ދެން ނެރޭ އައިފޯނަށް ޗާޖަރާއި ހެޑްފޯން ވަކިން ގަންނަން ޖެހިދާނެ

އެޕަލް އަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި ލިބެނީ އައިފޯނު ވިޔަފާރިންނެވެ. އައިފޯން އަދި އައިފޯނާ ގުޅިފައި ހުރި ވަސީލަތްތަކަށް އެ ކުންފުނިން އެހާ ފަރުވާތެރިވާ ސަބަބަކީ މިއީ އެވެ. ނަމަވެސް، މި އަހަރު ނެރޭ އައިފޯން، އައިފޯން 12 އާ އެކު ހެޑްފޯން އަދި ޗާޖަރު ވެސް ނުލިބޭނެ ކަމަށް މަސްރަހު ދިރާސާކުރާ މީހުން އެބަ ބުނެ އެވެ.


އައިފޯން 12އާ އެކު ޗާޖަރު އަދި ހެޑްފޯނު ނުހިމަނާ ސަބަބެއް ކަމަށް ބުނަނީ ޚަރަދު ކުޑަކުރުމަށެވެ. އަދި އައިފޯން 11 އަށް ވުރެ، އައިފޯން 12 އަގު ބޮޑުވުމަކީ އެޕަލްގެ ކަންބޮޑުވުމެއް ކަމަށް ވެސް ބުނެ އެވެ.

މި ޚަބަރާ ބެހޭ ގޮތުން އެޕަލް އިން އަދި ވާހަކައެއް ނުދައްކަ އެވެ. ތެދު މައުލޫމާތު އޮޅުފިލުވަން މަޝްހޫރު ޚަބަރު ނޫސްތަކުން އެޕަލް އަށް ފޮނުވި އީމެއިލްތަކަށް އަަދި ޖަވާބެއް ނުދެ އެވެ. އެހެންވެ ބެލެވެނީ މިއީ އެޕަލް އިން ކޮންމެވެސް ފެންވަރެއްގައި ވިސްނާފައި އޮތް ކަމެއްގެ ގޮތުގަ އެެވެ.

ޗާޖަރު އަދި ހެޑްފޯން ފަދަ ބައިތައް އައިފޯން ފޮށީގައި ހިމެނުން ހުއްޓާލުމާ މެދު އެޕަލް އިން ވިސްނާ ކަމަށް ބުނެ މީގެ ކުރިން ވެސް ވަނީ ވާހަކަދެކެވިފަ އެވެ. އެއީ ވެސް އައިފޯން އުފައްދަން ހިނގާ ޚަރަދުގެ ނިސްބަތުން އެޕަލް އަށް ލިބޭ އާމްދަނީ އިތުރުކުރަން ކަމަށް މީހުން ވާހަކަ ދެއްކި އެވެ. މި ކަމެއް ހިނގާފައި ވަނީ އައިފޯން 11 އަށް ވުރެ ވެސް ކުރިންނެވެ. ނަމަވެސް، އަދި އަމަލަކުން މިކަމެއް ނުފެނެ އެވެ.

އައިފޯނާ ގުޅުން ހުރި ބައިތަައް، ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި، އުނިކުރުމަކީ މި ވަގުތަށް ކުރަން ރަނގަޅު ކަމެއް ކަމަށް އެޕަލުން ދެކޭ ނަމަ، މި އަހަރުގެ ސެޕްޓެމްބަރު / އޮކްޓޯބަރުގައި، އެކަން ކަށަވަރުވާނެ އެވެ. އަދި މިހާރު ދުނިޔެ އަށް ފެތުރިގެންފައި ވާ ކޮވިޑް-19 ބަލިމަޑުކަމަކީ ވަފާތެރިންނަށް ދައްކަން އެޕަލް އަށް އޮތް ރަނގަޅު ހުއްޖަތަކަށް ވެސް ވާނެ އެވެ.