އިންސާނުން މާސް އަށް ދާނީ ވީނަސްގައި ރޭކޮށްފައި!

މާސް އަށް ދެވެން ހުރި ގޮތްތައް ސައިންސްވެރިން ކިޔައިދޭއިރު ހީވަނީ ދެ އިނގިލިކުރިން ފުއްޓަތްކެއް ޖެހުން ކަހަލަ ފަސޭހަ ކަމެއްހެންނެވެ. މާސް އަށް ގޮސް އައިސްވުމަކީ އެ ބުނާހާ ފަސޭހަ ކަމެއް ނަމަ ހަމަ މިހާރު ދަތުރަށް ފަށަންވީ އެވެ.


ދުނިޔެ ވަށައިގެންވާ މާހައުލާއި ކާއިނާތާ ބެހޭ ގޮތުން ލިޔާ މީހުން ބުނަނީ، ދުނިޔެ ދޫކޮށް ކުރަން ހުރި ދަތުރުތައް ލަސްވަނީ، އިންސާނުން ފުރަތަމަ ފޮނުވާނެ ތަނަކާ މެދު ނާސާ އަށް ގޮތެއް ނުނިންމިގެން ކަމަށެވެ.

އެމެރިކާގައި ސިޔާސަތު ކަނޑައަޅާ މީހުން ބުނަނީ، އިންސާނުން މާސް އަށް ދިއުމުގެ ކުރިން ހަނދަށް ދާނެ ކަމަށެވެ. އެ ތަނުގައި ޗުއްޓީ ހޭދަކުރާނެ ކަމަށެވެ. މިއީ ސިޔާސީ މީހުން ބުނާ ގޮތެވެ. ސައިންސްވެރިން ބުނަނީ، މާސް އަށް ދަތުރު ފެށުމުގެ ކުރިން ހަނދުގައި އެސްޓްރޮނޯޓުން މިލިޓަރީ ސްޓައިލް ތަމްރީންތަކެއް ހަދާނެ ކަމަށެވެ.

މާސް އަށް ދިއުމުގެ ކުރިން ވީނަސް އަށް ދާ ވާހަކަ ވެސް އެބަ ދެކެވެ އެވެ. އެކަމަކު މިއީ އަދަކު، އިއްޔެއަކު ދެކެވޭ ވާހަކަތަކެއް ނޫނެވެ. މި ވާހަކަތަކަށް ބަހުސް ނުކުރާ އިރެއް ނެތެވެ.

އިންސާނުން ދުނިޔެ ނޫން ތަނެއްގައި އާބާދުކުރުމުގެ މައުލޫގައި މިހާރު ފުލުސްޓޮޕްޖެހެނީ ވީނަސްގަ އެވެ. ވީނަސް އަށް ގޮސް އައުމަށް ނަގާ މުއްދަތު ކުރު ނަމަވެސް، ވީނަސް އަކީ މާސް އަށް ވުރެ ވެސް އުޅެން ދަތި ތަނަކަށް ވާނެ ކަމަށް ސައިންސް ބުނެ އެވެ. ވީނަސް ހޫނުގަދަވެފައި ވިހަވުމަކީ އޮތް އެންމެ ބޮޑު ބިރެވެ. ނަމަވެސް، މާސް އަށް ވުރެ ކުރިން އިންސާނުން ވީނަސްގައި ރޭކޮށްލުމަކީ ތަޖުރިބާނުކޮށް ދޫކޮށްލެވެން ނެތް ކަމެއްގެ ގޮތުގައި ސައިންސްވެރިން ދެކެ އެވެ.

މާސް ފިންޏެވެ. ބިމަށް ދަމާ ބާރު ދަށެވެ. ނާސާގެ ރޮބޮޓްތައް މިހާރު ވެސް އެ ތަނުގައި އެބަ ދުވެ އެވެ. ވަށައިގެން ފެންނަ މާހަލު، ފޮޓޯ އަދި ވީޑިއޯގެ ޒަރިއްޔާއިން ނާސާ އަށް ފެނެ އެވެ. އެހެންކަމުން، މާސް އަކީ ވީނަސް އަށް ވުރެ އިންސާނުންނަށް ފަރިތަ ތަނެއް ކަމަށް ބެލިދާނެ އެވެ. އެހެން ނަމަވެސް، ނާސާގެ ޓެސްޓް އުޅަނދެއް ދުވަހަކު ވެސް ވީނަސްގައި ބަނދަރުކޮށްފައި ނުވެ އެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި އިންސާނުން އެބަ އުޅެ އެވެ. އެ ތަނުގައި މީހުން ތިބީ އެއީ އެންމެ ރައްކާތެރި ތަނަށް ވާތީއެއް ނޫނެވެ. އެ ނޫން ތަނެއް ނެތިގެންނެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި އިންސާނުން ހޭދަކުރި ދުވަސްތަކަށް ބަލާއިރު، އެ މީހުންނަށް ދިމާވެފައި ހުރި ސިއްހީ މައްސަލަތައް ކުރިފަޅާފައި ވަނީ "ގްރެވިޓީ" -- ބިމަށް ދަމާ ބާރު ދަށްވުމުން ކަމަށް މާހިރުން ބުނެ އެވެ އެސްޓްރޮނޯޓުންނަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ގައިގެ ކަށިން މަސް ދޫވުން، ހިތުގެ މަސްތަކުގެ ބާރުކެނޑި ވިންދު ދަށްވުން، ފުއްޕާމޭގެ ތަނަސްވަކަން ކުޑަވުން އަދި ފެނުމަށް އަސަރުކުރުން ހިމެނެ އެވެ. މާސްގައި އާބާދުވާ ބަޔަކަށް މިއީ އަދި ވަކިން ބޮޑު ބިރަކަށް ވާނެ އެވެ.

ޖައްވީ ފަޅުވެރިންގެ ސިއްހީ ހާލަތަށް ބަލާއިރު، ދިގު ދަތުރެއްކޮށްފައި މާސް އަށް ދިއުމަށް ވުރެ ވީނަސް އަށް ދިއުން ރަނގަޅު ކަމަށް ނާސާ އަށް ވެސް ވަނީ ގަބޫލުކުރެވިފަ އެވެ. ވީނަސް އަކީ ދުނިޔެ އަށް ވުރެ ހޫނު ތަނެއް ނަމަވެސް، މާސް އަށް ވުރެ ބިމަށް ދަމާ ބާރު ގަދަ އެވެ. އެހެންކަމުން، ބިމަށް ދަމާ ބާރު ދަށްވުމުގެ ސަބަބުން އިންސާނުންނަށް ދިމާވާ މައްސަލަތައް، ވީނަސްގައި ދިމާނުވާނެ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.

މާސް އަށް ކުރާ ދަތުރު ވީނަސްގައި މަޑުކޮށްފައި - އަދި މިއީ ސައިންސްވެރިން ކުރާ ޚިޔާލެއް

މާސްއާ ޚިލާފަށް ވީނަސްގެ ބިމުގައި ކެތްކުރުމަކީ އިންސާނުންނަށް ދަތި އުނދަގޫ ކަމަކަށް ވާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ. ސައިންސްވެރިން ވިސްނަނީ ވީނަސްގެ ބިމުގެ ބަދަލުގައި، ވީނަސް ވަށައިގެން ލެވިފައި އޮތް ގޭސްވިލާތަކުގެ މަތީގައި "ފްލޯޓިން ކްލައުޑް ސިޓީ"އެއް ބިނާކުރުމަށެވެ. މިއީ ވެސް ސައިންސްވެރިން ބުނާ ގޮތުގައި ހުއްޓަތްކެކެވެ. އަމިއްލަ އަށް ފުފޭ ޒާތުގެ ބިޔަ ހަންތަކެއް އެ ހިސާބަށް ގެންދިއުމުން ނިމުނީ އެވެ. އެކަމަކު، މި ހަންތައް އެ ހިސާބަށް ގެންދާނެ އުޅަނދެއް އަލުން ބަލުން ޖެހޭނީ ބަންނާށެވެ. ދުނިޔެއިން ދާ އުޅަނދުތައް ކްލައުޑް ސިޓީގައި ރޭކުރުމަށް ފަހު، މާސް އަށް ކުރާ ދަތުރުގެ ވާހަކަ އަދި އޮތީ އެވެ.