އެޕަލް ރިސާޗް އެޕްލިކޭޝަންގެ ބޭނުމަކީ ސިއްހަތާ ގުޅުން ހުރި ފަރުދީ މައުލޫމާތު ހޯދުން
19 ނޮވެމްބަރ 2019 - 07:32
މިއީ އެޕަލް އިން އުފައްދައިގެން އުޅޭ އެޕްލިކޭޝަނެކެވެ. ނަމަކީ "އެޕަލް ރިސާޗް" އެވެ. އެޕްލިކޭޝަންގެ ބޭނުމަކީ ރިސާޗްކުރުމެވެ.
ރިސާޗް އެޕްލިކޭޝަންގެ ބޭނުމަކީ މައުލޫމާތު ހޯދުމެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް، އިންސާނުންގެ ސިއްހަތާ ގުޅުން ހުރި، ތިން ދާއިރާއަކުން މައުލޫމާތު ހޯދަން އެޕަލް އިން ޝައުގުވެރިވެ އެވެ. އެޕަލް އިން މި ގޮތަށް ހޯދާ މައުލޫމާތު ހިއްސާކުރަން ހަމަޖައްސާފައި ވަނީ، އެ ދާއިރާއަކާ ގުޅުން ހުރި އަދި ވިޔަފާރީގައި އެޕަލް އަށް ބައިއަޅާ ބަޔަކާ އެވެ.
އަންހެނުންގެ ސިއްހަތާ ގުޅުން ހުރި މައުލޫމާތު، މައްސަރުކަންތައް އަދި ބަލިވެއިނުން ފަދަ ތަބީއަތުގައި ވެސް އަންހެނުންނަށް ޚާއްސަ ހާލަތްތަކާ ގުޅުން ހުރި މައުލޫމާތު އެއްކުރުމަށް ފަހު، ހިއްސާކުރަން ހަމަޖައްސާފައި ވަނީ އެމެރިކާގެ ހަވާޑް ސްކޫލްތައް އަދި ނޭޝަނަލް ހެލްތު އިންސްޓިޓިއުޓާ އެވެ.
ރިސާޗް އެޕްލިކޭޝަން މެދުވެރިކޮށް އެޕަލް އިން ހޯދަން އެދޭ ދެވަނަ ބޭނުމެއް ކަމަށް ލިސްޓްކޮށްފައި ވަނީ، ހެޑްފޯން ބޭނުންކުރާ ގޮތް އަދި "ނޮއިސް ޕޮލޫޝަން" އެވެ. މި މައުލޫމާތު ހިއްސާކުރާ ބަޔަކީ، ޔުނިވާސިޓީ އޮފް މިޝިގަން އަދި ވޯލްޑް ހެލްތު އޮގަނައިޒޭޝަން އެވެ.
އައިފޯން އަދި އެޕަލް ވޮޗް ބޭނުންކުރާ މީހުންގެ ތެރެއިން "ރިސާޗް" އެޕްލިކޭޝަން މެދުވެރިކޮށް އެޕަލް އަށް މައުލޫމާތު ފޯރުކޮށްދޭން އެދޭ ނަމަ، އެ މީހުންނަށް އޮތް ތިން ވަނަ ދާއިރާ އަކީ އިންސާނުންގެ ހިތެވެ. ހިތް ހިނގާ ގޮތް އަދި ވިންދުޖަހާ ގޮތެވެ. މި މައުލޫމާތު ހިއްސާކުރާނެ ކަމަށް ވަނީ، އަންހެނުންގެ ސިއްހަތަށް ޚާއްސަ ހޮސްޕިޓަލްތައް އަދި އެމެރިކަން ހާޓް އެސޯސިއޭޝަން އާ އެވެ.
އެޕަލް ގަޑިއެއް ގެންގުޅޭ ނަމަ އައިފޯނެއް ވެސް ބޭނުންުރާނެކަން ކަށަވަރެވެ. ދެން ކުރަންޖެހޭ ކަމަކީ އައިފޯނަށް "ރިސާޗް" އެޕްލިކޭޝަން އެޅުމަށް ފަހު، ގަޑިއާ ގުޅުވާލުމެވެ. އަދި މި ކަމާ ގުޅުން ހުރި ވަސީލަތްތައް ބޭނުންކުރުމަށް އެޕްލިކޭޝަނަށް ހުއްދަ ދިނުމެވެ.
އެޕަލް އިން ބުނާ ގޮތުގައި، ވަކި ވަކި ފަރުދުންނާ ގުޅުން ހުރި ސިއްހީ މައުލޫމާތު އެއްކުރަނީ ހަމަ ސިއްހީ ބޭނުންތަކުގަ އެވެ. އިންސާނިއްޔަތަށް ފަރުވާކުރުމަށެވެ. ސިއްހީ ދާއިރާ ހަރުދަނާކޮށް އިތުބާރާ އެކު ފަރުވާކުރުމަށެވެ. މި އުސޫލުން އެއްކުރެވޭ މައުލޫމާތު ލީކުވެގެން ނުދާނެކަން އެޕަލް އިން ކަށަވަރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާއެނގޭ
19 November 2019
ބުއްދިވެރި ކަމެއްނޫން.........