އެޕަލްގެ ސަބަބުން ވާދަވެރިންނަށް ފުރުސަތު ގެއްލޭ: ރަޝިއާ

މޮބައިލް އެޕްލިކޭޝަން މާކެޓްގައި އެޕަލް އަށް އޮތް ފުރުސަތު ނަހަމަ ގޮތުގައި ބޭނުންހިފާ ކަމަށް ރަޝިއާގެ "ފެޑެރަލް އެންޓިމޮނޮޕޮލީ ސާވިސް" އިން ބުނެފި އެވެ. ފެޑެރަލް އެންޓިމޮނޮޕޮލީ ސާވިސް އިން ބުނީ، މިއީ އެޕަލް އަށް ކުރެވޭ ތުހުމަތެއް ނޫން ކަމަށާއި މިކަން ސާބިތުވާން އެބަ އޮތް ކަމަށެވެ.


އެޕަލްގެ މޮބައިލް ޑިވައިސްތަކަށް، ޚާއްސަކޮށް އައިއޯއެސް ޑިވައިސްތަކަށް ސައްހަ ގޮތުގައި އެޕްލިކޭޝަން އިންސްޓޯލްކުރެވޭ ހަމައެކަނި މާކެޓަކީ އެޕަލް ސްޓޯރެވެ. މި ނޫން ދިމާއަކުން ކިތަންމެ ރަނގަޅު އެޕްލިކޭޝަނެއް ލިބުނަސް، އެޕަލްގެ ޑިވައިސްއަކަށް އިންސްޓޯލެއް ނުކުރެވެ އެވެ. މިއީ މިފަދަ ތަހުޒީބީ ޒަމާނެއްގައި ވާދަވެރިކަން ނަގާލުން ނޫން ކަމަށް ފެޑެރަލް އެންޓިމޮނޮޕޮލީ ސާވިސް ވަނީ ބުނެފަ އެވެ.

ރޮއިޓާސް އިން ބުނާ ގޮތުގައި ފެޑެރަލް އެންޓިމޮނޮޕޮލީ ސާވިސް އިން އެޕަލް ތަހުގީގުކުރަން ފެށީ ކެސްޕާސްކީ އިން ޝަކުވާކުރުމުންނެވެ. ކެސްޕާސްކީ އަކީ އެކި އޮޕަރޭޓިން ސިސްޓަމްތަކަށް ސޮފްޓްވެއާ އުފައްދާ ކުންފުންޏެއް ނަމަވެސް، އެ މީހުންގެ އުފެއްދުންތަކާ މެދު ދުނިޔެ ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ. ސޮފްޓްވެއާ އިން ކުރެވޭ ކަމަށް ބުނެފައި ހުންނަ ބޭނުންތަކަށް ވުރެ ކެސްޕާސްކީ ސޮފްޓްވެއާތައް ބިރުވެރި ގޮތަކަށް ހަރަކާތްތެރިވާތީ އެވެ.

ކެސްޕާސްކީން ބުނީ އެ މީހުންގެ "ސޭފް ކިޑްސް" އެޕްލިކޭޝަންގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން "އަޕްޑޭޓް"ކުރަން ކުރި މަސައްކަތްތައް އެޕަލުން ބަލައިނުގަތް ކަމަށެވެ. އޭގެ ބަދަލުގައި އެޕަލް އިން "ޕޭރެންޓް ކޮންޓްރޯލް" އެޕްލިކޭޝަނެއް އަމިއްލަ އަށް އުފައްދައި، ކެސްޕާސްކީ އަށް ހުރަސްއެޅި ކަމަށެވެ.

އެޕަލް އިން ނޫން ބަޔަކު އެޕްލިކޭޝަނެއް އުފައްދައިފި ނަމަ އެ މީހުން ބަލަނީ އެއީ ބޭނުންކުރަން ރަނގަޅު އެޕްލިކޭޝަނެއް ނޫން ކަމަށެވެ. އަދި އެޕަލްގެ ޑިވައިސްތައް ބޭނުންުރާ މީހުންގެ ފަރުދީ މައުލޫމާތު ރައްކާތެރިކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތްތައް ކަށަވަރުކުރެވޭނީ ހަމައެކަނި އެޕަލް އިން އުފައްދާ އެޕްތައް ބޭނުންކުރާ ނަމަ ކަމަށެވެ.

އެޕަލް އިން ދޭ މިންގަނޑުތަކާ އެއް ގޮތަށް، ހުރިހާ ކަމެއް ބަރާބަރަށް އެޕްލިކޭޝަނެއް އުފެއްދި ނަމަވެސް، އެޕް ސްޓޯރުން އެ އެޕްލިކޭޝަނެއް ބޭރުކޮށްލަށް ފެނިއްޖެ ނަމަ އެއީ އެޕަލް އަށް އޮތް ހައްގެއް ކަމަށް އެ ކުންފުނިން ދެކެ އެވެ.