ބެންގަލޫރުގައި އަންހެނުންނަށް ޖިންސީ ގޯނާކޮށްގެން ހަ މީހުން ހައްޔަރުކޮށްފި

ބެންގަލޫރު (ޖެނުއަރީ 5) - އާ އަހަރު ފާހަގަކުރި ރޭ ބެންގަލޫރުގައި އަންހެނުންތަކަކަށް ޖިންސީ ގޯނާކޮށްގެން ހަ މީހަކު ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ އިންސްޕެކްޓާ ހެމާންޓް ނިމްބަލްކާރު ވިދާޅުވީ ހަ މީހަކު ހައްޔަރު ކުރަން ޖެހުނީ އާ އަހަރު ފެށުނު ރޭ އެކި އެކި އަންހެނުންނަށް ޖިންސީ ގޮތުން ފުރާސަކުރި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެން ކަމަށެވެ. ފުލުހުން އެންމެ ފުރަތަމަ ބުނީ އާ އަހަރު ފެށުނު ރޭ ޖިންސީ ގޮތުން ގޯނާކުރިކަމުގެ އެއްވެސް އަމަލެއް ބެންގަލޫރުގައި ނުހިންގާ ކަމަށާއި އެކަމުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ސީސީޓީވީ ފުޓޭޖްތައް ބެލުމަށް ފަހު ފުލުހުން ފަހުން ވަނީ ޖިންސީ ގޯނާކުރިކަމުގެ ހެކި ހުރި ކަމަށް އެއްބަސްވެފަ އެވެ.

ޖިންސީ ގޮތުން ގޯނާކުރުމުގެ ހާދިސާތައް ހިންގާފައި ވަނީ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން، ބެންގަލޫރުގެ މެދުތެރޭގެ އެމްޖީ ރޯޑާއި ބްރިގޭޑް ރޯޑް ސަރަހައްދަށް އެތައް ހާސް ބަޔަކު އެއްވެ އުޅުނު އިރެވެ. ފިރިހެނުންތައް ގޮސް ވަށާލާ ޖިންސީ ފުރައްސާރަ ކުރި ކަމަށް އެތައް އަންހެނަކު ވަނީ ބުނެފަ އެވެ. އަދި ސީސީޓީވީގެ އެއް މަންޒަރަކުން ފެންނަ ގޮތުގައި މަގަކުން ހިނގައިފައި ދިޔަ އަންހެނަކަށް ވަނީ މޮޓޯ ސައިކަލެއްގައި ތިބި ދެ މީހަކު ހަމަލާދީފަ އެވެ.

ކަރުނާޓަކާގެ ސްޓޭޓް ހޯމް މިނިސްޓަރު ޖީ. ޕަރަމެޝްވަރާ ވިދާޅުވެފައި ވަނީ މި ބާވަތުގެ ކަންކަން ހިނގަނީ އިންޑިއާގެ އަންހެނުން ވެސް ހުޅަނގުގެ އަންހެނުން ގޮތަށް އުޅޭތީ ކަމަށެވެ. އޭނާ މިހެން ވިދާޅުވުމުން ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ނޭޝަނަލް ކޮމިޝަން ފޯ ވިމެންގެ ވެރިޔާ ލަލިތާ ކުމާރަމަންގަލަމް ވަނީ ޕަރަމެޝްވަރާ މައާފަށް އެދި އަދި އޭނާ އިސްތިއުފާ ދިނުމަށް ގޮވާލައްވައިފަ އެވެ.