ޓްރަމްޕާ އެކު އީރާނާއި އެމެރިކާ އަނެއްކާ ވެސް ކޯޅުމަކަށް!

އިސްލާމީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ވެސް އެމެރިކާއާ ދެކޮޅަށް، ފާޅުގައި އެންމެ ބޮޑަށް ފާޑުކިޔާ ގައުމަކީ އީރާނެވެ. ޝާހްގެ ރަސްކަން ވައްޓާލައި އާޔަތުﷲ ޚުމައިނީގެ އިންގިލާބަށް ފަހު އުފެދުނު އީރާނެވެ. އިސްލާމީ ގައުމުތަކުގެ ތެރެއިން އެމެރިކާ އެންމެ ބޮޑަށް ރުޅިއަރާ ގައުމަކީ ވެސް އީރާނެވެ.


އީރާންގެ އެންމެ ބޮޑު ރުޅިވެރިކަމަކީ، އިސްލާމީ ގައުމުތަކަށް އެމެރިކާ އިން ބާރާއި ނުފޫޒު ފޯރުވުމެވެ. ފަލަސްތީނު-އިޒްރޭލު މައްސަލައިގައި ފަލަސްތީނުގެ ހައްގުތައް ހިމާޔަތް ކޮށްނުދީ ހަމައެކަނި އިޒްރޭލުގެ ހައްގުތަކަށް ވަކާލާތު ކުރުމެވެ.

އަސްކަރީ ގޮތުން ކުރިއަރައި އެމެރިކާއާ ފައި ހަމަކުރާ ހިސާބަށް އެއްވެސް ގައުމެއް ދިއުމަކީ އެމެރިކާ ގަބޫލުކުރާ ސިޔާސަތެއް ނޫނެވެ. އެމެރިކާގެ ނަޒަރުގައި ދުނިޔޭގެ އެންމެ ބޮޑު ބާރުގެ ގޮތުގައި އަބަދު ވެސް އޮންނަން ވާނީ އެމެރިކާ އެވެ. ވަކިން ޚާއްސަކޮށް އިސްލާމީ އެއްވެސް ގައުމެއް އަސްކަރީ ގޮތުން ބާރު ގަދަ ވުމަކީ އެމެރިކާ އަށް ރުހެވޭނެ ކަމެއް ނޫނެވެ.

އީރާންގެ ބޫޝެހެރްގައި ހުންނަ ނިއުކްލިއާ މަރުކަޒު.

އީރާނާ މެދު އެމެރިކާ ހާސްވެ ކަންބޮޑުވި މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. އެމެރިކާއާ އިދިކޮޅު ސިޔާސަތެއް ގެންގުޅެމުން، ނިއުކްލިއާ މަޝްރޫއެއް ތަރައްގީ ކުރުމަކީ، އީރާނުން ކުރި އެންމެ ބޮޑު ކުށް ކަމަށް އެމެރިކާ ދެކެ އެވެ. އެހެން ކަމުން އީރާނަށް އުގޫބާތް ދިނުމަކީ އެމެރިކާގެ ވާޖިބެއް ކަމަށް ގަބޫލުކުރި އެވެ.

އެމެރިކާގެ ފުރިހަމަ ނުފޫޒު އޮންނަ އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އެޅީ މި ސަބަބަށްޓަކަ އެވެ. އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓައިލުމަށް މަޖުބޫރު ކުރުމުގެ ގޮތުން، އީރާނަށް ހަތިޔާރު ވިއްކުން މަނާކުރި އެވެ. އީރާނާ އެކު ވިޔަފާރީގެ ގުޅުންތައް ހިންގުން މަނާކުރި އެވެ. އެ ނޫނަސް ދަތި ކުރުމުގެ އެތައް ފިޔަވަޅުތަކެއް އެޅި އެވެ.

އެންމެ ފަހުން އީރާނަށް ވެސް މަޖުބޫރުވީ، (މެދުއިރުމަތީގެ އެހެން ގައުމުތަކުގެ ތަޖުރިބާ އަށް ބެލުމަށް ފަހު) އެމެރިކާއާ އެކު އެއްބަސްވުމެއް ގާއިމުކޮށް ނިއުކްލިއާ މަޝްރޫއު ހުއްޓައިލުމަށެވެ. ނަމަވެސް ހިލެއަކު ނޫނެވެ. އީރާނުން ބޭނުންވާ ކަންތައް ވެސް އެ އެއްބަސްވުމުގައި ހިމެނި އެވެ.

އެމެރިކާގެ ރައީސް ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޑޮނަލްޑް ޓްރަމްޕް ނުކުމެވަޑައިގަންނަވަނީ. -- ފޮޓޯ: އޭއެފްޕީ

މިދިޔަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ އެއްބަސްވުން ސިފަ ކުރެއްވީ "ނުބައި އެއްބަސްވުމެއް"ގެ ގޮތުގަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ޓްރަމްޕު ވިދާޅުވީ އެ އެއްބަސްވުމުގެ ބަދަލުގައި އެހެން އެއްބަސްވުމެއް ހަދަން އާދޭސް ކުރުމަށް އީރާނަށް މަޖުބޫރު ކުރުވާނެ ކަމަށެވެ.

ނަމަވެސް އެ އެއްބަސްވުން ބަދަލު ކުރުމަކީ އީރާން ބޭނުންވާ ކަމެއް ނޫނެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާ އާއި އީރާން އެކަންޏެއް ނޫނެވެ. އެމެރިކާގެ ވާދަވެރިންކަމުގައިވާ ޗައިނާ އާއި ރަޝިޔާ ފަދައިން އެމެރިކާގެ މިތުރުން ކަމަށްވާ އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި ޖަރުމަނު ވިލާތް ވެސް އޮތީ ބައިވެރިވެފަ އެވެ. އަދި ވިލާތުގެ އިއްތިހާދަކީ އެއްބަސްވުމުގެ ބައިވެރިއެކެވެ.

އެހެންކަމުން އެއްބަސްވުން ބަދަލު ކުރުމަށް މާ ލަސްވެއްޖެ އެވެ. އީރާންގެ ނިއުކްލިއާ މަޝްރޫއު މަދަނީކޮށް ސިނާއީ ފެންވަރަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އޭގެ އިތުރުން އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ސަލާމަތީ މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް އީރާނުން އެއްބަސްވުމާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއުގެ އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން މަސައްކަތް ކުރީ ޚާރިޖީ ވަޒީރު ޖޯން ކެރީ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، ހަތިޔާރު އުފެއްދޭ ފެންވަރަށް ޔޫރޭނިއަމް ފައްކާ ކުރުން އީރާނުން ހުއްޓައިލަންޖެހޭނެ އެވެ. އޭގެ ބަދަލެއްގެ ގޮތުން، އީރާނާ ދެކޮޅަށް އަޅާފައިވާ އަސްކަރީ އަދި ވިޔަފާރީގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލަންޖެހޭނެ އެވެ.

އީރާންގެ ނިއުކްލިއާ މަރުކަޒެއް ބަލައި ފާސްކުރުމުގައި، އދ.ގެ އެޓޮމިކް ހަކަތައާބެހޭ އިދާރާގެ މުވައްޒަފުންތަކެއް މަސައްކަތް ކުރަނީ. --ފޮޓޯ އޭޕީ

ދެ ފަރާތުން ވެސް މިހާރު ދަނީ އެއްބަސްވުން ދަމަހައްޓަމުންނެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، މިދިޔަ ޖެނުއަރީ 2016 ގައި އުވައިލުމާ އެކު ވިލާތުގެ ގައުމުތަކުން އީރާނާ އެކު ވިޔަފާރީގެ ގުޅުންތައް ގާއިމުކުރި އެވެ. މިހާރު އެ ގުޅުންތަކުގެ ސަބަބުން ވިލާތުގެ ގައުމުތަކާއި އީރާނާ ދެމެދު ވަނީ އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރިއެއް ގާއިމު ކުރެވިފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ބޮއިން ކުންފުނި ފަދަ ބިޔަ އެތައް ކުންފުންޏެއް ހިމެނެ އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ އެއްބަސްވުމުގެ އަމާޒަކީ، ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ގާބިލުކަން ލިބުނަ ނުދިނުމެވެ. މި އެއްބަސްވުން ދެމިއޮންނާނީ 2031 ވަނަ އަހަރާ ހަމައަށެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކެމްޕޭންގައި ޓްރަމްޕު ވިދާޅުވެފައިވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދިޔަ ނުދޭނެ ކަމަށެވެ. އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވިދާނެ އެވެ. އެކަމަކު އީރާނަށް ލިބިފައިވާ ނިއުކްލިއާ މައުލޫމާތާއި އިލްމު ފޮހެލުމަކީ ވާނެ ކަމެއް ނޫނެވެ.

އީރާންގެ އަސްކަރީ އަތްފައި ބަނދެލަން އަމާޒު ހިފުމުގެ ކުރިން އެމެރިކާ ވެސް މިހާރު ގަބޫލުކުރަންޖެހޭ ހަގީގަތެއް އެބަ އޮތެވެ. އީރާން ވެސް އޮތީ އެކަނި ނޫން ކަމެވެ. ސީރިޔާ ހަނގުރާމައިގައި ރޫސީ ވިލާތުން އަދާ ކުރަމުންދާ ދައުރާއި، އީރާންގެ ނިއުކްލިއާ މަޝްރޫއުގައި ރޫސީ ވިލާތުން އަދާކުރި ދައުރުން މިކަން ސާބިތުވާނެ އެވެ.