ކިމް އަށް "ވެގެން" ސިންގަޕޫރަށް އެތެރެވި މީހަކު ހިފަހައްޓައިފި

ސިންގަޕޫރު (9 ޖޫން) - އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން އަށް 'ވެގެން' އުޅުނު މީހަކު ސިންގަޕޫރަށް ދިޔަ ތަނުން ފުލުހުން އޭނާ ހިފަހައްޓައިފި އެވެ.


އޮސްޓޭލިއާގެ ކޮމީޑިއަން ހާވަޑް އެކްސް ބުނީ ހުކުރު ދުވަހުގެ ހެނދުނު ސިންގަޕޫރުގެ ޗަންނީ އެއާޕޯޓަށް އޭނާ ފޭބުމާ އެކު ފުލުހުން އޭނާ ހިފަހައްޓައި ދެ ގަޑިއިރު ވަންދެން އެއާޕޯޓުތެރޭ ބެހެއްޓުމަށް ފަހު 'ފޮށިތަންމަތި' ބަލައިފާސްކޮށް ގިނަ ސުވާލުތަކެއް ކުރި ކަމަށެވެ.

"އެމީހުން އެހި ސިޔާސީ ގޮތުން ގެންގުޅެނީ ކޮން ފިކުރެއްހޭ. އެއްވެސް ގައުމެއްގަ މުޒާހަރާއެއް ކަހަލަ ކަމެއްގައި ބައިވެރިވިންހޭ" - ހާވަޑް އެކްސް

އޭނާ ބުނިގޮތުގައި ފުލުހުން އޭނާއަށް ހަނދާންކޮށްދިނީ ސިންގަޕޫރަށް "ތިޔަ އައީ ވަރަށް ނާޒުކު ދަނޑިވަޅެއްގައި" ކަމެވެ.

ސިންގަޕޫރުގެ އިމިގްރޭޝަނާއި ޗެކްޕޮއިންޓްތަކާ ބެހޭ އިދާރާ އައިސީއޭ އިން ފަހުން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ކިމްއަށް ވެގެން އުޅުނީ ލީ ހާވަޑް ހޯ ވުން ނަމަކަށް ކިޔާ މީހެކެވެ. އެކަމަކު ބޭނުންވާ ބައެއް މައުލޫމާތު ސާފުކުރުމަށް ފަހު ސިންގަޕޫރަށް އެތެރެވުމުގެ ހުއްދަ އޭނާއަށް ވަނީ ދީފައި ކަމަށް ވެސް އައިސީއޭ އިން ބުންޏެވެ.

އައިސީއޭ އިން ބުނީ މި ދުވަސްވަރު ސިންގަޕޫރަށް އެތެރެވާ މީހުންނާ ސުވާލުކޮށް މައުލޫމާތު ސާފުކޮށް އަންގަން ޖެހޭ އެންގުންތައް އަންގާނެ ކަމަށެވެ.

މީގެ އެއް މަސް ކުރިން ވެސް ހާވަޑް އެކްސް ސިންގަޕޫރަށް ދިޔަ އެވެ. މިފަހަރު އަލުން ދިޔައީ އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ސަމިޓާ ދިމާކޮށް ޓްރަމްޕާއި ކިމް ހެދިގެން ސިންގަޕޫރުގެ އެކި ސަރަހައްދުތަކުގައި ހުނަރު ދައްކާލައި، ފޮޓޯ ނަގާށެވެ.

އެކްސް ބުނި ގޮތުގައި ފުލުހުން އެދިފައި ވަނީ ސަމިޓް އޮންނަ ސަންތޯސާ އައިލެންޑާއި ޝަންގްރިއްލާ ހޮޓަލާ މާ ގާތް ނުވެ ދުރުދުރުން އުޅުމަށެވެ.