ލަންކާގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފި

ކޮލަމްބޯ (މެއި 23) - ސްރީ ލަންކާގައި މިދިޔަ މަހު ބޮން ގޮއްވުމުން، އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު އެއް މަހަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ބުދަ ދުވަހު އިތުރު ކުރައްވައިފި އެވެ.


ކުއްލި ނުރައްކަލުގެ ހާލަތުގައި ސަލާމަތީ ފަރާތްތަކަށް ވަނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް އާދަޔާޚިލާފު ބާރުތަކެއް ދީފަ އެވެ. ސިރިސޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރީ އާއްމުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.

އެޕްރީލް 21 ވަނަ ދުވަހު ބޮމުގެ ހަމަލާ ދިންތާ ތިން ހަފުތާ ފަހުން ވަނީ މުސްލިމުންނާ ދެކޮޅަށް ލަންކާގައި ހަމަނުޖެހުން ހިންގަން ފަށައިފަ އެވެ. މުސްލިމުންގެ އެތައް ފިހާރައަކާއި މިސްކިތްތަކަށް ހަމަލާދީ އެއް މުސްލިމަކު ވަނީ މަރާލައިފަ އެވެ.

ފުލުހުންނާއި ސިފައިން ބުނެފައި ބޮމުގެ ހަމަލާ އަށް ފަހު ލަންކާ އިން އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާޚިލާފަށް ލަންކާގައި ދިރިއުޅެމުން ދިޔަ 600 އަސް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ލަންކާގައި އަމިއްލަ އަށް މަރުވެގެން ދިން އީސްޓާ ބޮމުގެ ހަމަލާގައި 258 މީހުން މަރުވި އެވެ. ބޮން ގޮއްވާފައި ވަނީ ނޭޝަނަލް ތައުހީދު ޖަމާއަތަށް ނިސްބަތްވާ ނުވަ މީހެކެވެ.

އެކާވީސް މިލިއަަން މީހުން ހިމެނޭ ލަންކާގެ އާބާދީގެ ބޮޑު ބަޔަކީ ބުޑިސްޓުންނެވެ. މުސްިމުންގެ ނިސްބަތް 10 ޕަސެންޓުގައި އުޅޭ އިރު ކްރިސްޓިއަންގެ ނިސްބަތަކީ 7.6 ޕަސެންޓެވެ.