ފެނުގެ މައްސަލައިގައި ބެންގަލޫރުގައި އަދިވެސް ހަމަނުޖެހުން ހިންގަނީ

ބެންގަލޫރު (ސެޕްޓެމްބަރު 15) - ކޯވަރީގެ ކޯރުގެ ފެން ޓަމިލް ނާޑޫއާ އެކު ހިއްސާ ކުރުމަށް އިންޑިއާގެ ސްޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ދެކުނުގެ ކަރުނާޓަކާގެ ސްޓޭޓުގެ ބެންގަލޫރުގައި ހިންގާ ހަމަނުޖެހުންތަކަށް އަދިވެސް ހުއްޓުމެއް ނާދެ އެވެ.


މި މަހު ކުރީކޮޅު ސްޕްރީމް ކޯޓުން ނިންމާފައި ވަނީ ސެޕްޓެމްބަރު 20 އާ ހަމައަށް ކޯވަރީ ކޯރުން ސިކުންތަކު 12،000 ގޮޑި ފޫޓުގެ ފެން ޓަމިލް ނާޑޫ އަށް ކަރުނާޓަކާ އިން ދޫކުރަން ޖެހޭނެ ކަމަށެވެ. ދެ ސްޓޭޓުން ވެސް ބުނެފައި ވަނީ ދަނޑުވެރިކަމަށާއި އެހެން ބޭނުންތަކަށް ފެނުގެ ދަތިކަން ބޮޑުވެފައިވާ ކަމަށެވެ.

ފެނުގެ މައްސަލައިގައި އުފެދުނު ހަމަނުޖެހުންތަކުގައި ބެންގަލޫރުގެ ބައެއް ހިސާބުތަކުގައި ވަނީ މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި.

ކަރުނާޓަކާ އިން ފެށިފައިވާ ކޯވަރީ ކޯރު ވަނީ ޓަމިލް ނާޑޫއާ ހަމައަށް ދެމިގެން ގޮސްފަ އެވެ. ދެ ސްޓޭޓުން ވެސް ބުނެފައި ވަނީ އެތައް މިލިއަން ދަނޑުވެރިންނަކަށް އެ ކޯރުން ފެން ބޭނުންވާ ކަމަށެވެ. ކޯވަރީ ކޯރުގެ ފެނުގެ މައްސަލަ އަކީ 19 ވަނަ ގަރުނުން ފެށިގެން އުފެދިގެން މިއަދާ ހަމައަށް ވެސް ކުރިއަށްދާ މައްސަލައެކެވެ. މި މައްސަލަ އަށް ހައްލެއް ހޯދުމަށް 1990 ވަނަ އަހަރު ވަނީ ޓްރައިބިއުނަލެއް ވެސް އުފައްދައިފަ އެވެ. މި ޓްރައިބިއުނަލުން 2007 ވަނަ އަހަރު ނިންމާފައި ވަނީ ކޯވަރީ ކޯރުން ޓަމިލް ނާޑޫ އަށް އަހަރަކު 419 ބިލިއަން ގޮޑި ފޫޓުގެ ފެން ދޫކުރަން ޖެހޭނެ ކަމަށެވެ. އަދި ކަރުނާޓަކާ އަށް 270 ބިލިއަން ކޮޑި ފޫޓުގެ ފެން ދޫކުރަން ޖެހޭނެ ކަމަށެވެ.

ކަރުނާޓަކާ އިން ބުނެފައި ވަނީ ވާރޭ ނުވެހި ގިނަ ދުވަސްވުމުން ކޯރުގެ ފެން 42 ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. އަދި އެހެންވެ ޓަމިލް ނާޑޫ އަށް ފެން ދޫނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. ޓަމިލް ނާޑޫ އިން މި މައްސަލަ ވަނީ އިންޑިއާގެ އެންމެ މަތީ ކޯޓަށް ހުށަހަޅައިފަ އެވެ. ޓަމިލް ނާޑޫގެ ހުށަހެޅުމުގައި ވަނީ ސިކުންތަކު 50،000 ގޮޑި ފޫޓުގެ ފެން ދޫކޮށް ދިނުމަށެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ބެންގަލޫރުގެ ޕަބްލިކް ޓްރާންސްޕޯޓް ވަނީ ހުއްޓުމަކަށް އައިސްފައި.

ސްޕްރީމް ކޯޓުން މި މަހު 2 ވަނަ ދުވަހު ފުރަތަމަ ނިންމީ ސިކުންތަކު 10،000 ކޮޑި ފޫޓުގެ ފެން ފަސް ދުވަސް ވަންދެން ދޫކުރުމަށެވެ. ނަމަވެސް މި މަހު 5 ވަނަ ދުވަހު އަނެއްކާ ވެސް ވަނީ 10 ދުވަސް ވަންދެން ސިކުންތަކު 15،000 ކޮޑި ފޫޓުގެ ފެން ޓަމިލް ނާޑޫ އަށް ދޫކުރުމަށް ކަރުނާޓަކާ އަށް އަމުރުކޮށްފަ އެވެ. އެ ނިންމުން ވެސް ބަދަލުކޮށް ފަހުން ވަނީ މި މަހު 20 އާ ހަމައަށް ސިކުންތަކު 12،000 ކޮޑި ފޫޓުގެ ފެން ދޫކުރުމަށް ކަރުނާޓަކާ އަށް އަމުރުކޮށްފަ އެވެ. މީގެ މާނައަކީ ކޯވަރީ ކޯރުން މިހާރު ލިބެން ހުރި ފެނުގެ ހަތަރުބައި ކުޅަ އެއްބައި ޓަމިލް ނާޑޫ އަށް ދޭން ޖެހުމެވެ.

ޓަމިލް ނާޑޫ އިން ބުނީ ދަނޑުވެރިކަމުގެ މަސައްކަތަށް ވަރަށް ބޮޑަށް ފެން ބޭނުންވާ ކަމަށެވެ. އަދި ކަރުނާޓަކާ އިން ބުނަނީ ބުއިމަށް ބޭނުންކޮށްފައި ބެންގަލޫރާއި އެހެން ސިޓީތަކުގައި ދަނޑުވެރި ކަމަށް ބޭނުން ކުރާނެ ފެން ނެތް ކަމަށެވެ.

ބެންގަލޫރުގައި ވަނީ ތަމަޅަ ނަންބޯޑު ހުންނަ ވެހިކަލްތައް އަންދަން ފަށާފައި.

ފެނުގެ މައްސަލާގައި އުފެދުނު ހަމަނުޖެހުންތަކުގައި މިދިޔަ ހޯމަ ދުވަހު އެކަނިވެސް ބެންގަލޫރުގައި ވަނީ 35 ބަހުގައި ރޯކޮށްލައިފަ އެވެ. މިއީ ޓަމިލް ނާޑޫގެ ޓްރޭވަލް އެޖެންސީ އަކަށް ނިސްބަތްވާ ބަސްތަކެކެވެ. ޓަމިލް ނާޑޫގައި ވެސް ވަނީ ކަރުނާޓަކާގެ މީހަކު ހިންގާ ރެސްޓޯރެންޓަކަށް ޕެޓްރޯލް ބޮމުން ހަމަލާ ދީފަ އެވެ.

އިންޑިއާގެ ޓެކްނޮލޮޖީގެ މައި ސިޓީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ވަރަށް ގިނަ އޮފީސްތައް ބަންދުކޮށް ޕަބްލިކް ޓްރާންސްޕޯޓް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އާއްމުން އެއްވުންތައް ބޭއްވުން ފުލުހުން މަނާކޮށް ބައެއް ހިސާބުތަކުގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. ބެންގަލޫރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަނީ 15،000 ފުލުހުން ނެރެފަ އެވެ.

ކޯވަރީ ކޯރުގެ ފެނުގެ މައްސަލާގައި 1991 ވަނަ އަހަރު އުފެދުނު ހަމަނުޖެހުންތަކުގައި ބެންގަލޫރު ދޫކޮށް ދެ ލައްކަ އަށް ވުރެ ގިނަ ތަމަޅައިން ވަނީ ޓަމިލް ނާޑޫ އަށް ބަދަލުވެފަ އެވެ.