ޗައިނާގައި މުސްލިމުންނަށް އަނިޔާކުރާ ވާހަކަ ދެއްކުމުން ޓިކްޓޮކް ބޭނުންނުކުރެވޭ ގޮތް ހަދައިފި

ޗައިނާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުން ލާއިންސާނީ އަމަލުތައް ހިންގާއިރު އެއްވެސް ބަޔަކު އެ ވާހަކަ ނުދައްކާ ކަމަށް ބުނެ ޗައިނާގެ މަޝްހޫރު ސޯޝަލް އެޕް ޓިކްޓޮކްގައި ފުރާވަރުގެ އަންހެން ކުއްޖަކު ޕޯސްޓްކުރި ވީޑިއޯތަކަކާ ގުޅިގެން އެ ޕްލެޓްފޯމް އޭނާ އަށް ބޭނުން ނުކުރެވޭ ގޮތަށް ހަދައިފި އެވެ.


އެމެރިކާގައި ދިރިއުޅޭ ފީރޯޒާ އަޒީޒް އާންމުކުރި ތިން ވީޑިއޯއެއްގައި ޗައިނާ ވިގޫރް މުސްލިމުން ނައްތާލަން ޔަހޫދީންނާ ދެކޮޅަށް އެޑޯލްފް ހިޓްލަރު ހިންގި ފަދަ ކޮންސެންޓްރެޝޭންތައް ކޭމްޕްތައް ޗައިނާ އިން ހިންގައި އިތުރު ހޮލޮކޯސްޓެއް ކުރިއަށް ގެންދާ ކަމަށް ބުނެފައިވެ އެވެ.

ވީޑިއޯގައި ފިރޯޒާ ވަނީ މައުސޫމު މުސްލިމުންނާ ދެކޮޅަށް ޗައިނާ އިން ހިންގާ ލާއިންސާނީ އަމަލުތަކަށް ހޭލައި، އެކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ވެސް ގޮވާލައިފަ އެވެ.

އޭނާ މި ވާހަކަ ހިއްސާކުރި ވީޑިއޯތައް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވެ އެވެ. އޭނާ އެ ވާހަކަ ހިއްސާކުރި ފުރަތަމަ ވީޑިއޯ ފަށަނީ ބިއުޓީ ޓިޕެއްގެ ގޮތުގައި، ލޮލުގެ އެސްފިޔަ ރީތިކުރާ ގޮތް ކިޔައިދެމުންނެވެ. ނަމަވެސް އޭގެ ފަހުން ޗައިނާގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިފަ އެވެ.

ފީރޯޒާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ ޓިކްޓޮކް އެކައުންޓް މި މަހުގެ 15 ވަނަ ދުވަހު ބްލޮކްކުރުމަށް ފަހު، އަންގާރަ ދުވަހު ޓިކްޓޮކުން އޭނާގެ ފޯން ވެސް ބޭނުންނުކުރެވޭ ގޮތަށް ހަދާފައިވެ އެވެ. ނަމަވެސް ފުރަތަމަ ވީޑިއޯ އަށް 1.4 މިލިއަން ވިއުސް ލިބިފައި ވަނިކޮށް ޓިކްޓޮކުން ބްލޮކްކުރުމުން ފަހުން ވަނީ ޓްވިޓާ އާއި އިންސްޓަގްރާމްގައި ވީޑިއޯ ހިއްސާކޮށްފަ އެވެ. އަދި ޓިކްޓޮކް ބޭނުންކުރާ މީހުން ވީޑިއޯތައް ކޮޕީކޮށް އެ މީހުންގެ ޓްވިޓާގައި ފިރޯޒާގެ ވީޑިއޯ ހިއްސާކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ޓިކްޓޮކްގެ ތަރުޖަމާން ބީބީސީ އަށް ވިދާޅުވީ ފީރޯޒާ އަށް ވަގުތީ ގޮތުން ޓިކްޓޮކް ބްލޮކްކުރީ އޭގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާތީ ކަމަށެވެ. އަދި ޓިކްޓޮކަކީ ސިޔާސީ ކަންކަމާއި ޓެރަރިޒަމަށް ހިތްވަރުދޭ ޕްލެޓްފޯމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ފީރޯޒާ ތުހުމަތުކުރި މުސްލިމުންނާ ދެކޮޅަށް ހިންގާ ކޮންސެންޓްރޭޝަން ކޭމްޕްތަކާ ބެހޭ ގޮތުން ޗައިނާގެ ސަރުކާރުން ބުނީ އެއީ އަމިއްލަ އަށް އެދިގެން ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ތައުލީމާއި ތަމްރީނުގެ ހަރަކާތްތަކެއް ކަމަށެވެ. އަދި ލާއިންސާނީ އަމަލުތަކެއް ހިންގާ ކަމަށް ބުނާ ވާހަކަތަކުގައީ އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުންޏެވެ.

މިކަން ހިނގާފައިވަނީ ޓިކްޓޮކަކީ ޗައިނާގެ ސަރުކާރު ހިންގާ ކޮމިއުނިސްޓް ޕާޓީން ވާގިވެރިވާ އެޕެއް ކަމަށް އެމެރިކާ އިން ދާދި ފަހުން ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ.

މުސްލިނުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ނުހިންގާ ކަމަށް ޗައިނާ އިން ބުނި ނަމަވެސް އެ ގައުމުގެ މުސްލިމުންނާ ދެކޮޅަށް އެކި ކަހަލަ ހަރުކަށި ފިޔަވަޅުތައް އަޅައި ފިއްތުންތައް ވަރަށް ބޮޑަށް ކުރިމަތިކުރެ އެވެ. ބުރުގާ މަނާކުރުމާއި ނަމާދުކުރުމާއި ރޯދަ ހިފުން މަނާކުރުން ކަހަލަ ކަންކަން ކުރެ އެވެ.