20 ޑިސެމްބަރ 2019 - 08:30
ޔޫޓިއުބް ޗެނެލް ހިންގާ މީހުންގެ ތެރެއިން މި އަހަރު ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި މީހަކަށް މިދިޔަ އަހަރު ވެސް އެ މަގާމު ލިބުނު 8 އަހަރުގެ ރަޔަން ކާޖީ އަށް އަށް ލިބިއްޖެ އެވެ.
ފޯބްސް އިން އެކުލަވާލާފައިވާ ލިސްޓްގެ ކުރިން "ރަޔަން ވޯލްޑް" ގެ ނަމުގައި މިހާރު ޔޫޓިއުބް ޗެނެލް ހިންގާ ކުއްޖާގެ މި އަހަރުގެ އާމްދަނީ އަކީ 26 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު އޭނާ އަށް އާމްދަނީގެ ގޮތުގައި ލިބުނީ 22 މިލިއަން ޑޮލަރެވެ.
ކުރިން "ރަޔަންސް ޓޯއި ރިވިއު" ގެ ނަމުގައި ހިންގި ޗެނެލްގެ ސަބްސްކްރައިބަރުންގެ އަދަދު މިހާރު 22 މިލިއަނަށް އަރަ އެވެ. ކުޅޭ އެއްޗެހި ރިވިއުކޮށްދޭ ފަންނާނެއްގެ ގޮތުގައި ރަޔަން ޔޫޓިއުބަށް ތައާރަފުވީ މީގެ ހަތަރު އަހަރު ކުރިން 2015 ގަ އެވެ.
Announcing: The highest-paid YouTube stars of 2019 https://t.co/9y5GgPEAJU pic.twitter.com/UgkKuJP9l7
— Forbes (@Forbes) December 18, 2019
ފޯބްސްގެ ލިސްޓްގައިވާ ގޮތުން މި އަހަރު ޔޫޓިއުބް ޗެނެލުން ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ 20 މިލިއަން ޑޮލަރު ލިބުނު ޑޫޑް ޕާކެޓެވެ. ތިން ވަނައިގައި 18 މިލިއަން ޑޮލަރާ އެކު އޮތީ އަލަށް ޖާގަ ލިބުނު ނާސްޓިއާ އެވެ.
ގަދަ 10 ގައި ހިމެނޭ އިތުރު ފަންނާނުންނަށް ބަލާ އިރު ފަސް ވަނައިގައި އޮތީ މިދިޔަ އަހަރު ވެސް އެ މަގާމު ލިބުނު ޖެފްރީ ސްޓާ އެވެ. އޭނާގެ އާމްދަނީ އަކީ 17 މިލިއަން ޑޮލަރެވެ. ހަ ވަނައިން މި އަހަރު ޖާގަ ހޯދީ މުޅިން އާ ފަންނާނެކެވެ. އެއީ 14 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ޕްރެޒްޓޯން އާޒެމެންޓެވެ.
ދެ ދަރަޖައިގެ ކުރިއެރުމާ އެކު ހަތް ވަނައިގައި އޮތީ އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން ޔޫޓިއުބުން ބްރޭކެއް ނަގަން ނިންމިކަން އިއުލާންކޮށްފައިވާ ސްވިޑްންގެ މަޝްހޫރު ޕިއުޑިޕައި އެވެ. ދެވަނަ އަށް ދުނިޔޭގެ އެންމެ ގިނަ ބަޔަކު ފޮލޯކުރާ ޔޫޓިއުބް ޗެނެލް ހިންގާ ޕިއުޑިޕައިގެ މި އަހަރުގެ އާމްދަނީ އަކީ 13 މިލިއަން ޑޮލަރެވެ.
ހަތް ވަނަ އިން ޕިއުޑިޕައިގެ އިތުރުން އެހެން ފަންނާނަކަށް ވެސް ޖާގަ ލިބިފައިވެ އެވެ. އެއީ ހަމަ 13 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު މާކިޕްލިއާ އެވެ.
ނުވަ ވަނަ އިން ޑެނިއެލް މިޑްލްޓަން އަށް 12 މިލިއަން ޑޮލަރާ އެކު ޖާގަ ލިބުނު އިރު، ލިސްޓްގެ ފުލުގައި އޮތީ 11.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އިވަން ފޮންގެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy