ފޭސްއެޕްގެ ފޯރި ވަނީ ގަދަވެފައި.
18 ޖުލައި 2019 - 18:32
ސޯޝަލް މީޑިއާގެ ބައެއް ފްލެޓްފޯމްތައް މިހާރު ހާވާލާއިރު އެންމެ ބޮޑަށް ފާހަގަކުރެވޭނެ އެއް ކަމަކީ ގިނަ ބަޔަކު މުސްކުޅިކޮށް ތިބުމެވެ. މަޝްހޫރު ފިލްމީ ތަރިންނާއި އެ ނޫން ވެސް ނުފޫޒު ގަދަ މީސްމީހުންގެ އިތުރަށް ބައެއް އާންމުންގެ ޒުވާން ދުވަސްވަރުގެ ފޮޓޯ އަހަރުތަކެއް ފަހުން އޭނާ މުސްކުޅިވުމުން ހުންނާނެ ގޮތް ދައްކުވައިދޭ ގޮތަށް ހަދަނީ އެވެ.
މިއީ ފޮޓޯ އެޑިޓިން އެޕެއް ކަމަށްވާ ފޭސްއެޕުން ކުރާ ކަމެކެވެ.
މަޝްހޫރު ޝެފް ގޯޑަން ރަމްސޭ މުސްކުޅިކޮށްފައި.
ރަޝިއާގެ ކުންފުންޏެއް ކަމަށްވާ ވަޔަލެސް ލެބުން 2017 ގައި ވުޖޫދަށް ގެނައި މި އެޕަކީ މީހާގެ ސޫރަ އަށް އެކި ކަހަލަ ބަދަލުތައް ގެނެވޭ އެޕެކެވެ.
ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރް މުސްކުޅިކޮށްފައި.
މީގެ ދެ އަހަރު ކުރިން ފޭސްއެޕްގެ ވާހަކަ ވަރަށް ބޮޑަށް ދެކެވުނީ ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރުދޭ އެޕެއް ކަމަށް ބުނެ އެވެ. އެއާ އެކު އޭގައި ހުރި ބައެއް ފީޗާތައް ފާޑުކިޔުންތަކާ ގުޅިގެން އުނިކުރަން ވެސް ޖެހުނެވެ.
"ޖޯނަސް ބްރަދާޒް" ގެ ތިން ބެއިން މުސްކުޅިކޮށްފައި.
ނަމަވެސް އަނެއްކާ ވެސް ފޭސްއެޕުން ގިނަ ބަޔަކު "މުސްކުޅިކުރަމުން" ދާ އިރު، މިކަން މިހާރު ވަނީ ގިނަ ބަޔަކު ފޯރި ވެސް މަޖާ ކަންތައްގަނޑަކަށްވެފަ އެވެ. މުސްކުޅިވުމުން އެ މީހަކު ހުންނާނެ ގޮތް ފޭސްއެޕުން އަންދާޒާކޮށްލެވުމަކީ ވަރަށް ގިނަ މީހުން މިހާރު ކުރަން ބޭނުންވާ ކަމެކެވެ.
ލަވަކިޔުންތެރިޔާ އެޑެލް މުސްކުޅިކޮށްފައި.
ހާއްސަކޮށް މަޝްހޫރު މީހުންގެ ފޮޓޯތައް ފެނިފައި، މިއަށް ޝައުގުވެރިކަން ދޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ބަތަލާ މިންޑީ ކޭލިން މުސްކުޅިކޮށްފައި.
އެކަމަކު މިކަމާ ދެކޮޅަށް ވާހަކަ ދައްކާ ބަޔަކު އެބަ ތިއްބެވެ. އެމެރިކާގެ ޑިމޮކްރެޓިކް ނެޝަނަލް ކޮމިޓީ (ޑީއެންސީ) އިން ވަނީ އަންނަ އަހަރުގެ ރިޔާސީީ ކެމްޕޭނުގައި ފޭސްއެެޕް ބޭނުން ނުކުރަން ވެސް ގޮވާލައި އެެއަށް ސަމާލުވުމަށް އިންޒާރު ދީފަ އެވެ. ސަބަބަކީ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ވެސް އާންމުންގެ ތެރޭގައި މިކަމުގެ ސަބަބުން އޮޅުންބޮޅުންވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމެވެ. އަދި އެމެރިކާގެ ސެނެޓާ ޗަކް ޝޫމާ ވެސް ވަނީ ފޭސްއެޕްގެ ކަންތައްގަނޑު މާބޮޑުވެއްޖެ ކަމަށް އޭގެ މައްސަލަ އެފްބީއައިން ވެސް ބަލަން ގޮވާލައްވައިފަ އެވެ.
BIG: Share if you used #FaceApp:
— Chuck Schumer (@SenSchumer) July 18, 2019
The @FBI & @FTC must look into the national security & privacy risks now
Because millions of Americans have used it
It’s owned by a Russia-based company
And users are required to provide full, irrevocable access to their personal photos & data pic.twitter.com/cejLLwBQcr
ފޭސްއެޕުން ހުއްދަ ނެތި މީސްމީހުންގެ ފޮޓޯތައް އެއްކޮށް، ބަދަލުތައް ގެންނަކަމުގެ ޝަކުވާ ވެސް ބޮޑެވެ. ނަމަވެސް އެ އެޕުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
"މުސްކުޅި" ފޮޓޯތަކުގެ ފޯރިގަނޑާ އެކު ފޭސްއެޕުން ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް އިރެއްގައި މީސްމީހުންގެ ފޮޓޯ ނަހަމަ ގޮތުގައި ބޭނުން ނުކުރާ ކަމަށެވެެ. އަދި މިހާރު ދައުރުވާ ހުރިހާ ފޮޓޯތަކަކީ ވެސް އެ ވެރި ފަރާތުން ސަބްމިޓްކޮށްގެން، ފީޗާތަކުގެ ބޭނުން ހިފާފައި ދޫކޮށްލާ ފޮޓޯތަކެއް ކަމަށް ބުންޏެވެ.
ކްރިކެޓް ތަރިންތަކެއް މުސްކުޅިކޮށްފައި.
އަދި މިކަމުގެ ތެރޭގައި މީސްމީހުންގެ ޒާތީ މައުލޫމާތުތައް އެއްކުރާ ކަމަށް ކުރާ ތުހުމަތުތައް ވެސް ދޮގު ކުރަމުން ފޭސްއެޕުން ބުނި އެ އެޕް ފަރުމާކޮށްފައި ވަނީ އެފަދަ ކަމެއް ކުރެވޭ ކަހަލަ ގޮތަކަށް ނޫން ކަމަށެވެ. އަދި އެ އެޕަކީ ބޭނުން ކުރާ މީހުންގެ ޕްރަވައިސީ ރައްކާތެރިކޮށް ދޭނެ އެޕެއް ކަމަށް ބުންޏެވެ.
ކޮންމެއަކަސް ފޭސްއެޕްގެ މަގުބޫކަމާއި އޭގެ ވާހަކަ މިހާރު ދެކެވޭލެއް ވަރަށް ވެސް ބޮޑަށް އިތުރުވެއްޖެ އެވެ. އަދި އޭގެ ބޭނުން ހިފާ މީހުން ވެސް އަންނަނީ އިތުރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހިދަރި
19 July 2019
މި ދިވެހިނަށް އެއްޗެއް ފެންނައިރަށް ކީއްތަމިވަނީ، އެއްޗަކުން ލިބިދާނެ ގެއްލުމެއް ބެލުމެއްނެތި ވައްޖުދުވަނީ.....
ސުވާލު
20 July 2019
ދިވެހިން އެކަންޏެއް ނޫން އިނގޭތޯ!
1234
18 July 2019
ފޭސްބުކާ ސްނެޕްޗެޓާ ގޫގުލް، އެންޑްރޮއިޑް އަދި އެޕަލް އިން ތިބާގެ ފޯނުގަ ހުންނަ ފޮޓޯތަކަށް ފުލް އެކްސެސް ދީގެން މިހުރިހާ ދުވަހު މިތިބެނީ އެމީހުން އެފޮޓޯތައް އެމީހުންގެ ސަރވާއަށް ނުނަގާކަމަށް ހީކޮށްބާ؟
ބަބުރުކަލޯ
18 July 2019
ސަހާދެއް ބޯހަލާކު.