މިހާތަނަށް ހޯދުނު އެންމެ ގަދީމީ 'ފިޔަވަޅުތައް' ޗައިނާގައި

ޔެންޒީ ގޯޖެސް (8 ޖޫން) - މިހާތަނަށް ހޯދުނު އެންމެ ދުވަސް ވީ ފިޔަވަޅުގެ ނިޝާންތައް ޗައިނާގެ ދެކުނު ސަރަހައްދަކުން ފެނިއްޖެ އެވެ


މި ނިޝާންތައް ހޯދި އާކިއޮލޮޖިސްޓުންގެ ޓީމުން ބެލިބެލުމުން އެނގިފައިވާ ގޮތުގައި 546 މިލިއަން އަހަރު ކުރީގެ މި 'ފިޔަވަޅުތައް' ނިސްބަތް ވަނީ އެންމެ ފުރަތަމަ ފައިގެ އެހީގައި ހިނގައި އުޅުނު ކަމަށް ބެލެވޭ ޖަނަވާރުތަކުގެ ތެރެއިން ކޮންމެވެސް ޖަނަވާރަކަށެވެ. ނަމަވެސް އެއީ ކޮން ޖަނަވާރެއްކަން އަދި ދެނެގަނެވިފައެއް ނުވެ އެވެ.

"އަހަރެމެންނަކަށް މުޅިން ޔަގީނެއް ނޫން މިއީ ކިތައް ފައި ލީ ޖަނަވާރެއް ކަމެއް ވެސް. ބޮޑަށް ބެލެވެނީ ދެ ފައި ލީ ޖަނަވާރެއް ކަމަށް،" ޓީމުގެ މެންބަރަކު ބުނެފައިވެ އެވެ.

ޗައިނާގެ ސައިންސް އެކަޑެމީގެ ފަރާތުން މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވާ ޒީ ޝެން އޭއެފްޕީ އަށް ބުނިގޮތުގައި، މިއީ މީގެ ކުރިން ހޯދިފައިވާ އެންމެ ދުވަސްވީ ފިޔަވަޅުތަކަށް ވުރެ ދިހަ މިލިއަން އަަހަރު ކުރީގެ ފިޔަވަޅުތަކެކެވެ.

ނިޝާންތައް ފެނުނު 'ޔެންޒީ ގޯޖެސް' ގެ ނަން ދެވިފައިވާ ސަރަހައްދަކީ 550 މިލިއަން އަހަރު ވެފައިވާ ގާތަކާއި އެނޫން ވެސް ގަދީމީ ގިނަ އާސާރުތަކެއް ހިމެނޭ ސަރަހައްދެކެވެ.

ގަދީމީ އާސާރުތަކުގެ އިތުރުން ޗައިނާ އަކީ ދުނިޔެއިން މަދުން ނޫނީ ނުފެންނަ އެކި ބާވަތްބާވަތުގެ މައުދަނާއި ބިމު އަޑީގެ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ގައުމެއް ވެސް މެ އެވެ.