ކޯލީޝަނުގެ ވައިގެ ހަމަލާތަކުގައި އައިއެސްގެ ތެޔޮ ޓޭންކަރުތަކެއް ހަލާކުކޮށްލައިފި

ވޮޝިންޓަން (އޮގަސްޓް 9) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން ބޭނުންކުރާ 83 ތެޔޮ ޓޭންކަރެއް ކޯލީޝަނުގެ މަތިންދާ ބޯޓުތަކުގެ ވައިގެ ހަމަލާތަކުގައި ހަލާކުކޮށްލާފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.


ޕެންޓަގަންގެ ތަރުޖަމާން މެތިއު އެލަން ވިދާޅުވީ ކޯލީޝަނުގެ ވަރަށް ގިނަ މަތިންދާ ބޯޓުތައް ބައިވެރިވެގެން ހަމަލާދީފައި ވަނީ އިރާގުގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ ދައިރު އަލް ޒައުރުގެ އަލްބޫ ކަމާލަށް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ އައިއެސްގެ ތެޔޮ ސްމަގްލް ކުރާ ނެޓްވޯކް ދުއްވާލުމަށް ފަށާފައިވާ ޓައިޑަލް ވޭވް އޮޕަރޭޝަން 2 ގެ ދަށުން ދިން ހަމަލާތަކެއް ކަމަށެވެ.

ކޯލީޝަނުގެ ބޯޓުތަކުން މިދިޔަ އަހަރު ދިން ވައިގެ ދެ ހަމަލާއެއްގައި ވަނީ އައިއެސްގެ 400 އަށް ވުރެ ގިނަ ތެޔޮ ޓޭންކަރު ހަލާކުކޮށްލައިފަ އެވެ. ހަމަލާ ދިން އިރު މި ޓޭންކަރުތައް ވަނީ ވަގަށް ތެޔޮ ބޭރުކުރަން ސަހަރާއެއްގައި ތައްޔާރުކޮށްފަ އެވެ. އެމެރިކާ އިން ބުނީ އެ ފަހަރު ހަމަލާ ދިނުމުގެ ކުރިން އެ ޓޭންކަރުތަކުގެ ޑްރައިވަރުން ސަލާމަތްވުމަށް އެންގި ކަމަށެވެ. އަދި ޓޭންކަރުތަކުގެ ޑްރައިވަރުންނަކީ އައިއެސްގެ މެންބަރުން ނޫން ކަމަށް ޕެންޓަގަނުން ބުނެ އެވެ. ނަމަވެސް އެންމެ ފަހުން ދިން ހަމަލާގައި ޑްރައިވަރުންނަށް އިންޒާރު ދިން ކަމަށް ޕެންޓަގަނުން ބުނެފައެއް ނުވެ އެވެ.