ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެ ނަމަ ނަތީޖާ ހިތިވާނެ: އީރާން

ތެހެރާން (އެޕްރީލް 25) - ދުނިޔޭގެ ބާރުތަކާ އެކު 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި އެ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެ ނަމަ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.


ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ރޫހާނީ ވިދާޅުވީ އެއްބަސްވުމުގައިވާ ކަންކަމަށް ވައިޓްހައުސް އިން އިހްތިރާމް ނުކުރާ ނަމަ އީރާނުގެ ރައްދުވެސް ހަރުކަށިވާނެ ކަމަށެވެ.

އެއްބަސްވުން އާކުރުމާ މެދު އަންނަ މަހު 12 ގައި ރައީސް ޑޮނަލްޑް ޓްރަމްޕް ގޮތެއް ނިންމަވާނެ އެވެ. ޓްރަމްޕް މީގެ ކުރިން ވަނީ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވާނެ ކަމަށް އެތައް ފަހަރަކު އިންޒާރު ދެއްވައިފަ އެވެ. އަދި އެއީ ތާރީޚުގައި ވެސް ގާއިމްކުރި އެންމެ ކަމުނުދާ އެއްބަސްވުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން. --ފޮޓޯ: ރޮއިޓާސް

އަނެއްކޮޅުން އެމެރިކާ އަށް މިހާރު ވަޑައިގެން އުޅުއްވާ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާ އެކު ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ނިއުކްލިއާ އާ އެއްބަސްވުމެއް ގާއިމްކުރުމުގެ ޚިޔާލު ފާޅު ކުރައްވައިފަ އެވެ. މެކްރޮން ވިދާޅުވީ އާ އެއްބަސްވުމުގައި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ވެސް ހިމަނަން ޖެހޭނެ ކަމަށެވެ.

ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވަނީ އަންނަ ހުކުރު ދުވަހު އެމެރިކާ އަށް ވަޑައިގަތުމަށް ހަމަޖެހިފަ އެވެ. މާކެލްގެ ދަތުރުގައި، އެމެރިކާ އިން ނިއުކްލިއާ އެއްބަސްވުމުން ވަކިނުވުމަށް ޓްރަމްޕަށް ބާރު އަޅުއްވާނެ އެވެ.

އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެމެރިކާ، ރަޝިޔާ، ޗައިނާ ފްރާންސް، އިނގިރޭސި ވިލާތް އަދި ޖަރުމަނެވެ.

ޓްރަމްޕާއި މެކްރޮންގެ ސަމިޓުގެ ކުރިން އެމެރިކާގެ ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދު ޒަރީފް ވިދާޅުވެފައި ވަނީ އެމެރިކާ އިން ނިއުކްލިއާ އެއްބަސްވުމުން ވަކިވެއްޖެ ނަމަ އީރާނުން ކުރިއަށް ވުރެ ބާރު ސްޕީޑުގައި ނިއުކްލިއާ ހަކަތަ ފައްކާކުރަން ފަށާނެ ކަމަށެވެ.