21 ޖޫން 2020 - 07:43
އެމެރިކާ ގަބޫލުކުރާ ގޮތުގައި ބާރުގަދަ ކޮންމެ އެއްޗެއް ހުންނަންޖެހޭނީ ހަމައެކަނި އެ ގައުމުގަ އެވެ. އެއީ ނިއުކްލިއާ ހަތިޔާރު ކަމަށް ވި ނަމަވެސް އެވެ. އެހެން ގައުމެއްގައި ހުރެއްޖެ ނަމަ، އެއީ ބިރުވެރިކަމެކެވެ. ޚާއްސަކޮށް ރަޝިއާ އަދި ޗައިނާގައި ހުރެއްޖެ ނަމަ އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެކެވެ.
ޕެންޓަގަން އިން މިހާރު އުޅެނީ ބިރުންނެވެ. ނިއުކްލިއާ ހަތިޔާރަކުން ސެޓެލައިޓްތައް އަންދާލަފާނެތީ އެވެ. މިއީ ވެސް، އެމެރިކާ ގަބޫލުކުރާ ގޮތުގައި، ރަޝިއާ އަދި ޗައިނާ ނޫން ބަޔަކު ކުރާނެ ކަމެއް ނޫނެވެ. މުއާސަލާތީ ސެޓެލައިޓްތަކަކީ ދުނިޔެ އަށް ކިހާ މުހިންމު އެއްޗެއްކަން އެމެރިކާ ނޫން ބަޔަކަށް ނޭނގެ އެވެ. ރަޝިއާ އަދި ޗައިނާ އިން، ސެޓެލައިޓްތަކަށް ހަމަލާދޭނީ، އެމެރިކާ ދެކޭ ގޮތުގައި، އޭގެ މުހިންމުކަން ނޭނގޭތީ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސް އިން ޝާއިއުކުރި "ސްޕޭސް ސްޓްރެޓެޖީ" ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕެންޓަގަން އަށް އޮތް އެންމެ ބޮޑު ހިތާމަ އަކީ، ރަޝިއާ އަދި ޗައިނާގައި ނިއުކްލިއާ ހަތިޔާރު ހުރުމެވެ. އަދި އެއީ އެމެރިކާއާ ދެކޮޅަށް ބޭނުންކޮށްފާނެ އެއްޗަކަށް ވުމެވެ.
ނިއުކްލިއާ ހަތިޔާރާ ބެހޭ ގޮތުން 1967 ގައި އެކުލަވައިލި "އައުޓާ ސްޕޭސް ޓްރީޓީ" މުއާހަދާގައި، ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން މަނާކޮށްފައިވެ އެވެ. މިއީ ނިއުކްލިއާ ހަތިޔާރު ހުރި ހުރިހާ ގައުމަކުން ބޯލަންބަންޖެހޭ އެއްބަސްވުމެކެވެ. އެކަމަކު، އެމެރިކާ ގަބޫލުކުރާ ގޮތުގައި، މި ފަދަ ކޮންމެ އެއްބަސްވުމަކުން، އެމެރިކާ އިސްތިސްނާވާންޖެހެ އެވެ. އެމެރިކާގައި ނިއުކްލިއާ ހަތިޔާރު ހުރުމަކީ މައްސަލައެއް ނޫނެވެ. އަދި ބޭނުންުކުރުމަކީ ވެސް މައްސަލައެއް ނޫނެވެ.
ޖައްވުގައި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށް، ސެޓެލައިޓްތައް އަންދާލައި، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ގޮއްވާލަން ބަޔަކު މަސައްކަތްކޮށްފާނެ ކަމަށް ބުނެ އެމެރިކާ ޝަކުވާކުރާއިރު، އެ ފަދަ ހާލަތަކަށް ދުނިޔެ ބަދަލުވަމުން ދަނީ އެމެރިކާގެ ސަބަބުންނެވެ. މުޅި ދުނިޔެ ހިސޯރުކުރަން އެމެރިކާއިން ހަންފެތުރުމެވެ. އެމެރިކާ ކުރާ ޖެއްސުންތަކަށް ކެތްނުކުރެވުމެވެ. އެމެރިކާ އަށް ނުވެ އޮތް ކަމެއް އެހެން ބަޔަކު ކުރިއަ ނުދިނުމެވެ. އެމެރިކާގެ އަމިއްލަ މަސްލަހަތަށް އެހެން ގައުމުތައް ގުރުބާންވާންޖެހުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
22 June 2020
ފޮޓޯތަކުންނާ ޓީވީތަކުން ފެންނައިރު އެންމެ މުސްކުޅި ވެރިން ފެންނާނީ އެމެރިކާއިން. އެމެރިކާގެ ސިޔާސަތުތައް އެހާ އަމިއްލައެދުން ބޮޑުވެފަ މަކަރުވެރީ އެހެންވެ.
މަޒް
22 June 2020
އެމެރިކާ ތިޔަބުނާ ހުރިހާކަމެއްވެސް ކުރަނީ ހީލަތްތެރިކާމާއެކު ވަރަށް މޮޅަށް..
ައަފުރާސިޔާބު
21 June 2020
އެމެރިކާ ބުނާގޮތުން އެމީހުން އެކިގައުމުތަކަށް ނިއުކްލިއަރބޮމާ އެނޫންވެސް ފަނާކުރަނިވި ހަތިޔާރުން ހަމަލާދެނީ އެމެރިކާގެ ނެޝަނަލް އިންޓަރެސްޓް ދިފާއުކުރުމަށް. އެނޫން ގައުމަކުން ފިސްތޯލައެއް ހަދައިފިނަމަ އެއީ މުޅިދުނިޔެއަށްހުރި ނުރައްކަލެއް. އެމެރިކާއިން ނިއުކްލިއަރ ޓެސްޓްކުރިޔަސް އެއީ ގާނޫނު ހުއްދަ ކުރާކުރުމެއް. އެނޫން ބަޔަކު ޓެސްޓެއްކޮށްފިނަމަ ބައިނަލްގަވާމީ މަނާކަމެއް. އެމެރިކާގެ ސެޓެލައިޓެއް ވައްޓާލަން ކެރޭނޭ ބަޔަކު ނުތިބޭނެ އީރާން ފިޔަވައި.
އާޔަތުލް މުނާފިޤު
21 June 2020
އެމެރިކާއަކީ ދުނިޔެއަށް އޮތް ބިރެއް، އެތައް ގައުމަކާ ދެކޮޅަށް ހަނގުރާމަކުރަމުން އިގުތިސާދީ ގޮތުން ދަތިކުރަމުން، އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހެމުން، ދާ ގައުމެއް. ހުރިހާ މުޢާހަދާތަކުން އެމީހުން ހިތަށް އެރީމާ އެދަނީ ބޭރުވަމުން، އެއްވސް މުޢާހަދާއަކަށް ބޮލެއްނުލަނބާ، އޭގައި އޮންނަ ގޮތަކަށް ޢަމަލެއް ނުކުރޭ، ވާހަކައެއް ދައްކަންޏާ ހަދަނީ ހުސްދޮގު، އަހުދެއްވެއްޖެއްޔާ ވަނީ ޚިލާފު، އަމާނާތެއް ހަވާލުވިޔަސް ވަނީ ޚިޔާނާތް
ވަގުންގެފޮށިއުތީމަށްނުބައްނާނެ
21 June 2020
ތާރީޚުން ފެންނަން އޮތް ގޮތުގައި ނިއުކުލިއަ ހަމަލާއެއް މިހާތަަނަށް ގައުމަކަށް ދީފައިވަނީ އެމެރިކާއިން، އަދި ދުނިޔޭގެ އެކިގައުމުތަކަށް އަރައި ހަނގުރާމަތައް ހިންގާފައިވަނީވެސް އެމެރިކާއިން، މިސާލަކަށް އިރާގަށް އަރައި އެތަން ލޫޓުވާލައި، އެތައް ބަޔަކު އަބޫޣުރައިބާ ގުއަންޓަނާމޯ ބޭގައި އަނިޔާކޮށް، ކަރަންޓު ޖައްސާ ޖިންސީގޯނާކުރީ، އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ، އަސްލުވާގޮތަކީވަގުންގެ ފޮށި ބާރަށް ބަންނާނެ، އެއީ އެމެރިކާއަށް ވާގޮތަކީ
ނިފޫ
21 June 2020
'ބަޔާސްޑް ޖާނަލިސްމް' އޭ ޑިކްޝަނަރީގަ ޖަހާލީމަ މި ލިޔުން ދަށްކަނީ
ރަދީފްއޮފިޝިއަލް
21 June 2020
މިއާޓިކަލްގަ ދޮގު ވާހަކައެއް އެބައޮތްތަ؟؟ މުޅިންވެސް ހުރީ ޔުނިވާސަލް ޓްރްތު. ބިޒްނެސްއިންސައިޑަރ އަދި ޑެއިލީމެއިލްފަދަ ސައިޓްތަކުން މި ހަބަރު ކިޔާލިއިރު ވެސް ޙުލާސާއަކީ އެއްވާހަކައެއް.އެހެންވީމަ ބަޔާސްޑް އޭ ކޮމާންޑޭ ޖާނަލިޒަމް ކިޔައިގެން ޖަހާލެވޭނެ މެޑަލްއެއް އޮންނާނެކަމަށް މަމެން ނުދެކެން.ވ.ވެދުން
އެމެރިކާ
21 June 2020
ޔޫއެސްއޭ ވެގެން އުޅޭ މީހުން އަނގައިގައި ހިތިރަހަލައްވާލާނެ ލިޔުމެއް މިއީ