ދުނިޔެ / އައިމަން އަލް ޒަވާހިރީ

އެމެރިކާ އިން ޒަވާހިރީ މަރައިލީ ކިހިނެއް؟

އަލް ގައިދާގެ ލީޑަރު އައްޔުމަން ޒަވާހިރީ. --ފޮޓޯ:އޭއެފްޕީ

03 އޯގަސްޓް 2022 - 12:43

14 comments

މަޝްހޫރު ޓެރަރިސްޓް ޖަމާއަތް، އަލްގާއިދާގެ އެއް ލީޑަރު، މިސްރުގެ އައިމަން އައްޒަވާހީރީ ހުރި ތަނެއް ބުނެދިން މީހަކަށް، ނުވަތަ އޭނާ މަރައިލުމަށް އެހީތެރިވެދިން މީހަކަށް، 25 މިލިއަން ޑޮލަރު ދިނުމަށް އެމެރިކާ އިން އިއުލާންކުރީ މީގެ 20 އަހަރު ކުރިންނެވެ. ނަމަވެސް މިދިޔަ 20 އަހަރުގެ ތެރޭގައި އެ އިނާމު ހާސިލުކުރެވުނު މީހަކު ނެތެވެ.

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ މާއިރާ، އެމެރިކާ ސިފައިން ދިން "މިސައިލް ހަމަލާއެއްގައި" ޒަވާހިރީ މަރައިލީ، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުރި ގެއެއްގެ ބެލްކަނީގައި ހުއްޓަ އެވެ. ނަމަވެސް، އެ މިސައިލް ހަމަލާގައި އިތުރު މީހަކަށް އެއްވެސް ގެއްލުމެއް ނުލިބި، ބާރުގަދަ ގޮވުމެއް ނުގޮވައި، ހުރިހާ ކަމެއް ނިމި ދިއުމުން، އެއީ ކޮން ކަހަލަ ހަތިޔާރެއްތޯ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފައްދަ އެވެ.

ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު އިރު އެރިތާ ގަޑިއެއްހާއިރު ފަހުން، ޒަވާހިރީ ނުކުމެ ހުރީ އޭނާގެ ގޭގެ ބެލްކަނީގަ އެވެ. ކޮންމެ ދުވަހަކު ވެސް އިރު އެރުމުން އާދައިގެ މަތިން ބެލްކަންޏަށް ނުކުމެ ހުރި އިރު، އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅު، ގޭތެރޭގައި ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އުޅެ އެވެ.

އަލްގާއިދާ ޖަމާއަތުގެ ލީޑަރު އައިމަން އައްޒަވާހިރީ މަރައިލުމަށް ހަމަލާ ދިން ކަމަށް ބެލެވޭ ސަރަހައްދުން ދުން އަރަނީ. --އޭއެފްޕީ

ޒަވާހިރީ ބެލްކަނީގައި ހުއްޓައި. އަފްގާނިސްތާނު ގަޑިން އެ ދުވަހުގެ ހެނދުނު 6:18ގައި، ވިދުވަރެއްގެ ބާރުމިނުގައި މަތިން އައި ދެ މިސައިލް އޭނާ ހުރި ބެލްކަންޏަށް އަމާޒުވި އެވެ. ހިނދުކޮޅެއްގެ ތެރޭގައި، އުމުރުން 71 އަހަރުގެ ޒަވާހިރީގެ ފުރާނަ ނެތް މަސްގަނޑު ތަޅުންގަނޑު މައްޗަށް ވެއްޓުނު އިރު، އެ ބެލްކަންޏަށް ނޫން ތަނަކަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން، އެމެރިކާ ސިފައިން މީގެ ކުރިން ދިން މިބާވަތުގެ މިސައިލް ހަމަލާތަކުގައި ވެސް، އާންމުންނަށް އެތައް ބައިވަރު ގެއްލުންތަކެއް ލިބިފައިވާއިރު، އެހާ އަމާޒު ގޮތަކަށް ޒަވާހިރީ އަށް ހަމަލާ ދިނީ ކިހިނެއް ހެއްޔެވެ؟

މި ހާދިސާ ތަހުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެ ސުވާލުގެ ޖަވާބު ގުޅިފައިވަނީ، ޒަވާހިރީ އަށް ހަމަލާ ދިނުމަށް ބޭނުންކުރި މިސައިލްގެ ބާވަތާއި، ޒަވާހިރީ ދިރިއުޅޭ ތަން ކަށަވަރުވުމާއި، ޒަވާހިރީގެ ދިރިއުޅުމުގެ އާދަތައް ގެންގުޅުނު ގޮތާ އެވެ.

އަލްގާއިދާ ޖަމާއަތުގެ ލީޑަރު އައިމަން އައްޒަވާހިރީ މަރައިލުމަށް، ޖުލައި 31، 2022ގައޮ އެމެރިކާ އިން ދިން ޑްރޯން ހަމަލާގައި ބޭނުންކުރި ކަމަށް ބެލެވޭ ހެލްފަޔާ "އާރް9އެކްސް" މިސައިލް މަސައްކަތް ކުރާ ގޮތުގެ ކުރެހުމެއް.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޒަވާހިރީ އަށް ހަމަލާ ދިނުމަށް ބޭނުންކުރީ ހެލްފަޔާ މިސައިލެވެ. މިއީ ބިމުގައި ހުންނަ އަމާޒުތަކަށް ވައިގެ ތެރެއިން ހަމަލާ ދިނުމަށް ބޭނުންކުރާ ޒާތުގެ މިސައިލެކެވެ. ނަމަވެސް މިފަހަރު ބޭނުންކުރި ހެލްފަޔާ މިސައިލްގެ ބާވަތް، މިކަމުގައި މުހިންމު ދައުރެއް އަދާކުރި އެވެ.

ހެލްފަޔާ މިސައިލަކީ، ހެލިކޮޕްޓަރާއި، އެއްގަމު އުޅަނދުތަކުންނާއި، މަނަވަރުންނާއި މަތިންދާބޯޓުގެ އިތުރުން ޑްރޯން އިން ވެސް ފޮނުވައިލެވޭ ގޮތަށް އުފައްދާފައި ހުންނަ ހަތިޔާރެކެވެ. ޒަވާހިރީ އަށް ހަމަލާ ދިނުމަށް ބޭނުންކުރީ ޑްރޯން އެވެ.

ސެޕްޓެމްބަރ 11، 2001ގެ ޓެރަރިސްޓް ހަމަލާ އަށް ފަހު، ޓެރަރިސްޓް އަމަލުތަކާ ދެކޮޅަށް އެމެރިކާ އިން ހިންގި ގިނަ އޮޕަރޭޝަންތަކުގައި ބޭނުންކޮށްފައިވަނީ ހެލްފަޔާ މިސައިލެވެ. ވަކިވަކި މީހުންނަށް ހަމަލާ ދިނުމަށް މިޒާތުގެ މިސައިލް ބޭނުންކުރުމުގެ އެންމެ ބޮޑު ސިއްރަކީ، މި މިސައިލް އޭގެ އަމާޒަށް ސީދާކުރެވޭލެއް ފުރިހަމަވުމެވެ.

ޑްރޯން މެދުވެރިކޮށް މިސައިލް ހަމަލާއެއް ދޭ ހާލަތްތަކުގައި، ޑްރޯން ދުއްވާ މީހާ އާއި އޭގައިވާ މިސައިލް އޮޕަރޭޓްކުރާ މީހާ އިންނާނީ ކޮންޓްރޯލް ރޫމްގައި އެކަމަށް ތައްޔާރުވެގެންނެވެ. ޑްރޯންގައިވާ ކެމެރާތަކަށް ފެންނަ މަންޒަރުތައް، ސެޓެލައިޓް މެދުވެރިކޮށް ކޮންޓްރޯލް ރޫމަށް ވަގުތުން ވަގުތަށް ފެންނަމުން ދާނެ އެވެ.

ކޮންޓްރޯލް ރޫމްގައި މިސައިލް އޮޕަރޭޓް ކުރަން އިންނަ މީހާ އަށް، ޑްރޯން އިން ފޮނުވާ މަންޒަރުތައް ފެންނަމުންދާ ޓީވީ ސްކްރީނުން، ހަމަލާ ދޭން ބޭނުންވާ މީހާ ކަށަވަރު ކުރެވުމުން، ސްކްރީނުން ފެންނަން އިންނަ ބްރެކެޓެއް، އެމީހާގެ ގަޔަށް ހެޔޮވަރުކޮށްލަ އެވެ. އެއާއެކު، ޑްރޯން އިން ފޮނުވާލާ ލޭޒާ ދޯއްޖެއް، ސީދާ އެމީހާގެ ހަށިގަނޑަށް އެޅިފައި ހުންނާނެ އެވެ.

އެއަށް ފަހު މިސައިލް އޮޕަރޭޓް ކުރާ މީހާ ވަކި ބަޓަނަކަށް ފިތައިލުމާއެކު، ޑްރޯންގައިވާ މިސައިލް ޑްރޯނުން ނެއްޓި، އޭގެ މިސްރާބަށް ދަތުރު ފަށާނެ އެވެ. އަދި ޑްރޯން އިން ފޮނުވާފައި ހުރި ލޭޒާ ދޯދީގެ މަގުން މިސައިލް ދަތުރުކޮށް، އެމީހާގެ ހަށިގަނޑުގައި ލޭޒާ ދޯދި ޖެހިފައި ހުތި ތަނަށް މިސައިލް އަރާނެ އެވެ.

މިފަދަ ހަމަލާއެއް ދޭ ވަގުތު، ހަމަލާ ދޭން ބޭނުންވާ މީހާގެ ކައިރީގައި، ކަމާ ނުބެހޭ މީހަކު ނުވަތަ މީހުންތަކެއް ތިބި ހާލަތެއްގައި ނަމަ، އެ ހަމަލާގައި މަރައިލަން ބޭނުންވާ މީހާގެ ނުރައްކާތެރިކަމާއި، އެ ހަމަލާގައި މަރުވެދާނެ އާންމުންގެ އަދަދާ އަޅައި ބެލުމަށް ފަހު، ގޮތެއް ނިންމަ އެވެ.

އަލްގާއިދާ ޖަމާއަތުގެ ލީޑަރު އައިމަން އައްޒަވާހިރީ މަރައިލުމަށް ހަމަލާ ދިން އިރު އޭނާ ހުރި ބެލްކަނި ނުފެންނަ ގޮތަށް، އެ ހަމަލާގެ ފަހުން ސަތަރި އަޅައި ބަންދުކޮށްފައި. --އޭއެފްޕީ

ޒަވާހިރީ މަރައިލުމަށް ހަމަލާ ދިން ވަގުތު އޭނާގެ ކައިރީގައި އިތުރު މީހަކު ނެތުމުން، ސީދާ އޭނާ މަރައިލުން ފަސޭހަވި އެވެ. ނަމަވެސް އާންމުކޮށް ބޭނުންކުރާ ހެލްފަޔާ މިސައިލެއް ބޭނުން ކުރި ނަމަ، ވަރުގަދަ ގޮވުމެއް ގޮވައި، ގޭތެރޭގައި ތިބި އެހެން މީހުން މަރުވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ.

އެހެންކަމުން ޒަވާހިރީ މަރައިލުމުގައި ބޭނުންކުރީ، ހެލްފަޔާ މިސައިލްތަކުގެ ތެރެއިން އާންމުކޮށް ބޭނުން ނުކުރާ ބާވަތެއް ކަމަށްވާ "އާރް9އެކްސް" މިސައިލެވެ. މިބާވަތުގެ މިސައިލްގައި ވޯހެޑެއް (ގޮވާތަކެތި) ނުހުންނާނެ އެވެ. އޭގެ ބަދަލުގައި މި މިސައިލް އޭގެ އަމާޒަށް ވާސިލުވާ ވަގުތު، އޭގެ ތެރެއިން ކުއްލި ގޮތަކަށް ނުކުންނާނީ މިޔަ ތޫނު ހަ ތިލައެވެ.

މިއިން ކޮންމެ ތިލައެއްގެ ދިގުމިނުގައި އެއް މީޓަރު ހުންނައިރު، މި ތިލަތައް ބްލެންޑަރެއް ފަދައިން ބާރު ސްޕީޑްގައި އެނބުރިގަތުމާއެކު، އޭގައި ޖެހޭ ކޮންމެ އެއްޗެއް ކޮށައި ކުދިކޮށްލަ އެވެ.

އެމެރިކާ އިން މިބާވަތުގެ މިސައިލް އެންމެ ފުރަތަމަ ބޭނުންކުރި ކަމަށް ބުނެވެނީ، ޒަވާހިރީގެ އެއް ނާއިބުގެ ގޮތުގައި ސީރިޔާގައި އަލްގާއިދާގެ ގޮފި ހިންގަމުން ދިޔަ، އަބޫ ޚައިރުލް މިސްރީ މަރައިލުމަށް 2017 ވަނަ އަހަރު ދިން ހަމަލާގަ އެވެ. އެ ހަމަލާ އަށް ފަހު ނަގާފައި ހުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އޭނާ ދަތުރުކުރަމުން ދިޔަ ކާރަށް ދިން ހަމަލާގައި، ކާރުގެ ފުރާޅުމަތިން ބާގަނޑެއް ހެދުމާއި އޭގެ ތެރޭގައި ތިބި މީހުންގެ ހަށިގަނޑު ބައިބަޔަށް ބުރިވެފައި ހުރުން ފިޔަވައި، އިތުރު އެއްވެސް ގެއްލުމެއް އެ އުޅަނދަށް ނުލިބެ އެވެ.

ޒަވާހިރީގެ އެއް ނާއިބުގެ ގޮތުގައި ސީރިޔާގައި އަލްގާއިދާގެ ގޮފި ހިންގަމުން ދިޔަ، އަބޫ ޚައިރުލް މިސްރީ މަރައިލުމަށް 2017 ވަނަ އަހަރު ދިން ހަމަލާގައި، އޭނާ އިން ކާރަށް ލިބިފައިވާ ގެއްލުންތައް

އަދި އެއްވެސް ގޮވުމެއް ގޮވާފައި ނެތުމާއި، އުޅަނދުގައި އަލިފާނުގެ އެއްވެސް ހާދިސާއެއް ހިނގާފައި ނެތުމުން، އެ އުޅަނދުގެ ތެރޭގައި ބުރިބުރިވެފައި ހުރި ހަށިގަނޑުތަކުން، އެއީ ކޮން ބައެއްކަން ވަރަށް ފަސޭހައިން ދެނެގަނެވުނެވެ.

ޒަވާހިރީ މަރައިލުމަށް ދިން ހަމަލާގައި މި ބާވަތުގެ ހެލްފަޔާ މިސައިލް ބޭނުންކުރުމުން، ޒަވާހިރީ ހުރި ގެއަށް ވެސް އަދި ގޭގައި ތިބި އެހެން މީހުންނަށް ވެސް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. އެ އިމާރާތަށް ވެސް ލިބުނު ކަމަށް ފެންނަން ހުރި ހަމައެކަނި ގެއްލުމަކީ، ޒަވާހިރީ ހުރި ބެލްކަނީގެ ދެ ފަރާތުގައި ހުރި ދެ ކުޑަދޮރުގެ ތެރެއިން، މިސައިލް ވަދެގެން ދިޔަ ކުޑަދޮރު ހަލާކުވެފައި ހުރުމެވެ.

މިހާ އަމާޒުކޮށް ޒަވާހިރީ އަށް ހަމަލާ ދެވުމުގެ ފަހަތުގައިވާ އަނެއް ސިއްރަކީ، އޭނާގެ ދިރިއުޅުމުގެ އާދަތައް ހަމަޖެހިފައި ހުންނަލެއް ތަރުތީބުކަމެވެ. ޒަވާހިރީ، ކާބުލްގައި ދިރިއުޅެމުންދާ ގެއާއި އެ ގޭގެ ވަށައިގެން ހުރި ގެތަކުގައި ދިރިއުޅޭ މީހުންގެ ކަށަވަރު މައުލޫމާތުތައް އެމެރިކާގެ ޖާސޫސުންނަށް ކަށަވަރު ކުރެވުނު ކަމަށްވަނީ، މިދިޔަ ޖުލައި މަސް ފެށުނުތަނާ އެވެ.

އޭގެ ފަހުން ޒަވާހިރީގެ ހަރަކާތްތަކަށް ފާރަލަމުން ދިޔަ އެމެރިކާގެ ޖާސޫސުންނަށް ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ ކޮންމެ ދުވަހެއްގެ ވެސް، ޟުޙާ ނަމާދަށް ފަހު، ޒަވާހިރީ އެ ގޭގެ ބެލްކަންޏަށް ނުކުމެ، އެ ބެލްކަނީގައި ވަގުތުކޮޅެއް ހޭދަކުރާ ކަމެވެ.

މިދިޔަ 20 އަހަރުގެ ތެރޭގައި ޒަވާހިރީ ދިރިއުޅުނު ތަނެއް މުޅިން ޔަގީން ނުވިޔަސް، އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބި ދުވަސްވަރު އޭނާ އުޅުނީ، ޕާކިސްތާނުގައި ނުވަތަ އަފްގާނިސްތާނާއި ޕާކިސްތާނު ގުޅޭ ސަރަހައްދުގެ ކޮންމެވެސް ހިސާބެއްގައި ކަމަށް ބެލެވެ އެވެ. އަދި ކާބުލް އަށް އޭނާގެ ދިރިއުޅުން ބަދަލުކުރީ، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާ ގުޅޭ ގޮތުން، އެމެރިކާ ސަރުކާރައި ތާލިބާން ޖަމާއަތާ ދެމެދު މިދިޔަ އަހަރު އެއްބަސްވުމެއް ގާއިމުކުރި ފަހުން ކަމަށް ވެސް ބެލެވެ އެވެ.

ކާބުލްގެ ޝޭރްޕޫރް އަވަށުގައި ޒަވާހިރީގެ އަންހެނުންނާއި އަންހެން ދަރިފުޅާއި ޒަވާހިރީގެ ކާފަ ދަރި ދިރިއުޅެމުންދާ ކަން އެމެރިކާގެ ޖާސޫސުންނަށް ފާހަކުރެވުނީ މިއަހަރުގެ ކުރީކޮޅުގެ ތެރޭގަ އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން، ހަމަ އެ ސަރަހައްދުން ޒަވާހިރީ ވެސް، އެމެރިކާގެ ޖާސޫސުންނަށް ފާހަގަކުރެވުނެވެ.

އެކަން ޖާސޫސުންގެ ފަރާތުން އެމެރިކާގެ އިސް ވެރިންނަށް ކަށަވަރު ކޮށްދިނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. ޝޭރްޕޫރްގައި ހުރި ހަތަރު ބުރީގެ ގެއަށް ޒަވާހިރީ އާއި އޭނާގެ އާއިލާ ބަދަލުވި ފަހުން، އެ ގެއިން ޒަވާހިރީ ނުކުމެ އުޅުނިކޮށް، އެމެރިކާގެ ޖާސޫސުންނަށް ވެސް ނުފެނެ އެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް ވަކި ވަގުތެއްގައި އެ ގޭގެ ބެލްކަންޏަށް ޒަވާހިރީ ނުކުމެ އުޅޭ މަންޒަރު ފެނެ އެވެ.

ޖާސޫސީ މައުލޫމާތުތައް ކަށަވަރުކުރުމަށް ފަހު، ޒަވާހިރީ މަރައިލުމަށް އެކަށައެޅި ރޭވުން، ކަމާ ބެހޭ އިދާރާތަކުން މިދިޔަ ޖޫން މަހު ނިންމުމަށް ފަހު، ރައީސް ޖޯ ބައިޑެން އަށް ހުށަހެޅުއްވީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހު އެވެ.

އޭގެ ފަހުން ޖުލައި 25 ވަނަ ދުވަހު ރައީސް ބައިޑެން އޭނާގެ ކެބިނެޓް އެއްކުރައްވައި، ޒަވާހިރީ މަރައިލުމުގެ ރޭވުންތަކުގެ ޚުލާސާއެއް ދެއްވައި، އެ ހަމަލާ އަށް ފަހު އެމެރިކާ އާއި ތާލިބާން ޖަމާއަތާ ދެމެދު އޮންނަ ގުޅުމަށް ކޮށްފާނެ އަސަރުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. ހެލްފަޔާ މަރުކާގެ ދެ މިސައިލް ހަރުކޮށްފައިވާ ޑްރޯން މަތިންދާބޯޓު، ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ވައިގެ ސަރަހައްދަށް ވަދެގެން ދިޔައިރު، ވައިޓް ހައުސްގައި ހުންނަ ސިޗުއޭޝަން ރޫމްގައި ރައީސް ޖޯ ބައިޑެން އާއި އޭނާގެ އިސް މުޝީރުން، އެ މަންޒަރުތައް ވަގުތުން ބައްލަވަން ތިއްބެވި އެވެ.

14 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 25%
icon angry icon angry 40%
icon wow icon wow 5%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުވަރުގޭގެ ޖާރިޔާ!

06 August 2022

ހެލް ފަޔަރ މިސައިލް! “ނަރަކައިގެ އަލިފާންގަޑު” މިސައިލް. ސަޅި ނަމެއް ދެއްތޯ!

The name is already taken The name is available. Register?

ނައި

04 August 2022

އުސާމާ މަރާލި ގޮތް ދައްކާ ފިލްމު ނުބަލާ ޒަވާހިރީ ހުރީމަ ވީ ގޮތެއް ތިއައީ. އެ ބެލިނަމަ އެނގޭނެ އެމެރިކާ މީހުން ފާރަލާ ވަރާ ފާރަލާ ގޮތާ. އެގޮތަށް ކޮންމެ ދުވަހަކު ބެލްކަންޏަކާ ހަމައަށް ނުނިކުތީސް އެ ފިލްމު ބެލިނަމަ. ޒަވާހިރީ ބޯ ރަގަޅުނަމަ އެހެން މީހަކު ކޮންމެ ދުވަހަކު ބެލްކަންޏަށް ނެރުނީހީ.

The name is already taken The name is available. Register?

މަދަދު

04 August 2022

މީ ޓެރަރިޒަމުގެ އަމަލެއް.. މުސްލިމުން އެއްބައި ވާންޖެހޭ

The name is already taken The name is available. Register?

ޖުލައި

03 August 2022

އޭނާ ހުރިތަން އެނގޭ އިރު ކީއްވެބާ އޭނާ ހައްޔަރު ނުކުރީ. މޮޅު ޑްރާމާ ހަމަ. ބިން ލާދިން ވެސް މަރާލީ މިހެން

The name is already taken The name is available. Register?

ސެމި

04 August 2022

އެއީ ހައްޔަަރުކުރަުމަކީ އެެތެރޭގަ އެހީވެސްލިބިގެންކުރެވޭކަންކަން ، އެމެރިކާއިން ތާލިބާނަށް އިތުބަާރެއްނުކުރެ! މަރާލުުން މަފަސޭހަވެފެ ލެސް ރިސްކް. އީޒީ އޭޒް ދެޓް!

The name is already taken The name is available. Register?

ހަސަނު

03 August 2022

މިކްސަރުގެ ތިލަ ބޮލަށް ވައްޓާލީ...

The name is already taken The name is available. Register?

ފާރީސީ ލަޝްކަރު

03 August 2022

އުސާމާބިންލާދިން އަތުލައިގަތީ 2011ވަނައަހަރު އެމަރިކާ ގެ ސީއައިއޭގެ އެއިރު އޮތްއެންމެ އެޑްވާންސް ވަރުގަދަ އެއްޑްރޯން އާރްކިއު170 ބޭނުންކޮށް ޕާކިސްތާނުގެ އެތެރެއިން އޮޕަރޭޝަނަކުން. އެމަރިކާ ޙަޔާތުގައި ހެދިއެންމެ ބޮޑު ގޯސް ހެދީ ހަމައެހަރު އީރާނުގެ ނަތަންޒް ނިއުކްލިއަރ ޕްލާންޓު ޖާސޫސްކުރަން އާރްކިއު170 ފޮނުވި ހިސާބުން އެފަހަރު އީރާނުން ސައިބާ ހަމަލާދީ ޑްރޯން ހެކްކޮށްގެން އީރާނައްތިރިކޮށް އޭގެމޮޅު ޓެކްނޮލޮޖީވަނީ އަތުލައިގަނެފައި އެމަރިކާ ހޭނެތިއްޖެ

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

03 August 2022

ތިއަ ޑުރާމާގަ މަދީ އުދުހޭ މުސައްލައަކާ އަލާއުއްދީންގެ ވޮށްގަނޑު. ރަސިއާ ބިރުގަންނަވަން މުޅި ޔޫރަޕު ފަހަތުލައިގެން ނިކުމެ ހޭރިހޭރި އޮށްވާ ޔޫކުރޭނަށް ރަސިއާ އެރީ. ދެންވެސް ރަސިއާއަށް ބޮނޑިއެއް ދޭނަމޭ ހިތާ ސަޢުދީއަށް ދިއާ. އެތަނުންވެސް ފަޟީހަތްވީ. ދެން މުޅި ދުނިޔެ މަލާމާތްކުރާތީ ލަދުފޮރުވަން ބެލްކަނީގަހުރި މުސްކުޅިޔަކު މަރާލާފަ މިބުނަނީ ކާމިޔާބޭ ކާމިޔާބޭ. ގުލޯބަލް ހޯކުސް ޑުރޯން އިރާނުން ވައްޓާލީމަވެސް ލަދުން ބޯ ގޮވައިގެން ތިއަކަހަލަ ކަމެއްކުރި.

The name is already taken The name is available. Register?

ނަނާނާނާނަންނަނާ

03 August 2022

މިއީ ހަމަ ސީދާ ސްޓަންޓެއް. މަންޒަރު ބަލަން ބައިޑެން ހުރީމަވެސް މިހާރު ފިލްމެއް ކުޅެފިކަން.

The name is already taken The name is available. Register?

ދޮނޭ

03 August 2022

މީ ސްޓީވަން ސްޕީލްބާގުގެ ފިލްމެއްތަ؟

The name is already taken The name is available. Register?

މުޝީރު

03 August 2022

މިއީ ތެރަރިޒަމްގެ އަމަލެއް.

The name is already taken The name is available. Register?

ެެރިލެކްސް

04 August 2022

އަލްގައިދާއަކީ އެަތައް ބަޔަކުމާރާލަާފަތިބި ނުރައްކާތެރިބައެއް! އެމީހުންގެ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަން އެމެރިކާއިންއެޅި މުހިއުމު ފިޔަވަޅެއް1

The name is already taken The name is available. Register?

ރިލެކްސްގެ އަނބި

05 August 2022

އެމިރިކާއިން މަރައިފަ ތިބިމީހުން މާ ގިނަވާނެ. އިރާޤުގައި އެކަނި ބައި މިލިޔަނަށްވުރެ ގިނަ އާންމުން އެމެރިކާ އިން ޤަތުލުކުރި. ވިކިޕީޑިއާގަ އޮންނާނެ އެމެރިކާއިން ކުރި ހަނގުރާމަ ތަކާ، ވާރ ކްރައިމްސްގެ ލިސްޓެއް.ދެވަނަ ބޮޑު ހަނގުރާމައަށް ފަހު 50 އަހަރަށް ވުރެ ދިގު މުއްދަތެއް ހަނގުރާމަ ނުކޮށްވޭތުނުވޭ. އަސްލު ޓެރަރިސްޓުންނަކީ އެއީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454