12 ފެބުރުއަރީ 2020 - 07:08
ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދުމަށް ހާއްސަ މޮބައިލް އެޕެއް ޗައިނާގައި ބޭނުންކުރަން ފަށައިފި އެވެ.
ސްމާޓްފޯނުން ކްއިކް ރެސްޕޮންޑް (ކިއުއާރް) ކޯޑްގެ އެހީގައި ފައިސާ ދެއްކޭ އަލީޕޭ އާއި ސޯޝަލް އެޕް ވީޗެޓާ ދާދި އެއްކަހަލަ ގޮތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "ކްލޯޒް ކޮންޓެކްޓް ޑިޓެކްޓާ" އެޕްގެ އެހީގައި ކޮރޯނާގެވައިރަސް އަސަރު އެއްވެސް ވަރަކަށް ހުރި ނުވަތަ އެ ބައްޔަށް ޝައްކުކުރެވޭ މީހަކާ ގާތްވެއްޖެ ނަމަ އެކަން އަންގައިދީ، އެ މީހަކަށް ބަލި ޖެހުމުގެ ފުރުސަތު އޮތް މިންވަރު އަންގައިދޭނެ އެވެ.
ފޯން ނަމްބަރު ބޭނުންކޮށްގެން ރަޖިސްޓްރީކުރެވޭ އެޕަށް ބޭނުންވާ މައުލޫމާތުގެ ތެރޭގައި ހިމެނެނީ އެ މީހެއްގެ ނަމާއި އައިޑީ ކާޑް ނަމްބަރެވެ. އަދި ރަޖިސްޓްރީކުރާ ކޮންމެ ނަމްބަރަކަށް މަދުވެގެން ތިން މީހެއްގެ ހާލަތު ވެސް އެޕުން ދެނެގަނެވޭނެ އެވެ.
މި އެޕް ތައްޔާރުކުރީ ޗައިނާގެ ސަރުކާރާއި އެ ގައުމުގެއި އިލެކްޓްރޯނިކްސް ޓެކްނޮލޮޖީ ގްރޫޕް ކޯޕަރޭޝަން (ސީއީޓީސީ) ގުޅިގެންނެވެ. އަދި އެ މި އެޕަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނީ ޗައިނާގެ ސިއްހަތާއި ދަތުރުފަތުރާ ބެހޭ އިދާރާރަކުންނެވެ.
ކޮރޯނާވައިރަހާ ގުޅިގެން ޗައިނާ އިން އަންނަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްކާތެރިކަމުގެ އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންނެވެ. މި ބަލި ފެތުރިގެން އައީ ވެސް އެ ގައުމުންނެވެ. އަދި މިހާތަނަށް އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޓިޒިވްވެ މަރުވެފައި ވެސް ވަނޯ ޗައިނާއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy