އެންޑްރޮއިޑް އެޕްތައް ވިންޑޯޒް 10 ގައި، ވަރަށް ބޮޑު ފަސޭހައެއް

އެންޑްރޮއިޑް އެޕްލިކޭޝަންތައް ވިންޑޯޒް 10 ގައި ބޭނުންކުރެވޭ ގޮތް ހެދުމަށް މައިކްރޮސޮފްޓާއި ސެމްސަންގް ވަރަށް ގާތުން މަސައްކަތްތަކެއް ކޮށްފި އެވެ. އެންޑްރޮއިޑް ފޯނުތައް – ސެމްސަންގް ގެލަކްސީ ފޯނުތައް – ބޭނުންކުރާ މީހުންނަށް މިއީ އާ ކަމަކަށް ވެސް ނުވެދާނެ އެވެ. މިއީ އަދި ހަމައެކަނި ސެމްސަންގް ގެލަކްސީ ފޯނުތަކަށް ޚާއްސަ ފީޗާއެކެވެ.


މައިކްރޮސޮފްޓް ވިންޑޯޒް 10 ގައި އެންޑްރޮއިޑް އެޕްލިކޭޝަނެއް ހިންގުމަށްޓަކައި، ކުރިއާލައި ކުރަންޖެހޭ ދެތިން ކަމެއް އެބަ އޮތެވެ. ބިރު ނުގަންނާށެވެ. މިއީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެކެވެ. ފުރަތަމަ ކަމަކީ ވިންޑޯޒް 10 އަށް "ޔުއާ ފޯން" އެޕްލިކޭޝަން އެޅުމެވެ. މިއީ މައިކްރޮސޮފްޓް އެޕް ސްޓޯރުން ހިލޭ ލިބޭ އެޕްލިކޭޝަނެކެވެ. އެންޑްރޮއިޑް ފޯނަށް ވެސް އެޕްލިކޭޝަނެއް ބޭނުންވެ އެވެ. އެއީ "ޔުއާ ފޯން ކޮމްޕޭނިއަން – ލިންކް ޓް ވިންޑޯޒް" އެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭއިން ހިލޭ ލިބެ އެވެ.

ސެމްސަންގް ގެލަކްސީ ފޯނުތައް މިހާރު ހުންނަނީ ވިންޑޯޒް 10 އާ ވަރަށް ބޮޑަށް ގުޅުވައިފަ އެވެ. މިހެން މި ބުނީ، މިހާރު ނެރޭ ގެލަކްސީ ފޯނުތައް ފެކްޓަރީން ބޭރުކުރާއިރު ވެސް "ލިންކް ޓު ވިންޑޯޒް" ވަކި ސާވިސްއެއް ގޮތުގައި ހިމަނާފައި ހުންނާތީ އެވެ.

އެންޑްރޮއިޑް ފޯނު، ވިންޑޯޒް 10 އާ ގުޅުވާލުމަށްޓަކައި، ފޯނު އަދި ކޮމްޕިޔުޓަރު ވެސް އެއް ނެޓްވޯކަކުން – ވައިފައި މެދުވެރިކޮށް – ގުޅެން ޖެހެ އެވެ. މޮބައިލް ޑޭޓާ މެދުވެރިކޮށް ގުޅުވޭ ކަމަށް ލިޔެކިޔުންތަކުގައި ހުރި ނަމަ ވެސް އަހަންނަކަށް ނުވި އެވެ.

އެންޑްރޮއިޑް ފޯނުން "ލިންކް ޓު ވިންޑޯޒް" ސާވިސް އޮންކުރުމަށް ފަހު، ވިންޑޯޒް 10ގެ "ޔުއާ ފޯން" ހުޅުވާލާށެވެ. މި ހިސާބަށް ކާމިޔާބުކަމާ އެކު އާދެވިއްޖެ ނަމަ ދެން އިތުރު އެހީއެއް ބޭނުމެއް ނުވާނެ އެވެ. ކުރި އަށް ދާންވީ އެވެ. ނަމަވެސް މައުލޫމާތަށްޓަކައި ދެތިން އެއްޗެއް ބުނެލާނަމެވެ.

ލިޔުމެއްގައި ލިޔެފައި އޮންނަ ގޮތަށް އެ ކަމެއް ކޮންމެ މީހަކަށް ނުކުރެވިދާނެ އެވެ. މިކަހަލަ މިކަހަލަ ކަމެއް ކުރެވެޔޭ ބުންޏަސް، އެކަމަކުން ކޮންމެވެސް ފައިދާއެއް ނުވަތަ ފަސޭހައެއް ވެސް ވާންޖެހެ އެވެ. އަދި ކިޔައިދީފައި ހުންނަހާ ފަސޭހަކަމާ އެކު އެ ކަމެއް ނުކުރެވުން ވެސް އެކަށީގެންވެ އެވެ.

ސްމާޓްފޯނަކީ ވަރަށް ބޮޑު ފަސޭހައެކެވެ. ފޯނު އެހެން ތަނެއްގައި ބާއްވާފައި ކޮމްޕިޔުޓަރު ކައިރީގައި އަވަދިނެތި މަސައްކަތެއް ކުރަމުން ދަނިކޮށް ފޯނަށް ބޭނުންޖެހޭ ކިތަންމެ ފަހަރެއް އަހަރެމެން ތަޖުރިބާކޮށްފީމެވެ. ތެދުވެގެން ގޮސް ފޯނު ގެނައުމަށް ވުރެ ކޮންމެވެސް މީހެއް ގާތު އާދޭސްކޮށްލައިގެން ފޯނު ގެނެވޭ ފަހަރު ވެސް އާދެ އެވެ. މި ކަހަލަ ހާލަތްތަކުގައި މި ނޫން ގޮތެއް ހަމަ ނެތީހޭ ހިތާހިތާ ސުވާލުކޮށްލެވެ އެވެ. ޖަވާބު މި ކިޔައިދިނީ އެވެ.