ސިފަ ބަދަލުކުރެވޭ އާ އެޕެއް؛ މި ފަހަރު އޭއައި ޕޯޓްރެއިޓްސް

މީހާގެ ސިފައަށް އެކި ކަހަލަ ބަދަލުތައް ގެނެވޭ ފޭސްއެޕްގެ މަގުބޫލުކަން ކުއްލިއަކަށް ބޮޑުވެގެން ގޮސްފައި ވަނިކޮށް މި ޒާތުގެ އާ އެޕަކަށް އަނެއްކާ ވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.


މި އެޕްގެ ނަމަކީ "އޭއައި ޕޯޓްރެއިޓްސް" އެވެ. މީގެ އެންމެ ހާއްސަ އެއް ކަމަކީ 15 ވަނަ ގަރުނުގެ ފާހަގަކޮށްލެވޭ މަޝްހޫރު ބައެއް ޝަހުސިއްޔަތުންގެ ސިފަ އަށް އަމިއްލަ މީހާގެ ފޮޓޯ ބަދަލުކޮށްލެވުމެވެ. "އޭއައި ޕޯޓްރެއިޓްސް" އިން ގާތްގަނޑަކަށް 45،000 އާ މީހުންގެ ސިފަޔަށް މީހާގެ ފޮޓޯ ބަދަލުކުރެވެ އެވެ. ހާއްސަކޮށް މޫނުގެ ވަނާތަކެވެ.

އާ އެޕްގެ މަގުބޫލުކަން ބޮޑުވެ މި އެޕް ޑައުންލޯޑް ކުރެވޭ aiportraits.com ސައިޓް ވެސް ޑައުންވި އެވެ. އެކަމަކު ވަރަށް އަވަހަށް އަލުން އޭއައި ޕޯޓްރެއިޓްސް ބޭނުން ކުރެވޭނެ ގޮތް ހަދާނެ ކަމަށް ބުންޏެވެ. މި އެޕަކީ އެމްއައިޓީ-އައިބީއެމް ވަޓްސަން އޭއައި ލެބުން ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

މިފަދަ އެކި ޒާތުގެ އެޕްތަކާ އެކު ބައެއް މީހުން ދަނީ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ. އެއް ކަމަކީ މީހުންގެ ޒާތީ މައުލޫމާތު އެފަދަ އެޕްތަކުން ރައްކާކޮށް، ނަހަމަ ގޮތުގައި ބޭނުންކޮށްފާނެ ކަމުގެ ބިރު އޮތުމެވެ. ރަޝިއާގެ ފޭސްއެޕަށް ވެސް މި ތުހުމަތު ވަރަށް ބޮޑަށް ކުރެވިފައިވެ އެވެ.

އަދި މިކަމާ ގުޅިގެން އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން ވަނީ ފޭސްއެޕްގެ މައްސަލަ ތަހުގީގު ކުރަން ވެސް ގޮވާލައިފަ އެވެ.