ސުލްހަ ގެނެވޭނެ ހަމައެކަނި ގޮތަކީ ފަލަސްތީނު ދައުލަތް ހެދުން: އަބްދުﷲ

މެދު އިރުމައްޗަށް ދާއިމީ ސުލްހަ ގެނެވޭނެ ހަމައެކަނި ގޮތަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުން ކަމަށް އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރުކުރައްވައިފި އެވެ.


އުރުދުންގެ ރަސްގެފާނު މިމޭރުމުން ވާހަކަ ދެއްކެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޑްވައިޒަރު އަދި ދަނބިދަރިކަލުން ޖެރެޑް ކުޝްނާއާ އެކު އުރުދުންގެ ވެރިރަށް އައްމާންގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ. ކުޝްނާ އުރުދުންއަށް ވަޑައިގެންނެވީ އަންނަ ޖޫން މަހު ފަހުކޮޅު ބަހްރައިންގައި ބާއްވަން އެމެރިކާއިން ރާވާފައިވާ ބައްދަލުވުމަށް ތާއީދު ހޯދުމަށެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ ބަހްރައިންގައި ބާއްވަން އުޅެނީ ފަލަސްތީނު މީހުންނަށް އެހީވުމުގެ ބައްދަލުވުމެއް ކަމަށެވެ.

ކުޝްނާއާ އެކު ބޭއްވެވި ބައްދަލުވުމުގައި އަބްދުﷲ ވިދާޅުވީ ފަލަސްތީނުގެ ދައުލަތް އުފައްފަދަން ޖެހޭނީ 1967 ވަނަ އަހަރު ކުރި ހަނގުރާމައިގައި އިޒްރޭލުން ހިފި ބިންތައް އެ ދައުލަތަށް ލިބޭ ގޮތަށް އަދި ގުދުސަކީ އެ ދައުލަތުގެ ވެރިރަށް ކަމަށް ހަމަޖައްސައިގެން ކަމަށެވެ.

އެކަމަކު އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ވަޑައިގެން އޭނާ ނިންމަވާފައި ވަނީ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަންނާށެވެ. އިޒްރޭލުގައިވާ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމީ ވެސް އެ ސިޔާސަތުގެ ދަށުންނެވެ.

ފަލަސްތީނާއި އިޒްރޭލު މައްސަލަ ހައްލުކުރަން އެމެރިކާ ސަރުކާރުން ރާވާފައިވާ ރޭވުމުގެ ބައެއް ބަހްރައިންގައި ބާއްވާ ބައްދަލުވުމުގައި ކުޝްނާ ހާމަކުރައްވާނެ އެވެ. އެމެރިކާގެ ޕްލޭންގެ ސަބަބުން ފަލަސްތީނު ދައުލަތް އުފެއްދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިދާނެ ކަމުގެ ކަންބޮޑުވުން އުރުދުން އިން ވަނީ ފާޅުކޮށްފަ އެވެ.