އައިއެސް ނައްތާލުމުގެ މަޝްވަރާތައް ކޯލީޝަނުން ފަށައިފި

ވޮޝިންޓަން (ޖުލައި 21) އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކޮށްލުމާ ބެހޭ ގޮތުން އެމެރިކާ އާއި ކޯލީޝަނުގެ ބައިވެރިންގެ މެދުގައި މަޝްވަރާކޮށް އާ ސްޓްރެޓެޖީއެއް އެކުލަވާލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު އޭޝް ކާޓާ ވިދާޅުވެއްޖެ އެވެ.


ކާޓާ ވިދާޅުވީ ސީރިއާގެ ރައްގާ އާއި އިރާގުގެ މޮސޫލްގައި ތިބި އައިއެސްގެ ހަނގުރާވެރިން ވަރަށް އަވަހަށް ފައްސާލާނެ ކަމަށެވެ. އެކަމަކު މި ސިޓީން އައިއެސް ފޮހެލި ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކަށް އެ މީހުން ނުރައްކާ ހުއްޓުވުނީ ނޫން ކަމަށް ކާޓާ ވަނީ އިންޒާރު ދެއްވައިފަ އެވެ.

އައިއެސްގެ އަތްދަށުން އަތުލާ ސަރަހައްދުތަކުގައި ހަމަޖެހުން ގާއިމް ކުރުމާ ބެހޭ ގޮތުން ވެސް ކޯލީޝަނުން ވަނީ މަޝްވަރާކޮށްފަ އެވެ. ސީރިއާ އާއި އިރާގުން އައިއެސް އަށް ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ މުހިންމު ބިންތައް ގެއްލިފަ އެވެ. އިރާގުގެ ފައްލޫޖާ ހިފުމަށް ފަހު މިހާރު މިސްރާބު ޖަހާފައި ވަނީ މޮސޫލް ހިފުމަށެވެ.

އައިއެސް ބަލިކޮށްލުމާ ބެހޭ ގޮތުން ވޮޝިންޓަނުގައި ބާއްވާ މަޝްވަރާތަކުގައި ދަނީ 30 ގައުމަކުން ބައިވެރިވަމުންނެވެ.

އަނެއްކޮޅުން ވޮޝިންޓަނުގައި ދަނީ އިރާގަށް އެހީވުމާ ބެހޭ ކޮންފަރެންސެއް ވެސް ބާއްވަމުންނެވެ. މި ކޮންފަރެންސްގައި ވަނީ އިރާގަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި އިރާގު އަލުން އާރާސްތު ކުރުމުގެ މަސައްކަތަށް ދެ ބިލިއަން ޑޮލަރު ދޭނެ ކަމަށް ގައުމުތަކުން ބުނެފަ އެވެ.

"އިރާގުގައި ކާމިޔާބު ނުހޯދިއްޖެ ނަމަ އެހެން އެއްވެސް ގައުމަކަށް ސަލާމަތެއް ނެތް،" ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވި އެވެ.