ވީވޯ އަށް ހީލަތުގެ ތުހުމަތު: 13،500 ފޯނެއްގައި އައިއެމްއީއައި އެއްގޮތް

ވީވޯ އަކީ އަހަރެމެން ވެސް ދަންނަ ނަމެކެވެ. އެ ކުންފުނިން އުފައްދާ ސްމާޓްފޯނުތައް، ރާއްޖޭގައި ގިނަ ބަޔަކު ބޭނުންކުރެ އެވެ. ވީވޯ މަރުކާގެ ސްމާޓްފޯނުތައް، އަހަރެމެންގެ އަވަށްޓެރި އިންޑިއާގައި އަދި ވަކިން މަޝްހޫރެވެ.


ވީވޯ ސްމާޓްފޯނުތައް އިންޑިއާ މާކެޓަށް ތައާރުފުކުރުމާ އެކު ހިފެހެއްޓުމެއް ނެތި ހިނގައިގަތެވެ. އަހަރަކަށް ވުރެ އަހަރެއް ވިޔަފާރި ރަނގަޅުވަމުން ގޮސް، މި އަހަރުގެ މި ހިސާބަށް އިންޑިޔާ ސްމާޓްފޯން މާކެޓްގެ 17 ޕަސެންޓް ވީވޯ ހިއްސާކުރެ އެވެ. މިހާ ބޮޑު ކާމިޔާބަކުން ވީވޯ ވިދާލާފައި ވާއިރު، ވީވޯ އަށް ވަނީ ބޮޑު ތުހުމަތެއްގެ ހިޔަނި ވެސް އެޅިފަ އެވެ.

ވީވޯއާ ގުޅިފައިވާ މި ވާހަކަ ކިޔައިދީފައި ވަނީ "ސައިބާ ސެލް"ގެ މެމްބަރެކެވެ. މިއީ ފުލުހަކަށް ދިމާވި ހާދިސާއަކުން ކުރިފެޅި މައްސަލައެކެވެ. ދިއްލީ ސާވިސް ސެންޓަރަކުން ފުލުހަކަށް ލިބުނު ފޯނެއް، މަރާމާތުކުރުމުން ވެސް މަސައްކަތްނުކުރުމުން، ސައިބާ ސެލްގެ މެންބަރަކަށް ދެއްކި އެވެ. ޖެހިފައިވާ މައްސަލަ އަކީ "އައިއެމްއީއައި" ނަންބަރު ބަދަލުކޮށްފައި ވުމެވެ.

އައިއެމްއީއައި – "އިންޓަނޭޝަނަލް މޮބައިލް އިކްއިޕްމަންޓް އައިޑެންޓިޓީ" އަކީ ކޮންމެ ފޯނަކަށް ޚާއްސަ ވަކި ނަންބަރެކެވެ. ދެ ޑިވައިސްއެއްގައި ނުވަތަ އެ އަށް ވުރެ ގިނަ ޑިވައިސް އަކަށް، އެއް ނަންބަރެއް ދިނުމަކީ މަނާކަމެކެވެ. އެއީ ކުށެކެވެ.

މޮބައިލް ފޯނުތަކަށް ޚިދުމަތްދޭ ކުންފުނިތަކުން، ފޯނުތަކުގެ "އައިއެމްއީއައި" ނަންބަރު ރެޖިސްޓާކޮށް ޚިދުމަތްދިނުމުގައި އަދި އިތުރު ބޭނުންތަކެއް ވެ އެވެ. ފޯނެއް ވަގަށް ނަގައި، ގެއްލިއްޖެ ނަމަ، އެ ސަރަހައްދެއްގައި ބޭނުންނުކުރެވޭ ގޮތް ހެދުމަށް "އައިއެމްއީއައި" ނަންބަރު ބޭނުންވެ އެވެ. "އައިއެމްއީއައި" ނަންބަރަކީ ފުލުހުނަށް ވެސް ބޭނުންޖެހޭ ނަންބަރެކެވެ. ކުށްވެރިން އަތުލައިގަތުމަށެވެ.

ވަގުން އަދި ޑްރަގު ވިއްކާ މީހުން ގެންގުޅޭ ފޯނުތަކުގެ "އައިއެމްއީއައި" ބަދަލުކުރެ އެވެ. މިއީ ފުލުހުންނަށް ވެސް އެނގޭ ކަމެކެވެ. ނަމަވެސް، ސައިބާ ސެލް އަށް ފާހަގަވެފައިވާ ފަދައިން ވަކި މަރުކާ އަކަށް ނިސްބަތްކުރެވޭ 13،500 ފޯނެއްގެ "އައިއެމްއީއައި" ނަންބަރު ބަދަލުކޮށްފައި ވުމަކީ ހާސްވާންޖެހޭ ވަރުގެ ކަމެކެވެ. ވީވޯއާ ގުޅިގެން މި މައްސަލަ ބަލަމުން ދާއިރު، އިންޑިއާ އަކީ މި ފަދަ މައްސަލަތައް ގިނަ ގައުމެކެވެ.

މީގެ އަހަރުތަކެއް ކުރިން 2012 ގައި ވެސް ވަނީ އެއް "އައިއެމްއީއައި" ނަންބަރެއްގެ 18،000 ފޯނު އަތުލައިގަނެފަ އެވެ. މިއީ ބޮޑު މައްސަލައަށް ވެ އަދަބުދޭން ޖެހޭ ހިސާބަށް ދިއުމުން، 2017 ގައި ވަނީ އަދަބު ކަނޑައަޅާފަ އެވެ. ސާބިތުވެއްޖެ ނަަމަ ތިން އަހަރަށް ޖަލަށް ލުމެވެ. ފާއިތުވި އަހަރު، 2019 ގައި، އެއް ލައްކަ އަށް ވުރެ ގިނަ ފޯނުގައި، އެއް "އައިއެމްއީއައި" ނަންބަރު ބޭނުންކުރާކަން އިންޑިއާ ފުލުހުން ވަނީ ބުނެފަ އެވެ.