ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ބޮމެއް ގޮއްވާލާ 50 މީހުން މަރާލައިފި

ކަރާޗީ (އޮގަސްޓް 8) - ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ގުއެއްތާގެ ހޮސްޕިޓަލެއްގައި ބޮމެއް ގޮއްވާލާ 50 މީހުން މިއަދު މަރާލައިފި އެވެ.


ބޮމުގެ ހަމަލާދީފައި ވަނީ ހޮސްޕިޓަލުގެ އިމާޖެންސީ ޑިޕާޓްމަންޓުގެ ދޮރުގެ ކުރިމަތީގަ އެވެ. ބޮމުގެ ހަމަލާގެ ކުރިން އެ ހޮސްޕިޓަލަށް ވަނީ ބަޑި ޖަހައިގެން ޒަޚަމްވި ގާނޫނީ ވަކީލެއް ކަމަށްވާ ބިލާލް އަންވަރު ކާސީ ގެނެސް ފަރުވާ ދޭން ފަށައިފަ އެވެ. ބޮން ގޮއްވާލީ ވަކީލަށް ފަރުވާ ދެމުން ދިޔަ އިމަޖެންސީ ޑިޕާޓްމަންޓުގެ ބޭރުގަ އެވެ. މަރުވި މީހުންގެ ތެރޭގައި ވަކީލު ކާސީއާ އެކު ހޮސްޕިޓަލަށް ދިޔަ ނޫސްވެރިންނާއި ވަކީލުން ވެސް ހިމެނެ އެވެ.

ބަލޮޗިސްތާން ބާ އެސޯސިއޭޝަންގެ ރައީސް ކާސީގެ ގަޔަށް ބަޑި ޖެހީ ގުއެއްތާގެ ކޯޓު ކޮމްޕްލެކްސް އަށް އޭނާ ދަނިކޮށެވެ.

ހޮސްޕިޓަލުގައި ބޮން ގޮއްވާލީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.

ހޮސްޕިޓަލަށް ދިން ހަމަލާ ބޮޑު ވަޒީރު ނަވާޒު ޝަރީފު ވަނީ ކުށްވެރި ކުރައްވައިފަ އެވެ. އަދި ޕާކިސްތާނުގެ ހަމަޖެހުން ނަގާލުމުގެ ފުރުސަތު އެކަކަށް ވެސް ނުދެއްވާނެ ކަމަށް ނަވާޒް ޝަރީފް ވިދާޅުވި އެވެ.

ބަލޮޗިސްތާން ޕްރޮވިންސްގެ ޗީފް މިނިސްޓަރު ސަނާއުﷲ ޒަހުރީ ވިދާޅުވީ ބޮމުގެ ހަމަލާގައި ޒަޚަމްވި މީހުންނަށް ލިބެން ހުރި އެންމެ މަތީ ފެންވަރުގެ ފަރުވާ ދޭނެ ކަމަށެވެ.