ހުދައިދާ އޮތީ އިންސާނީ ކާރިސާއެއްގެ ތުންފަތް މަތީގައި

ޔަމަނަށް އަތް ގަދަކޮށްގެން ތިބި ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް، ބަނދަރުމަތީ ރަށެއް ކަމަށްވާ ހުދައިދާ މިނިވަން ކުރުމަށް ސައޫދީ އަރަބިއްޔާ އާއި އެމިރޭޓްސްގެ ގުޅިފައިވާ ލަޝްކަރުން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، އެ ރަށް މިހާރު އޮތީ އިންސާނީ ކާރިސާއެއްގެ ތުންފަތް މަތީގައި ކަމަށް، އދ. މަޖިލީހުގެ އިންސާނީ ހައްގުތަކާ އެމްބެސެޑަރު އަލްއަމީރު ޒައިދު ބިން ރައުދު ވިދާޅުވެއްޖެ އެވެ.


އދ. މަޖިލީހުގައި ވާހަކަ ދައްކަވަމުން ޒަައިދު ވިދާޅުވި ގޮތުގައި ޔަމަންގައި ތިބި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް، ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ހުރަސް އެޅެ އެވެ. އަދި ގުޅިފައިވާ ލަޝްކަރުން ހުދައިދާގެ ތެރެއަށް ހަމަލާ ދެމުންދާ ނަމަ، ގިނަ އަދަދެއްގެ ބަޔަކު މަރުވެ އިންސާނީ ކާރިސާއަކާ ކުރިމަތިލާން ޖެހުމަކީ ދުރު ކަމެއް ނޫނެވެ.

އެހެންކަމުން، ހުދައިދާގެ އާންމުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނާއި ކާބޯތަކެތި ހުދައިދާ އަށް އެތެރެ ކުރެވޭނެ ފަސޭހަ ގޮތެއް ހަދައިދިނުމަށް އދ. މަޖިލީހަށް އޭނާ ގޮވައިލެއްވި އެވެ. ހުދައިދާ އިން ސާފު ބޯފެނާއި ބޭހުގެ ސާމާނު ހުސްވުމަކާ ގާތްވެފައިވާ އިރު، ގުޅިފައިވާ ލަޝްކަރުން ހުދައިދާގެ ހިސާރު ދޫކޮށްނުލައިފި ނަމަ، އެ ރަށުގައި ތަފާތު ރޯގާތަކާއި ބަލިމަޑުކަމެއް ފެތުރުމުގެ ބިރު އެބަ އޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ވަނީ އިންޒާރު ކޮށްފަ އެވެ.

ހުދައިދާގައި 600،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު، އެ މީހުން މިހާރު ތިބީ ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ. އަނެއްކޮޅުން، ގުޅިފައިވާ ލަޝްކަރުގެ ސިފައިން ތިބީ އެރަށަށް ގޮސް އައިސްވެވޭ ހުރިހާ މަގުތަކެއް ހިފައި، އެ ރަށް ހިސޯރު ކޮށްގެންނެވެ. އެހެންކަމުން އެ ރަށް ދޫކޮށް އަމާން ތަނަކަށް ދިޔުމުގެ ފުރުސަތު ވެސް ހުދައިދާގެ ރައްޔިތުންނަކަށް މިހާރަކު ނެތެވެ.

ހުދައިދާގައި ތިބި ހޫތީ ހަނގުރާމަވެރިންނާއި، އެ ރަށް ހިސާރުކޮށްގެން ތިބި ލަޝްކަރާ ދެމެދު މިހާރު އެންމެ ވަރުގަދަ އަށް ހަމަލާ ބަދަލު ކުރަމުން ދަނީ ހުދައިދާގެ ވައިގެ ބަނދަރު ކައިރީގަ އެވެ. ގުޅިފައިވާ ލަޝްކަރުގައި ހިމެނޭ އެމިރޭޓްސްގެ ސިފައިން ހުދައިދާ ހިފުމަށް ހަނގުރާމަ ފެށީ މިދިޔަ ބުދަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ހުދައިދާގެ ވައިގެ ބަނދަރު ހިފިއްޖެ ކަމަށް ޔަމަން ސިފައިން ބުނި ނަމަވެސް، އެ ބަނދަރު އަދިވެސް އޮތީ ހޫތީންގެ ބާރުގެ ދަށުގައި ކަން ވަނީ އެނގިފަ އެވެ.