25 އޮކްޓޯބަރ 2019 - 19:52
ޓިކްޓޮކް ބޭނުންކުރާ އެމެރިކާ ރައްޔިތުންގެ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކޮށް ޖާސޫސުކޮށްފާނެ ކަމަށާއި އެހެންވެ މިއީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އެޕެއް ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުންތަކެއް ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު ޗަކް ޝޫމާ އާއި ރިޕަބްލިކަން ޕާޓީގެ މެމްބަރު ޓޮމް ކޮޓަން އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވި ގޮތުގައި ޓިކްޓޮކަކީ ނޭނގި ތިއްބައި އެމެރިކާ ބޮޑު ހައިޖާނުގަނޑެއްގެ ތެރެއަށް ވައްޓައިލާނެ އެއްޗެކެވެ. އެހެންވެ އެމެރިކާގެ ޖާސޫސީ އިދާރާތަކުން ޓިކްޓޮކްގެ މައްސަލަ ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އެ މެމްބަރުން ވިދާޅުވި ގޮތުގައި އެމެރިކާގެ ރިޔާސީ އިންތިހާބު ވެސް ބޯމަތިވެފައި އޮއްވައި އެ ގައުމުގެ ރައްޔިތުންގެ މެދުގައި ޓިކްޓޮކްގެ ނުފޫޒު ގަދަވެގެން ދިއުމަކީ 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް "ރަޝިއާ އިން ނުފޫޒު ފޯރުވި ގޮތަށް" ޓިކްޓޮކް ނިސްބަތްވާ ޗައިނާ އިން ވެސް ނުފޫޒު ފޯރުވައިފާނެ ކަމެކެވެ. އަދި މެމްބަރުން ޓިކްޓޮކް ސިފަކުރެއްވީ އެމެރިކާ އިން ބްލެކްލިސްޓްކޮށްފައިވާ ޗައިނާގެ ވާވޭ ފަދަ "ނުރައްކާތެރި" ބައެއްގެ ގޮތުގަ އެވެ.
It’s been downloaded more than 110 million times in the U.S.
— Chuck Schumer (@SenSchumer) October 24, 2019
It could be a potential target of foreign influence campaigns into our elections like in 2016.
It’s past time to find out if TikTok poses a national security risk.https://t.co/qB04rAVeY3
"އެމެރިކާގައި ޓިކްޓޮކްގެ ނުފޫޒުގަދަވުމަކީ ކައުންޓައިންޓެލިޖެންސަށް އޮތް ބިރެއް. އަދި މިއީ އިހުލާމުކޮށްލައިގެން ތިބެވޭ ކަހަލަ ކަމެއް ނޫން،" މެމްބަރުން ވިދާޅުވި އެވެ. "އަދި އެ އެޕަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ވާގިވެރިވާ އެޕެއް. އޭގެ މާނަ އަކީ ޖާސޫސުކުރުމުގެ މަގު އެ މީހުންނަށް ވަރަށް ބޮޑަށް ފަހިވެފައޭ އޮންނާނީ. އެހެންވީމާ މިއީ އަހަރެމެން ލޯ މަރާލައިގެން ތިބެން ޖެހޭ ކަހަލަ ކަމެއް ނޫން."
ތަފާސްހިސާބުތައް ދައްކާ ގޮތުން އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 110 މިލިއަނަށް ވުރެ ގިނަ އެވެ.
މެމްބަރުންތަކެއް ޓިކްޓޮކަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޓިކްޓޮކަކީ އެ އެޕް ބޭނުންކުރާ އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ރައްކާކޮށް، އޭގެ ބޭނުން ނަހަމަ ބޭނުންހިފާނެ އެޕެއް ނޫން ކަމަށެވެ. އަދި ޓިކްޓޮކަކީ ސައިބަސެކިއުރިޓީގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ހިންގާނެ އެޕެއް ކަމަށް ބުންޏެވެ.
"މިކަމަށް ހާއްސަ ޓެކްނިކަލް ޓީމެއް ވެސް ޓިކްޓޮކްގައި އޮންނާނެ. އެހެންވީމާ މިއީ ބޭނުންކުރާ މީހުންގެ އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރާނެ އެޕެއް ނޫން،" ބައިޓްޑާންސުން ބުންޏެވެ.
ވީޑިއޯތައް އަޕްލޯޑްކުރަން ހާއްސަ އެޕެއްގެ ގޮތުގައި މަޝްހޫރު ޓިކްޓޮކަކީ 2017 ގައި ރަސްމީކޮށް ވުޖޫދަށް އައި އެޕެކެވެ. އަދި މިއީ ފޭސްބުކް ފިޔަވައި ދުނިޔޭގައި މިހާރު ދެވަނަ އަށް އެންމެ ގިނައިން ޑައުންލޯޑްކުރާ އެޕް ވެސް މެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy