ވައިން ހަކަތަ އުފައްދަން ޓާބައިން ގުޑި

ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި ބޭނުން ކުރުމަކީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން އެންމެ އާންމު ދެ ގޮތަކީ އަވިންނާއި ވައިން ކަރަންޓް އުފެއްދުމެވެ.


ވައިން ކަރަންޓް އުފައްދަން ބިމުގައި ވިންޑް ޓާބައިން ޖަހައިގެން އެކަން ކުރުމަކީ ވަރަށް ފުޅާކޮށް ބައެއް ގައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ. އެކަމަކު ކަނޑުގައި ޓާބަން ޖަހައިގެން ވައިން ހަކަތަ އުފެއްދުމަކީ އެހާ ފަސޭހަ އަދި ހަރަދު ކުޑަ ކަމަކަށް ވެސް ނުވެ އެވެ.

ނަމަވެސް އެމެރިކާގެ ކެލިފޯނިއާގެ ކުންފުންޏަކުން މި ވަނީ އާ ގޮތަކަށް ވިންޑް ޓާބައިން ފަރުމާކޮށް ނޯވޭގައި ޓެސްޓް ކުރަން ފަށައިފަ އެވެ. މި މަސައްކަތުގެ މުގުލުގައި އޮތީ މަކާނީ ކިޔާ ޓެކް ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ކަނޑުގައި ޓާބައިން ލުއިގޮތަކަށް ހަރުކޮށް، ވައިން ހަކަތަ އުފެއްދުމުގެ މަސައްކަތް ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންނެވެ.

މި ޓާބައިންތަކުގެ އެންމެ ހާއްސަ އެއް ސިފަކީ މަތިންދާ ބޯޓެއްގެ ސިފަ އަށް ހުންނަ ސައިޒުން މާ ބޮޑު ނޫން ގުޑިއެކެވެ. އަމިއްލަ އަށް މަސައްކަތްކުރާ ގޮތަށް ތައްޔާރުކޮށްފައިވާ ގުޑި އިންނާނީ ކަނޑުގައި ފްލޯޓްކުރެވޭ ގޮތަށް ހަރުކުރާ ސްޓޭންޑަކާ ގުޅި، ވައިތެރޭގަ އެވެ.

ކާބަން ފައިބަރުން ތައްޔާރުކޮށްފައިވާ ގުޑީގައި 85 ފޫޓަށް ފެތުރިފައިވާ ފިޔަގަނޑެއް އިންނާނެ އެވެ. އަދި ގުޑިވަޔާއެކު އެނބުރި ހަކަތަ އުފައްދަ ޓާބައިންގެ ގްރިޑްތަކަށް ފޮނުވާނެ އެވެ. އިމިއީ ވައިން ހަކަތަ އުފައްދަން ހަރަދު ކުޑަ އަދި މިކަމުގައި އިންސާނުން އަދާކުރާ ދައުރުކުޑަ ގޮތެކެވެ. މީގެ އެންމެ ފަސޭހަ އެއް ކަމަކީ ކޮމްޕިއުޓަރުން ވާނުވާ ވެސް ބެލޭ ގޮތަށް އިނުމެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން މަކާނީގެ ސީއީއޯ ފޯޓް ފެލްކާ ވިދާޅުވީ ގުޑި ޓާބައިނަކީ މުސްތަގުބަލުގައި ވައިން ހަކަތަ އުފައްދަން އެންމެ ރަނގަޅު ވަސީލަތަށް ވާނެ ކަމަށެވެެ. އަދި މިއީ ފުޅާކުރެވިދާނެ ކަމެއް ވިދާޅުވި އެވެ. އެގޮތުން ކަނޑުގެ ފުނުގެ ހަކަތަ ގުޑި ޓާބައިންގެ އެހީގައި ފަސޭހަ އިން ނެގޭނެ ކަމަށް ފެލްކާ ވިދާޅުވި އެވެ.

"މިއީ އޮފްޝޯ ވިންޑް ރިސޯސެސްގެ ބޭނުން މިހާރު އެދެވޭ ގޮތެއްގައި ނުހިހޭ ސަރަހައްދުތަކަށް ވަރަށް ވެސް ބޭނުންތެރި އެއްޗަކަށް ވާނެ،" ފެލްކާ ވިދާޅުވި އެވެ. "އާންމުކޮށް މި ޖަހާ ކަހަލަ ޓާބައިން ކަނޑުގައި ހަރުކުރަން އުނދަގޫ ސަރަހައްދުތަކަށް މި ނިޒާމުގެ މުހިއްމުކަން ބޮޑުވާނެ."

ކައިޓް ޓާބައިންގެ ވީޑިއޯއެއް.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އެންމެ ބޮޑަށް އަމާޒު ހިފާފައި ވަނީ ގުޑި އަބަދު ވެސް ވައިގެ ތެރޭގައި ހުއްޓާނުލައި ހަރަކާތްކުރާނެ ޓެކްނޮލޮޖިއެއް ގެނައުމެވެ. މިހާރު އޭތި މަސައްކަތްކުރާނީ ވައިޖެހޭ ވަގުތުތަކުގަ އެވެ. ނޫން ނަމަ ގުޑި ޓާބައިނަށް ތިރިވާނެ އެވެ. އަދި ވައި ޖެހެން ފެށުމުން ވައިގެ ތެރެއަށް އެނބުރި ދާނެ އެވެ.

މި ޕްރޮޖެކްޓްގެ ޗީފް އިންޖިނިއަރު ރ. ޕައުލާ އެޗެވެރީ ވިދާޅުވީ ގުޑި މަސައްކަތްކުރާ ގޮތް ވަރަށް ރަނގަޅަށް ޓެސްޓިން މަރުހަލާގެ ތެރޭގައި ރެކޯޑްކުރުމަށް ފަހު، އެއަށް ގެންނަޖެހޭ އިތުރު ބަދަލުތައް ގެނެސް، ތަރައްގީކުރާނެ އެވެ.