ވައިރަހާ ހެދި ޗައިނާ ނޫން ގައުމެއްގައި އައިފޯން ހަދަން ޖެހިދާނެ

ކޮވިޑް-19ގެ ނަން ދީފައިވާ ކޮރޯނާވައިރަހުގެ ނުރައްކަލާ ހެދި ޗައިނާގެ އެތައް ފެކްޓަރީއެއްގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި ވާތީ ޗައިނާ ނޫން ގައުމެއްގައި އެޕަލް އަށް އައިފޯން އުފައްދަން ޖެހިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.


އައިފޯނުތައް އުފައްދަނީ ޗައިނާގަ އެވެ. ކޮރޯނާވައިރަހުގެ ނުރައްކާ އެންމެ ބޮޑީ އެ ގައުމުގަ އެވެ. އައިފޯނުތައް އުފައްދަން ހަވާލުކުރި ފެކްޓަރީތައް ހުރީ ބަންދުކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ހުޅުވާފައި ހުރި ފެކްޓަރީގައި މަސައްކަތްކުރެވޭ މިންވަރު 10 ޕަސެންޓަށް ވުރެ އިތުރެއް ނޫނެވެ.

އެޕަލް އިން މި އަހަރުގެ ދެ ކޮޅު އައިފޯނުތައް ނެރެން ވަނީ ރާވައިފަ އެވެ. އެއީ މާޗުގައި އައިފޯނު 9 އަދި ބެލެވޭ ގޮތުގައި، އަހަރު ފަހުކޮޅު، އައިފޯނު 12 އެވެ. މި ސަބަބާ ހެދި ޗައިނާ ނޫން ގައުމެއްގައި އައިފޯތައް އުފައްދަން އެޕަލް އަށް މިހާރު ވަނީ މަޖުބޫރުވެފަ އެވެ.

މަސްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު، ޗައިނާގައި ހުރި ސާމާނުތައް ޓައިވާނަށް ބަދަލުކުރުމުގެ މަސައްކަތް އެޕަލް އިން އެބަ ކުރެ އެވެ. އެއީ ރާވާފައިވާ ތާރީޚަށް އައިފޯނުގެ މޮޑެލްތައް ނިންމުމަށެވެ.

އެޕަލް ޗައިނާ އިން ބޭރުވުމަކީ، އެމެރިކާގެ ރައީސް، ޓްރަމްޕް ހިނިފުޅުވަޑުވާނެ ކަމަކަށް ވާނެ އެވެ. އެއީ ޗައިނާ ނޫން ގައުމެއްގައި އައިފޯނުތައް އުފައްދަން ޓްރަމްޕް އެދިވަޑައިގެންފައި ވާތީ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، ޗައިނާގައި އައިފޯނު އުފައްދައި އެމެރިކާ އަށް އެތެރެކުރާ ނަމަ ބޮޑު ޓެކުހެއް ނަގާނެ އެވެ.

އެޕަލް މިހާރު އޮތް ހާލަތަށް ބަލާއިރު، ޓެކުހަކުން ރެކުމަށް ވުރެ، ކޮރޯނާވައިރަސް ނެތް ގައުމެއްގައި އައިފޯނު އުފެއްދުން ވަނީ ބޮޑު އަދި ސީރިއަސް ކަމަކަށް ވެފަ އެވެ. އެއީ ބޭނުންކުރާ މީހުންނަށް ވިއްކާފައި އޮތް ވައުދު ދަމަހައްޓައި، ކަސްޓަމަރުން ރުއްސުމަށެވެ.