ބައްޕަގެ ހަނދާނުގައި ދެބެއިންގެ ކިޑްނީ ހަދިޔާކޮށްފި

ކިޑްނީ ފެއިލްވެގެން މަރުވި އެމެރިކާ މީހެއް ކަމަށްވާ މާކް ގޮރާލްސްކީގެ ހަނދާނުގައި އޭނާގެ ދެ އަންހެން ދަރިން، އާއިލީ ގޮތުން އެއްވެސް ގުޅުމެއް ނެތް ނުދަން ބަޔަކަށް ކިޑްނީ ހަދިޔާކޮށްފި އެވެ.


ގޮރާލްސްކީގެ ދެ އަންހެން ދަރިން ތިބީ ބައްޕަ އަށް ކިޑްނީ ހަދިޔާ ކުރަން ތައްޔާރަށެވެ. އެކަމަކު 2011 ގައި ވެސް ގޮރާލްސްކީ ޓްރާންސްޕްލާންޓެއް ހަދާފައިވާތީ، އަލުން ޓްރާންސްޕްލާޓެއް ހެދޭ ގޮތެއް ނުވި އެވެ.

ނަމަވެސް ޓްރާންސްޕްލާންޓް ނުހެދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގޮރާލްސްކީ މަރުވީ އެވެ. އެހެންވެ އޭނާގެ ދެ އަންހެން ދަރިން ބޭނުންވީ ބައްޕަ އަށް ދިމާވި ގޮތް އެހެން މީހަކަށް ވިޔަ ނުދޭން އެ މީހުންގެ ކިޑްނީ އެހެން މީހުންނަށް ހަދިޔާކުރާށެވެ. ބެތަނީ، 25، އާއި ހަނާ ގޮރާލްސްކީ 24، މިގޮތަށް ނިންމީ ބައްޕަ މަރުވިތާ 24 ގަޑިއިރު ވެސް ނުވަނީހެނެވެ.

ބެތަނީ އާއި ހަނާ އެ މީހުންގެ ބައްޕައާ އެކު.

އެ މީހުން ބޭނުންވީ އާއިލާ އިން އުފުލި ތަކުލީފުން އެފަދަ އެހެން އާއިލާއެއް ސަލާމަތްކުރާށެވެ. އެހެންވެ ކިޑްނީ ދޭނެ ޑޯނާތަކެއް ހޯދަމުން ދިޔަ، ނުވެސް ދަންނަ ބަޔަކަށް ދެބެއިންގެ ކިޑްނީ ހަދިޔާކުރީ އެވެ. އެއީ މި އަހަރުގެ ކުރީކޮޅު އެވެ.

"އަހަންނަށް ހަމަ ވަރަށް ޔަގީން މި ނިންމުމާ ދޭތެރޭ ބައްޕަ އަހަރެމެންނާ ދޭތެރޭ ފަހުރުވެރި ވާނެކަން،" ބެތަނީ "ގުޑް މޯނިން އެމެރިކާ" ޝޯގައި ބުންޏެވެ.

ހަނާ ކިޑްނީ ހަދިޔާކޮށްގެން ހޮސްޕިޓަލްގައި އޮތް އިރު އާއިލާގެ މީހުން ކައިރީގައި.

ހަނާ ކިޔައިދިން ގޮތުގައި ކިޑްނީ ފެއިލްވެގެން އެ ވޭނުގައި އުޅެން ޖެހޭ މީހެއްގެ އާއިލާ އަޅާނެ ކަރުނަ އާއި ހިިތްދަތިކަން އެ މީހުންނަށް ވަރަށް ބޮޑަށް އިހުސާސް ކުރެވެ އެވެ. އެހެންވެ ބަޔަކަށް ކިޑްނީ ހަދިޔާ ކުރެވުމަކީ މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަޖެހޭ އެއް ކަންތައް ކަމަށް ބުންޏެވެ.

"މީހެއްގެ ފުރާނަ ސަލާމަތްކޮށް ދިނުމަށް ވުރެ ވަކި މުހިއްމު ކަމެއް އޮންނާނެތަ؟ ބައްޕަގެ ދުނިޔޭގައި ވެސް ބައްޕަ އަކީ އަބަދުވެސް މީހުންނަށް ވަރަށް އަޅާލައި އެހީތެރިކަން ފޯރުކޮށް ދިން މީހެއް،" ހަނާ ބުންޏެވެ. "އެހެންވީމާ ބައްޕަ ދެެއްކި ނަމޫނާ ދައްކަން ލިބުނު ފުރުސަތު ނަގާލަން ބޭނުން ނުވީ. އަދި އަހަރެމެންނަކީ އެހާ އަމިއްލަ އެދުން ބޮޑު ބައެއް ނޫން."

ހަނާ އާއި ބެތަނީ.

ހަނާ އާއި ބެތަނީ ކިޔައި ދިން ގޮތުގައި ކިޑްނީ ހަދިޔާ ކުރުމަކީ އަމިއްލަ މީހާގެ ސިއްހަތު ހަރާބުކޮށްލާ ކަމެއް ނޫނެވެ. އަދި ޒުވާން އުމުރުގައި މިފަދަ އެހީއެއް ކޮންމެ މީހަކަށް ވެސް ފޯރުކޮށްދެވޭނެ ކަމަށް ބުންޏެވެ. އަދި އެކަމަށް ހިތްވަރު ދޭ ކަމަށް ވެސް ބުންޏެވެ.

"އަހަރެން ބުނަން އޮތް ވާހަކަ އަކީ ޒުވާނުންނަށް އޯގަން ޑޯނާއަކަށް ވުމަކީ ޒުވާން އުމުރުގައި އިންސާނިއްޔަތަށްޓަކައި ކުރެވިދާނެ ވަރަށް ވެސް މުހިއްމު ކަމެކޭ،" ބެތަނީ ބުންޏެވެ. "މިކަހަލަ ކަމެއް ކުރަން ފަސްނުޖެހޭށޭ އެންމެން ގާތުގައި ވެސް ބުނަން ބޭނުން ވަނީ."