެމެރިކާގެ ނަދަން އިލިނޯއި ޔުނިވަސިޓީގެ އިލެކްޓްރިކަލް އިންޖިނިއަރިން ޕްރޮފެސަރު ލިޗުއާން ލިއު ވިދާޅުވީ މިއީ ކުރެވިދާނެ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުދިންގެ ރުއިމުގެ ޓޯނާއި ޕިޗާއި ސްޕީޑާއި ޕްރިކްއެންސީ އަދި ރޯ އިރު މޫނުމަތިން ފެންނަން ހުންނަ އެކްސްޕްރެޝަންތަކާއި ހަށިގަނޑަށް އަންނަ ހަރަކާތްތަކަށް ބަލައި، ކުދިން ރޯ ސަބަބު ހޯދުމަކީ އެހާ އުނދަގޫ ކަމަކަށް ނުވާނެ އެވެ. އެގޮތުން ކުދިންތަކެއްގެ ރުއިމުގެ އަޑު ރެކޯޑްކޮށް، ކުދިން ރޯ ސަބަބު ދެނެގަންނަން މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އޭގެ ތެރޭގައި ބަލާފައި ވަނީ ކުއްޖާ ރޮނީ ބަނޑުހައިގެންވެގެންތޯ، ވަރުބަލި ވެގެންތޯ، ބައްޔެއް ވެގެންތޯ، ތަނަކަށް ތަދުވާތީތޯ ނުވަތަ ބަނޑުގެ ގޭހުގެ ސަބަބުންތޯ އެވެ.

"ރުއިމުގެ އެކި ކަހަލަ ފީޗާތަކަށް ބިނާކޮށް ރުއިން ތަރުޖަމާކުރެވިދާނެ ޓެކްނޮލޮޖީއެއް ވުޖޫދަށް ގެނައުމަކީ އެހާ ދުރުގައި އޮތް ކަމެއް ނޫން،" ލުއި ވިދާޅުވި އެެވެ. "އަހަރެމެން މިހާރު ވެސް މިކަމާ ގުޅޭ ގޮތުން އަލްގޮރިދަމްގެ އެހީގައި އޮޓޮމެޓިކް ސްޕީޗް ރިކޮގްނިޝަން ތަޖުރިބާކޮށްފިން. ނަތީޖާ ދައްކަނީ ޕޮޒިޓިވްކޮށް."

ލިއު ވިދާޅުވި ގޮތުގައި އޭނާ އާއި ޓީމުން މިހާރު ވަނީ ބޭބީ ކްރައި ރިކޮގްނިޝަން މެޝިން އުފެއްދުމުގެ ރަސްމީ ހުއްދަ އަށް ވެސް ހުށަހަޅައިފަ އެވެ.

"މިއީ ވަރަށް އުންމީދީ މަސައްކަތެއް. އަދި އަހަރެމެންގެ މި ޓެކްނޮލޮޖީ މައިންނަށް، ހާއްސަކޮށް އަލަށް ދަރިން ހޯދާ މީހުންނަށް ވަރަށް ބޮޑު އެހީއަކަށް ވާނެ. އޭނާ ވިދާޅުވި އެވެ. "ޓެކްނޮލޮޖީގެ ސަބަބުން ކުއްޖާ ރޯ ސަބަބު ދެނެގެނިވި އެކަމަކަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ވެސް އެނގޭނެ."

ލިއު ވިދާޅުވި ގޮތުގައި އެ މީހުންގެ ޓެކްނޮލޮޖީ ވާނީ ކުއްޖާގެ ރުއިމާ ހުރި ގުޅުމަށް ފުރިހަމަ ހައްލެއް ހޯދައިދޭނެ އެއްޗަކަށެވެ. އެގޮތުން ޓެކްނޮލޮޖީ ބިނާކުރުމުގައި ރުއިމާ ގުޅުން ހުރި ހުރިހާ ކަމަށް ރިއާޔަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އެމެރިކާގެ ޕާޑިއު ޔުނިވަސިޓީގެ ކޮމްޕިއުޓާ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ފްރޮފެސަރު ޖޫލިއާ ރޭޒް ވިދާޅުވީ އާޓިފިޝަލް އިންޓެލިންސް (އޭއައި) ގެ އެހީގައި ވެސް އިންސާނުންގެ އިމޯޝަންތައް އަންދާޒާ ކުރުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ.

އެހެންވެ ތުއްތު ކުދިންގެ ރޯ ސަބަބު ދެނެގަންނަ ޓެކްނޮލޮޖީ އަކީ އެހާ ފަސޭހަ މަސައްކަތަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ.