ސައުދީ އަށް ހަމަލާ ދިން މިސައިލް ފޯރުކޮށްދިނީ އީރާނުން: ވަލީ އަހުދު މުހައްމަދު

ރިޔާޒް (ނޮވެމްބަރު 7) - ޔަމަނުގެ ހޫތީން ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒަށް ހަމަލާ ދިން މިސައިލް ފޯރުކޮށްދިން ބަޔަކީ އީރާން ކަމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ތުހުމަތު ކުރައްވައިފަ އެވެ.


"މިއީ ހަނގުރާމައިގެ އުދުވާނީ އަމަލެއް ހިންގުމުގެ ދަރަޖައިގެ ކަމެއް،" އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަންއާ އެކު ފޯނުން ދެއްކެވި ވާހަކައިގައި މުހައްމަދު ވިދާޅުވި ކަމަށް ސައުދީގެ ރަސްމީ ނޫސް އެޖެންސީން ބުނެފައިވެ އެވެ.

ރިޔާޒުގެ ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން އުޅުނު ހަމަލާ ވަނީ އަމާޒަށް ވާސިލްވުމުގެ ކުރިން ގޮއްވާލައިފަ އެވެ.

ހޫތީންނަށް އެހީވަމުންދާ ކަމަށް ކުރާ ތުހުމަތު އީރާނުން ދޮގު ކުރެ އެވެ. އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖާވަދު ޒަރީފް އިއްޔެ ވިދާޅުވީ ސައުދީގެ "އުދުވާނުގެ" ސަބަބުން މުޅި މެދުއިރުމަތި ބިރުވެރި ހާލަތަކަށް ވައްޓާލައިފި ކަމަށެވެ.

ހޫތީން ފޮނުވާލި ބުރްކާން އެޗް2 މިސައިލުގެ އަމާޒަކަށް ހެދި ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓް އޮންނަނީ ޔަމަނުގެ ބޯޑަރުން ފެށިގެން 850 ކިލޯ މީޓަރު (530 މޭލު) ދުރުގަ އެވެ. އަދި ރިޔާޒުގެ އިރު އުތުރުން 35 ކިލޯ މީޓަރު ދުރުގަ އެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނީ އާއްމުން ބޭނުންކުރާ އެއާޕޯޓަކަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.

ހޫތީން ވަނީ މިދިޔަ ޖުލައި މަހު ވެސް މައްކާ އަށް މިސައިލް ހަމަލާއެއް ދޭން އުޅެފަ އެވެ. ސައުދީގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވީ ރިޔާޒަށް ދޭން އުޅުނު ހަމަލާގައި ބޭނުންކޮށްފައިވާ މިސައިލާއި މައްކާ އަަށް ދޭން އުޅުނު ހަމަލާގައި ބޭނުންކުރި މިސައިލުގެ ތަފާތެއް ނެތް ކަމަށެވެ. ދެ މިސައިލް ވެސް ސަޕްލައިކޮށްފައި ވަނީ އީރާނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ ރިޔާޒަށް ދިން މިސައިލް ހަމަލާއަކީ ސައުދީ ކޯލީޝަނުން ޔަމަނަށް ދޭ ހަމަލާތަކަށް ދިން ރައްދެއް ކަމަށާއި އެކަމާ އީރާނުން ކުރާނެ ކަމެއް ނެތް ކަމަަށެވެ.