އެމެރިކާގެ އެހީއާ ނުލައި ސަލްމާނަށް ދެ ހަފުތާ ވެސް ރަސްކަމުގައި ނުހުންނެވޭނެ: ޓްރަމްޕް

ވޮޝިންޓަން (އޮކްޓޯބަރު 3) - އެމެރިކާގެ އަސްކަރިއްޔާގެ ބާރު ނެތި ރަސްކަމުގައި ދެ ހަފުތާ ވެސް ނުހުންނެވޭނެ ކަމަށް ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާނަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


"ސައުދީ އަރަބިއާ ހިމާޔަތް ކުރަނީ އަޅުގަނޑުމެން. އެއީ މުއްސަނދި ބައެކޭ ބުނެވިދާނެތަ؟ ކިންގް ސަލްމާނަކީ އަޅުގަނޑު ވަރަށް ލޯބިވާ ބޭފުޅެއް. އެކަމަކު ސަލްމާނަށް ދަންނަވާފައިވާނެ މަނިކުފާން ހިމާޔަތް ކުރަނީ އެމެރިކާ އިން ކަމަށް. އމެރިކާގެ އެހީ ނެތި ދެ ހަފުތާ ވެސް ރަސްކަމުގައި ނުހުންނެވޭނެ ކަމަށް،" މިސިސިއްޕީގައި އޮތް އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ސައުދީ ރަސްގެފާނަށް އެހެން ދެންނެވީ ކޮން އިރަކު ކަމެއް ޓްރަމްޕް ވިދާޅެއް ނުވެ އެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގަތުމާ އެކު ޓްރަމްޕް ފުރަތަމަ ވަޑައިގެންނެވީ ސައުދީ އަރަބިއާ އަށެވެ. އަދި އެމެރިކާ އާއި ސައުދީ އަރަބިއާ އިން ގާތް ގުޅުމެއް ބާއްވަ އެވެ.

ތެލުގެ ސަޕްލައި ހިފެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް ވަނީ ކިންގް ސަލްމާނަށް ހޮނިހިރު ދުވަހު ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ގައުމަކީ ސައުދީ އެވެ.