ޑިނގާގެ ބާވަތެއް: މީގެ ބައެއް ބާވަތުގެ ޑިނގާ އިން އުފައްދާ އަޑު ބޭނުންކޮށްގެން އުޅަނދުތައް ދެނެގަނެވޭނެ ގޮތެއް ހޯދަން އެމެރިކާގެ ސައިންސްވެރިން އަންނަނީ ދިރާސާކުރަމުން
10 ޖޫން 2019 - 11:50
ޖާސޫސްކުރާށާއި އިންޒާރު ދޭށާއި އަދި ހަތިޔާރުގެ ގޮތުގައި ޖަނަވާރު ބޭނުންކުރުމަކީ އިންސާނީ ތާރީޚުގެ ދިގު ސަފުހާއެކެވެ. އެކަމަކު އެ ނިޔަތުގައި ކަނޑުގެ ދިރުންތައް ބޭނުންކުރުމުގެ ޕްލޭނަކީ މީގެ ކުރިން އާންމު މީހެއްގެ ހިތަށް ވެސް އެރި ކަމެއް ނޫނެވެ.
މި ފަހުން ވާގަނޑެއް ޖަހާފައި އޮތް ވޭލެއް ފެނުނެވެ. ބައެއް މީހުން ލަފާކުރީ އެއީ ރަޝިޔާގެ ސިފައިންނަށް ޖާސޫސްކޮށްދޭން ތަމްރީންކޮށްފައިވާ އެއްޗެއް ކަމަށެވެ.
އެކަމަކު ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު އެއީ ގަބޫލުކުރަން އެހާ އުނދަގޫ ވާހަކައެއް ވެސް ނޫނެވެ. އެމެރިކާގެ ކަނޑުގެ ސިފައިން 1960 ގެ އަހަރުތަކުން ފެށިގެން އަންނަނީ ކަނޑުގައި ހުންނަ މައިން ދެނެގަތުމަށާއި ކަނޑުގެ ސިފައިންގެ ތެރެއިން ގެއްލޭ މީހުން ހޯދަން ކޯމަސް ތަމްރީންކުރަމުންނެވެ. ހަމަ އެކަހަލަ ގޮތަކަށް ރަޝިޔާ އިން ވެސް އައީ މަސައްކަތްކުރަމުންނެވެ.
ޖާސޫސްކުރުމުގެ އާލާތެއްގެ ގޮތުގައި މިޔަރާއި މީދަލާއި ކޮތަރުގެ ބޭނުން ވެސް މިދިއަ އަހަރުތަކުގައި އައީ ހިފަމުންނެވެ. އެކަމަކު އޭގެ ނަތީޖާ ފެނުނީ މަސްހުނި ގޮތަކަށެވެ.
މިހާރު އެންމެ ބޮޑު ހައިރާންކަމެއް ލިބެނީ ޔޫއެސް ޑިފެންސް އެޑްވާންސްޑް ރިސާޗު ޕްރޮޖެކްޓް (ޑާޕާ) އިން ކުރިއަށް ގެންދާ މަޝްރޫއިންނެވެ. ކަނޑުގެ އަޑިން އިންޒާރު ލިބޭ ނިޒާމެއްގެ ގޮތުގައި މި މަޝްރޫއުގައި ބޮޑެތި މަހުން ފެށިގެން އެންމެ ސެލްއަކުން އުފެދިފައިވާ ދިރުންތަކުގެ ބޭނުން ވެސް ހިފަ އެވެ.
"ކަނޑުގައި ކޮންމެ ކަހަލަ އުޅަނދެއް އުޅުނަސް އޭގެ ހަރަކާތްތަކާއި އޮތް ތަން އެނގޭ ގޮތަށް މި ދިރުންތަކުން އަހަރެމެންނަށް ބުނެދެނީ ކޮން އެއްޗެއްތޯ ބަލަމުން މިދަނީ،" ދިރާސާގައި ބައިވެރިވާ ޕާސިސްޓެންޓް އެކުއާޓިކް ލިވިން ސެންސާސް (ޕަލްސް) ގެ ޕްރޮގްރާމް މެނޭޖަރު ޑރ. ލޮރީ އެޑޯނަޓޯ ވިދާޅުވި އެވެ.
ވެހިކަލެއް އުޅޭ ނަމަ ކަނޑުގެ ދިރުންތަކުން އެކި ގޮތްގޮތަށް ސަމާލުވެ އެވެ. އޭގެ ތެރެއިން އެންމެ އާންމު ކަމެއްގެ ގޮތުގައި ފެންނަނީ އެ އެއްޗިއްސަށް އުނދަގޫވުމުން ހަށިގަނޑު ދިއްލުމެވެ. ޑާޕާގެ ދިރާސާތައް އަމާޒުކޮށްފައިވާ އެއް ދިމާލަކީ އެ އެވެ.
"މިސާލަކަށް މޫދުގެ ލޮނުގަނޑުގެ މަތީގައި ރެދަން ކަހަލަ އެއްޗެއް އުޅޭ އިރު އެއާ ކައިރިން އަޑިން އުޅަނދެއް ދާ ނަމަ، މަތިން ފެންނާނެ އެ ހިސާބުގަނޑު އަލިވެފައި އޮންނަ ތަން،" ޑރ. އެޑޯނަޓޯ ވިދާޅުވި އެވެ.
އެކަމަކު ޑާޕާ ޓީމުން އުއްމީދުކުރަނީ ކަނޑުގެ މައްޗަށް ވުރެ، އަޑިން ދަތުރުކުރާ ސަބްމެރިން އާއި ޑްރޯންތަކާ ބެހޭ ތަފުސީލީ މަންޒަރުތަކެއް ލިބޭނެ ގޮތެއް ހޯދާށެވެ.
އެ ނިޔަތުގައި އެމެރިކާގެ ސައިންސްވެރިން މަސައްކަތްކުރަނީ ކަނޑު އަޑީގެ ދިރުންތަކަށް ގުދުރަތީ ގޮތުން ކުރިމަތިވާ އުނދަގުލާއި އިންސާނުން ހަދާފައިވާ އެއްޗަކުން ދިމާވާ އުނދަގޫ ވަކިން ދެނެގަނެވޭތޯ އެވެ. އެގޮތުން ސިގްނަލްތައް ދިރާސާކުރަން، އެންމެ އެޑްވާންސް ޓެކްނޮލޮޖީތަކުގެ ބޭނުން އަންނަނީ ހިފަމުންނެވެ.
ފާނައެއް: އެމެރިކާގެ ސައިންސްވެރިން މިހާރު އަންނަނީ ޖާސޫސްކުރަން ފާނަ ބޭނުންކުރެވޭނެ ގޮތެއް ބަލަމުން
ކުރިމަގުގެ އާދަޔާ ހިލާފު ޖާސޫސުން އުފެއްދުމުގެ މި މަސައްކަތުގައި ކަނޑުގެ ވަރަށް ތަފާތު ދިރުންތަކުގެ ހަރަކާތްތަކަށް ސައިންސްވެރިންގެ ވިސްނުން ވަނީ ދޫކޮށްލައިފަ އެވެ. އެގޮތުން ފާނައިގެ ބާވަތެއް ހިމެނެ އެވެ. ގާތްގަނޑަކަށް 2.5 މީޓަރަށް ބޮޑުވާ މި ބާވަތުގެ ފާނައާ ޑައިވަރަކު ކައިރިވެއްޖެ ނަމަ ފާޑެއްގެ އަޑެއް ލައްވަ އެވެ. އަދި އެ އުޅޭ ސަރަހައްދަށް ބީރައްޓެހި އެއްޗެއް ވަދެއްޖެ ނަމަ ސަމާލުވެ އެވެ.
އެމެރިކާގެ ސައިންސްވެރިން ބުނާ ގޮތުގައި އެ ފާނަ އުޅޭ ސަރަހައްދުގައި ބޭނުންކުރާނީ އެއިން އެއްޗެއްގެ ހަށިގަނޑާ އެއްވެސް ގޮތަކުން ބެހުމެއް ނެތް މޮނިޓަރިން ސާމާނެވެ. އެކަމަކު އެ ހިސާބަށް އޭގެ ކުރިން ނުދަންނަ އެއްވެސް ބާވަތެއްގެ އެއްޗެއް ވަދެއްޖެ ނަމަ، ނުވަތަ ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ އެކަން އެނގޭނެ އެވެ.
މި އުކުޅުތައް ތަރައްގީކުރަނީ މަސްމަހާމެހި އުފައްދާ އަޑުތައް ދެނެގަނެގެންނެވެ. ގިނަ މަސްތައް މުވާސަލާތްކުރުމުގައި ބޭނުންކުރަނީ އަޑެވެ. އެގޮތުން އެ އެއްޗިއްސަށް ނުރައްކަލެއް ކުރިމަތިވިޔަސް އެކަން އަންގަން އަޑުލައްވަ އެވެ.
"އެ އެއްޗެހީގެ މާހައުލުގެ ތެރެއަށް ވެހިކަލެއް ވަދެއްޖެ ނަމަ އެ ދިރުންތަކަށް އަންނަ ބަދަލުތައް ދެނެގަނެވޭނެ ނިޝާންތަކެއް އަހަރެމެންނަށް އެނގޭނެ ކަމަށް ގަބޫލުކުރެވޭ،" މަޝްރޫއުގެ ސައިންސްވެރިއެއް ކަމަށްވާ އެލިސަން ލަފެރިރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ އަދި މަޝްރޫއުގެ ފުރަތަމަކޮޅެވެ. ދާދި ފަހުން އޭނާގެ ޓީމުން ވަނީ އެމެރިކާގެ ވާޖިން އައިލެންޑްސްއަށް ގޮސް، ކަނޑު އަޑީގެ އަޑުތަކުގެ ރެކޯޑިން ހަދައިފަ އެވެ. މިހާރު ކުރިއަށް ދަނީ އެ އަޑުތައް ތަހުލީލުކުރުމުގެ މަސައްކަތެވެ.
ގަދަ އަޑެއް އިވުމުން ކަނޑުގެ އެންމެ އަޑިއަށް ދަތުރުކުރާ ބާވަތުގެ މަސް ވެސް އުޅެ އެވެ. ސައިންސްވެރިިން ބަލަން ބޭނުންވަނީ ކަނޑު އަޑީގެ ވެހިކަލެއް ދިމާވެއްޖެ ނަމަ ވެސް ހަމަ އެގޮތަށް އެ ބާވަތުގެ މަސް ހަރަކާތްކޮށްފާނެތޯ އެވެ. އެހެން ވެއްޖެ ނަމަ އެ ބާވަތުގެ މަސް ކަނޑު އަޑިން ޖާސޫސްކުރަން ބޭނުންކުރެވޭނެ އެވެ.
ބައެއް ބާވަތުގެ ޑިނގާ އަކީ ވެސް އަޖައިބެއް ކަހަލަ އެއްޗެކެވެ. އެގޮތުން އަބަދު އޭގެ ފައިތައް އެކަތި އަނެއްކައްޗާ ޖައްސާ ޑިނގާ ވެސް އުޅެ އެވެ. އެގޮތަށް ފައިތައް ޖެއްސުމުން އުފެދޭ އަޑު، ކައިރީގައި ހުންނަ އެއްޗެހީގައި ޖެހި ބައުންސްވެ އެވެ.
ސައިންސްވެރިން ބަލަމުން އަންނަނީ އެ ބާވަތުގެ ޑިނގާއިން ނުކުންނަ އަޑު، މިސާލަކަށް އެ ސަރަހައްދުން ދާ އުޅަނދެއްގައި ޖެހުމުން، އެ އުޅަނދުގެ ސައިޒާއި ސިފަ އާއި އުޅަނދު އޮތީ ޑިނގާއާ ކިހާ ދުރުމިނެއްގައިތޯ ދެނެގަންނާނެ ގޮތެއް ހޯދާށެވެ.
"މި ކޮންސެޕްޓްގައި އެއްގޮތަކަށް ވެސް އަހަރެމެން ނުބަލާނަން ޑިނގާގެ ހަރަކާތްތަކަށް އަންނާނެ ބަދަލެއް، ހަމައެކަނި ބޭނުންކުރާނީ އެއިން އުފައްދާ އަޑު،" ލަފަރިރޭ ވިދާޅުވި އެވެ.
މި ދިރާސާތަކާއި ހޯދުންތަކުން އަމަލީ ބަޔަކަށް ދަތުރުކުރެވިއްޖެ ނަމަ ޖާސޫސްކުރުމުގައި މުޅިން އާ މާހައުލެއް އުފެދޭނެ އެވެ. އޭރުން މަސްމަހާމެހި ވެސް ވާނީ އިންސާނުންނަށް ޖާސޫސްކޮށްދޭ ބަޔަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރާންތި
11 June 2019
ދުނިޔޭގެ ގައުމުތައް ކުރިއަރާފަ އޮތް މިންވަރު އެނގުނީ އެމް.އެޗް 370 ހޯދަން ކުރި މަސައްކަތުން. އެމެރިކާއަށް މަގޭ ސަލާމް
ބަލްކީ
10 June 2019
ޖާސޫސް ކުރާށޭ ކިޔާފަ ތިއުޅެނީ އަނެއްކާ އަނެއް ހަނގުރާމަ ފަށަން
ޖާސޫސް
10 June 2019
އެހެންވީމަ މަސްމަހާމެއްސަށް އިންސާނުން ފާރަލަމުން އައި އައުން ނިމުމަކަށް އަންނަނީތާ!