08 އޮކްޓޯބަރ 2019 - 07:03
ސްމާޓްފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތައް ބޭނުންކުރާ މީހުންގެ ޓައިޕިން ސްޕީޑް ވަރަށް ބޮޑަށް ހަލުވިވެފައިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަސިޓީ އާއި ފިންލެންޑްގެ އަލްޓޯ ޔުނިވަސިޓީއާ ގުޅިގެން ނިއުޒިލެންޑްގެ ޓެކް ކުންފުނި އީޓީއެޗް ޒިއުރިކުން ހަދާފައިވާ ދިރާސާގައި ބުނި ގޮތުގައި ސްމާޓްފޯނާއި ޓެބްލެޓް ފަދަ ޓަޗްސްކްރީނުން މިހާރު އެންމެ ހަލުވިކޮށް ޓައިޕްކުރާ އުމުރުފުރަ އަކީ އުމުރުން 10-19 އަހަރާ ދެމެދުގެ ކުދިންނެވެ.
އެ އުމުރުފުރާގެ ކުދިން އެއަށް ވުރެ ދޮށި މީހުންނަށް ވުރެ ހަލުވިކޮށް ކޮންމެ މިނިޓަކުން އެވްރެޖްކޮށް 10 ލަފުޒު ޓައިޕްކުރެ އެވެ. ދިރާސާގައި ބުނިގޮތުގައި ޓަޗް ސްކްރީނުން އެވްރެޖްކޮށް ގިނަ މީހުންނަށް ޓައިޕްކުރެވެނީ 38 ލަފުޒެވެ. އަދި ކޮމްޕިއުޓަރު ފަދަ އެއްޗެހީގެ ކީބޯޑުން އެވްރެޖްކޮށް ގިނަ މީހުންނަށް މިނިޓެއްގެ ތެރޭގައި ޓައިޕްކުރެވެނީ 52 ލަފުޒު ކަމަށް ވެސް ދިރާސާގައި ބުންޏެވެ.
ކޮމްޕިއުޓަރުގެ ކީބޯޑުން ޓައިޕްކުރާ ސްޕީޑަށް ބަލާއިރު އެވްރެޖްކޮށް މިނިޓެއްގެ ތެރޭގައި ގިނަ މީހުން 52 ލަފުޒު ޓައިޕްކުރެ އެވެ.
ETH researcher @AnnaFeit was part of the largest experiment to date on mobile typing. The study shows that the "typing gap" is decreasing. Find out more: https://t.co/E2VPv0qb7L pic.twitter.com/mQYjr7IDcX
— ETH Zurich (@ETH_en) October 2, 2019
ދިރާސާގައި އެންމެ ބޮޑަށް ފާހަގަވި ކަމަކީ ޓައިޕްކުރުމުގެ އެއްވެސް ޓްރޭނިންއެއް ނެތް އަދި ސްމާޓް ޑިވައިސްތަކާބީރައްޓެހި މީހުން ވެސް މިހާރު ވަރަށް ހަލުވިކޮށް ފޯނުން ޓައިޕްކުރާކަމެވެ.
އީޓީއެޗް ޒިއުރިކްގެ ރިސާޗަރު ޑރ. އަނާ ފެއިޓް ވިދާޅުވިގޮތުގައި ގިނަ މީހުން ޓަޗް ސްކްރީނުން ޓައިޕްކުރަނީ ދެ އަތަގެ ބޮޑުވައި އިނގިލި ބޭނުންކޮށްގެންނެވެ.
"ސްމާޓްފޯނު ބޭނުންކުރާ މީހުން ދުވާލެއްގެ މައްޗަށް ޓައިޕްކުރަން ގާތްގަނޑަކަށް ހައެއްކަ ގަޑިހޭދަކުރޭ،" އޭނާ ވިދާޅުވި އެވެ. "ސޯޝަލް މީޑިއާއަކީ ވަރަށް ބޮޑަށް ޓައިޕިންއާ ގުޅިފައި އޮވް ވަސީލަތަކަށްވާތީ ޓައިޕްކުރާ ސްޕީޑް ހަލުވިވަމުން އަންނަނީ،" އަނާ ވިދާޅުވި އެވެ. "އެހެންވީމަ ކުރިއަށް އޮތް ތަނުގައި ކޮމްޕިއުޓަރުން ޓައިޕްކުރާހާ ހަލުވިކޮށް ޓަޗްސްކްރީނުން މީހުން ޓައިޕްކުރާނެ."
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މިހާތަނަށް ފޯނުން އެންމެ ހަލުވިކޮށް ޓައިޕްކުރެވެނީ މިނިޓަކަށް 85 ލަފުޒްކަމަށް ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy