ހަމަލާ ދިން ކަމަށް ބުނާ މީހުންގެ ފޮޓޯ އައިއެސް އިން އާއްމުކޮށްފި

ބޭރޫތު (އެޕްރީލް 24) - ސްރީ ލަންކާގައި އާދިއްތަ ދުވަހު ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާ ދިން މީހުންގެ ފޮޓޯ އާއި އެ މީހުންނާ ބެހޭ މައުލޫމާތު އިސްލާމިކް ސްޓޭޓް (އައިއެސް) އިން އާއްމުކޮށްފި އެވެ.


"އެމެރިކާ އިސްވެ އުފައްދާފައިވާ ކޯލިޝަނުގެ މެންބަރުންނާއި ކްރިސްޓިއަނުންނަށް އަމާޒުކޮށް ސްރީ ލަންކާގައި އިއްޔެ ނޫން އިހަށް ދުވަހު ހަމަލާ ދިނީ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން،" އައިއެސްގެ ނިއުސް އެޖެންސީ އައުމާގު މެދުވެރިކޮށް އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އައިއެސް އިން ފަހުން ނެރުނު ބަޔާނެއްގައި ވަނީ ލަންކާގައި ހަމަލާ ދިން ހަތް މީހުންގެ އާއްމު ނަން ހާމަކޮށްފަ އެވެ. ހަމަލާގެ ފަހަތުގައިވާ އަށް މީހުންގެ ފޮޓޯއެއް އައުމާގު ނިއުސް އެޖެންސީން ވަނީ އާއްމުކޮށްފަ އެވެ. އެ އަށް މީހުންގެ ތެރޭން ހަތް މީހުންގެ މޫނު ވަނީ ނިވާކޮށްފަ އެވެ. ތިން މީހަކު ތިބީ ވަޅި ހިފައިގެންނެވެ. މޫނު ދައްކައިގެން ހުރި މީހާ ހުރީ އެސޯޓް ރައިފަލެއް ހިފައިގެންނެވެ. ލަންކާ ފުލުހުން ގަބޫލް ކުރާ ގޮތުގައި އެއީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ގެ ލީޑަރު ޒަހްރާން ހާޝިމީ އެވެ.

އައުމާގުން ފަހުން ވަނީ އައިއެސްގެ ދިދައެއްގެ ކުރިމަތީގައި ތިބި އަށް ހަނގުރާމަވެރިން އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ އަށް ކިޔަމަންވާނެ ކަމަށް ބުނާ ވީޑިއޯއެއް ވެސް އާއްމުކޮށްފަ އެވެ.

އައިއެސްގެ ބަޔާނުގައި ބުނެފައި ވަނީ ޝަންގްރިއްލާ، ސިނަމަން އަދި ކިންގްސްބަރީ އަށް ހަމަލާ ދިން ތިން ހަނގުރާމަވެރިންނަކީ އަބޫ އުބައިދާ، އަބޫ ބަރާ އަދި އަބޫ މުޚްތާރު ކަމަށެވެ. ކޮލަމްބޯ އާއި ނިގަމްބޯ އަދި ބަޓިކަލޮއާގެ ތިން ފައްޅި އަށް ހަމަލާ ދިން ކަމަށް ބުނެފައި ވަނީ އަބޫ ހަމްޒާ، އަބޫ ޚާލިދު އަދި އަބޫ މުހައްމަދު ކަމަށެވެ. ހަތް ވަނަ ހަނގުރާމަވެރިޔާ އަބޫ އަބްދުﷲ ވަނީ ކޮލަމްބޯގައި ތިން ފުލުހަކު މަރާލާފައި ކަމަށް ވެސް އައިއެސް އިން ބުނެ އެވެ. ލަންކާ ފުލުހުން ބުނާ ގޮތުގައި އެއީ ހަތަރު ވަނަ ހޮޓަލުގައި ހަމަލާ ދޭން އުޅުނު މީހާ އެވެ. އޭނާގެ ގައިގައި ހަރުކޮށްފައި ހުރި ގޮވާ ތަކެތި ގޮއްވާލީ ފުލުހުން ކައިރިވާން ފެށުމުންނެވެ.

ލަންކާ ފުލުހުންގެ ބައެއް މަސްދަރުތަކުން ބުނެފައި ވަނީ ސިނަމަން އާއި ޝަންގްރިއްލާގައި ބޮމުގެ ހަމަލާ ދީފައި ވަނީ ދެބެއިން ކަމަށެވެ.

ހަމަލާ ދިނީ އައިއެސް އިން ކަމަށް އެ މީހުން ބުނި ނަމަވެސް ހަމަލާގެ ފަހަތުގައިވާ ކަމަށް ލަންކާ ސަރުކާރުން ތުހުމަތުކޮށްފައި ވަނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތެވެ. ލަންކާގެ ސްޓޭޓް މިނިސްޓަރަކު ވަނީ އެއީ ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތެއްގައި މިދިޔަ މަހު ބަޑިން ދިން ހަމަލާގެ ބަދަލު ހިފަން ދިން ހަމަލާތަކެއް ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް ވަނީ 321 މީހުން މަރުވެފަ އެވެ. ޒަޚަމްވި މީހުންގެ އަދަދު އުޅެނީ 500 އިން މަތީގަ އެވެ.