ޓިކްޓޮކް އެމެރިކާގައި މަނާކޮށްފާނެކަމުގެ އިޝާރާތެއް

ޗައިނާގެ ޓިކްޓޮކަކީ އެމެރިކާގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އެ ގައުމުން ކުރިން ވެސް ބުނެފައި ވަނިކޮށް އެ އެޕް އެމެރިކާގައި މަނާކޮށްފާނެކަމުގެ އިޝާރާތެއް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ދެއްވައިފި އެވެ.


ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އެމެރިކާ މިހާރު އޮތީ ޓިކްޓޮކާ އެކު، ޗައިނާގެ އިތުރު އެޕްތަކަކަށް ފިޔަވަޅު އެޅުމުގެ މަރުހަލާގައި ކަމަށެވެ.

"ހާއްސަކޮށް ޓިކްޓޮކް. އެ އެޕަކީ މިހާރުން މިހާރަށް ވެސް މަނާކުރަން ޖެހޭ އެއްޗެއް ކަމަށް އަޅުގަނޑުމެން ދެކެނީ." ޕޮމްޕިއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާގެ އެޕްތަކަށް ކުރެވޭ ތުހުމަތުތަކާއި އެ އެއްޗެހީގެ އިތުބާރާ މެދު ގިނަ ރައްޔިތުންތަކެއްގެ މެދުގައި ވެސް ޝައްކުތަކެއް ހުރުމާ އެކު ޓިކްޓޮކް ފަދަ ޗައިނާގެ އެޕްތަކީ ބޭނުންކުރުން ރައްކާތެރި އެއްޗިއްސެއް ނޫނެވެ.

"އެހެންވީމާ ޓިކްޓޮކާ އެކު ޗައިނާގެ އެޕްތަކެއް މަނާކުރުމަކީ އަހަރެމެންގެ ކުރިމަތީގައި އޮތް ވަރަށް މުހިއްމު މައްސަލައެއް. ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ހުންނެވީ އެ ފިޔަވަޅު އަޅުއްވަން ތައްޔާރަށް،" ޕޮމްޕިއޯ ވިދާޅުވި އެވެ.

އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކަކީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރާއި އެ ގައުމުގެ އަސްކަރިއްޔާ އިން ވާގި ދީގެން ޖާސޫސްކުރަން ބޭނުންވާ އެއްޗެކެވެ. އެގޮތުން އެ ބޭނުންކުރާ އެމެރިކާ ރައްޔިތުންގެ ޑޭޓާ ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ތުހުމަތު ބައިޓްޑާންސުން ހިންގާ ޓިކްޓޮކްގެ މައްޗަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުހެ މެމްބަރުންތަކެއް ވެސް މިދިޔަ އަހަރު ކޮށްފައިވެ އެވެ.

އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކަކީ މި އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބަށް ވެސް ނުފޫޒު ފޯރުވަން ޗައިނާ އިން ބޭނުންކޮށްފާނެ ހަތިޔާރެކެވެ.

ނަމަވެސް ޓިކްޓޮކަށް ކުރާ ތުހުމަތުތައް ބައިޓްޑާންސުން ދޮގުކުރެ އެވެ.

ޕޮމްޕެއޯ ވިދާޅުވި ގޮތުގައި ޓިކްޓޮކާއި ބައިޓްޑާންސްގެ ވެރިއަކަށް މިހާރު އެމެރިކާގެ މީހަކު ހުރުމަކީ މި މައްސަލާގައި އެ މީހުން ޖަވާބުދާރީކުރުވަން ވެސް އިތުރަށް ފަސޭހަވާނެ ކަމެކެވެ. ޓިކްޓޮކްގެ ސީއީއޯގެ މަގާމާއި ބައިޓްޑާންސްގެ ސީއޯއޯގެ މަގާމު މިދިޔަ މަހުގެ 1 އިން ފެށިގެން އަދާކުރަމުން އަންނަނީ ކުރިން ޑިޒްނީގައި މަސައްކަތްކުރި ކެވިން މޭޔާ އެވެ.

ޕޮމްޕިއޯ ވިދާޅުވީ އެމެރިކާގެ ރައްޔިތުންގެ ރައްކާތެރި ކަމަށް ވުރެ މުހިއްމު ކަމެއް ނޯންނާނެ އެވެ. އެހެންވެ ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކޮށް ހިމާޔަތްކޮށް ދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވި އެވެ.

އެެމެރިކާ އިން ޓިކްޓޮކް މަނާކޮށްފާނެކަމުގެ އިޝާރާތެއް އެމެރިކާ ދިން އިރު، މިދިޔަ މަހުގެ 29 ވަނަ ދުވަހު އިންޑިއާ އިން ވަނީ ޓިކްޓޮކާ އެކު ޗައިނާގެ 59 އެޕެއް އެ ގައުމުގައި މަނާކޮށްފަ އެވެ. އުޒުރަކަށް ދެއްކީ ގައުމީ ސަލާމަތަށް ނުރައްކާވުމެވެ.