އީރާނުން ނިއުކްލިއާ އެއްބަސްވުން ގާއިމްކުރީ ދޮގުގެ މަތީގައި: އެމެރިކާ

ތެލް އަވީވް (މެއި 1) - ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އީރާނުން ނިއުކްލިއާ އެއްބަސްވުން ގާއިމްކުރީ ވަރަށް ބޮޑަށް އޮޅުވާލައިގެން ދޮގުގެ މަތީގައި ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.


އޭނާ ވިދާޅުވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވި މައުލޫމާތަކީ ތެދު ކަމަށެވެ. އެކަމަކު ނިއުކްލިއާ އެއްބަސްވުމުގައި ސޮއިކުރި ގައުމުތައް ކަމަށްވާ އިނގިރޭސި ވިލާތާއި ފްރާންސް އިން ވަނީ އެއްބަސްވުމަށް އީރާނުން އަމަލު ކުރަމުންދާ ކަމަށް ބުނެފަ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވެސް ވަނީ އެކަމަށް މިދިޔަ މަހު އެއްބަސްވެފަ އެވެ.

"ޝައްކެއް ނެތް މިންވަރަށް މިހާރު ޔަގީން އީރާނުން ހަދަނީ ދޮގުކަން،" ޕޮމްޕެއޯ ވިދާޅުވި އެވެ.

އީރާނުގެ ނިއުކްލިއާ އެއްބަސްވުން އުވާލުމާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕް މި މަހު 12 ވަނަ ދުވަހު ގޮތެއް ނިންމަވާނެ އެވެ.

ނަތަންޔާހޫ ރޭ ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްތާމްގެ ސިއްރު ފައިލްތައް ހޯދާފައިވާ ކަމަށް ވިދާޅުވެ އެއާ ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްވައިފަ އެވެ. އަދި އެ މައުލޫމާތު ހޯދީ އިޒްރޭލުގެ ޖާސޫސީ އިދާރާ އިން ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވީ ނަތަންޔާހޫ ދައްކަވަނީ ކުޑަ ކުދިން ދައްކާ ކަހަލަ ވާހަކަ ކަމަށެވެ.