ހުއްދަ ދިނަސް، ގޫގުލް އެޕްތައް ދެން ބޭނުމެއް ނުކުރާނަން: ވާވޭ

ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް އަކީ ސްމާޓްފޯން މާކެޓަށް މިލިއަނުން ފޯނު ނެރޭ ކުންފުންޏެކެވެ. ވާވޭ ފޯނުތައް ހިންގަނީ ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑް އިން ނެވެ. އެމެރިކާ އިން ޗައިނާ އަށް އިގްތިސާދީ ގޮތުން ދަތިކުރަން އެޅި ފިޔަވަޅުތަކުގައި، ވާވޭ އަށް މުދާ ނުވިއްކުމަށް އެމެރިކާ ކުންފުނިތަކަށް އެ ގައުމުން ވަނީ އަންގައިފަ އެވެ. ވާވޭ ސްމާޓްފޯނުތަކުގައި އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރަން ގޫގުލުން ދިން ހުއްދަ އަނބުރާ ގެންނަން ޖެހުނު ސަބަބކީ މިއީ އެވެ.


"ގޫގުލް މޮބައިލް ސާވިސް"ތަކަކީ އެންޑްރޮއިޑް ސްމާޓްފޯނުތަކުގެ ހިތެވެ. އެންޑްރޮއިޑް ފޯނު އުފައްދާ ކުންފުންނަކަށް، ގޫގުލް ޕްލޭ، ޖީމެއިލް، ޔޫޓިއުބް އަދި "އެޕްލިކޭޝަން ފްރޭމްވޯކް" ފަދަ ޚިދުމަތްތައް ބޭނުންކުރަން ހުއްދަ ނުލިބިއްޖެ ނަމަ، އެ ބައެއްގެ ޒަމާންދިޔައީ އެވެ. ފޯނު އުފައްދާނެ ކަމެއް ވެސް ނެތެވެ. ޗައިނާގެ ވާވޭ އަށް ލިބުނީ މި ލަނޑެވެ.

ގޫގުލުން ހުއްދަ ނުދިނެއް ކަމަކު ވާވޭ އިން ދިޔައީ އެންޑްރޮއިޑް ފޯނުތައް އުފައްދަމުންނެވެ. އެންޑްރޮއިޑް އަކީ އޭގެ ޒާތުގައި ހުރިހާ އެންމެންނަށް އަދި ލައިސަންސަކާ ވެސް ނުލައި ބޭނުންކުރެވޭ އޮނިގަނޑެއް އޮންނަ އޮޕަރޭޓިން ސިސްޓަމެކެވެ. އެހެންވެ، ވާވޭ އަށް އެނބުރެންޖެހުނީ މި ދިމާއަށެވެ.

ވާވޭ ފޯނުތައް "ގޫގުލް މޮބައިލް ސާވިސް"ތަކާ ނުލައި ބާޒާރަށް ނެރުމުން، އެ ނުވިކޭނެ ކަމަށް ބަޔަކު ގަބޫލުކުރި އެވެ. ނަމަވެސް، އެންޑްރޮއިޑް މާކެޓަށް އެއްވެސް ބަޔަކު ނުނެރޭހާ ބާރުގަދަ ހާޑްވެއާ ހިމަނައި ނެރުނު ފޯނުތައް ކަމުނުދާ އެކަކު ވެސް ނެތެވެ. އެހާ ވެސް ރީއްޗެވެ. ބާރުގަދަ އެވެ. އެންޑްރޮއިޑް އަކީ ކޮން އެއްޗެއްކަން އެނގޭ އެކަކަށް ވެސް، ވާވޭ ފޯނަކުން ރެކެވިފައި ނެތެވެ.

ގޫގުލް އިން ދިން ލަނޑުން އަރައިގަންނަން ވާވޭ ކުރި މަސައްކަތުން ކުންފުންޏަށް ވީ ފައިދާ އެވެ. ޗައިނާގައި އަދި އެހެން ގައުމުތަކުގައި ވެސް ވިޔަފާރި ވަކި ދަށެއް ނުވި އެވެ. އަހަރީ ހިސާބުކިތާބުތަކުން ދައްކާފައި ވަނީ ކުރި އެރުމެވެ.

ސްމާޓްފޯން ކުންފުނިތައް އާ އަހަރަކަށް ފޫގަޅާފައި ތިބިއިރު، ވާވޭ ދައްކަމުން ދަނީ ދޫކުރުމެއް ނެތް ކަމަށް ދައްކަން ހުރި ސިފަތަކެވެ. ވާވޭ އިން ބުނީ، ގޫގުލް މޮބައިލް ސާވިސްތައް ބޭނުންކުރަން އަލުން ހުއްދަ ދިން ނަމަވެސް، ބޭނުންނުކުރާނެ ކަމަށެވެ. ވަޅު ކައްޓަފުޅި ދާންޏަށް ނުސިހޭނެ ކަމަށެވެ. މިއީ ހަމަ އެ މީހުންގެ ބަސްމަގު ހުރި ގޮތެވެ.

ވާވޭ އިން މިހާރު މަސައްކަތްކުރަނީ އެ ކުންފުނީގެ ފޯނުތަކަށް ޚާއްސަ ވެއްޓެއް ގާއިމުކުރުމަށޭވެ. އެއީ "ވާވޭ އެޕް ގެލަރީ ސްޓޯ" އެވެ. މިކަން ކުރުމަށް ތިން ބިލިއަން ޑޮލަރު ހޭދަކުރަން ތައްޔާރު ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.