ރިޔާޒް (މެއި 21) - ޓެރަރިޒަމް އެކްސްޕޯޓް ކުރާ އެންމެ ބޮޑު ގައުމަކީ ޝިއައީ އީރާން ކަމަށް ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި ވާހަކަ ދައްކަވަމުން ސަލްމާން ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އެކުގައި ނައްތާލައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"އީރާނަށް 1979 ވަނަ އަހަރު ގެނައި އިންގިލާބަށް ފަހު އެ ގައުމުވެފައި ވަނީ ޓެރަރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ގައުމަށް. (އާޔަތުﷲ ރޫހުﷲ) ޚުމައިނީގެ އިންގިލާބު އައުމާ ހަމައަށް ޓެރަރިޒަމާއި ހައްދުފަހަނަޅައި ދިއުމަކީ ކޮން އެއްޗެއް ކަމެއް ނޭނގޭ،" ގިނަ އަދަދެއްގެ އިސްލާމީ ލީޑަރުން ބައިވެރިވެވަޑައިގެންނެވި ސަމިޓުގައި ޓްރަމްޕުގެ ތަގުރީރުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ސަލްމާން ވިދާޅުވި އެވެ.
ސަލްމާން ވިދާޅުވީ އައިއެސްގެ ނުރައްކާ ނައްތާލުމަށް ސައުދީ އަރަބިއާ އޮތީ ވަރުގަދަ އަޒުމެއްގައި ކަމަށެވެ.
ރައީސް ޓްރަމްޕުގެ ތަގުރީރުގައި ވެސް ވަނީ އީރާނުން ޓެރަރިޒަމަށް ވާގިވެެރިވާ ކަމަށް ވިދާޅުވެ އެ ގައުމު އެކަހެރި ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އީރާނާ ގުޅުން ގާއިމް ކުރަން ޖެހޭނީ އެ ގައުމަކީ ވެސް ސުލްހައިގެ ބައިވެރިއަކަށްވީ ދުވަހަކުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.