ޕާކިސްތާނުގެ ސިނަމާތަކުގައި އިންޑިއާގެ ފިލްމުތައް ދެއްކުން މަނާކޮށްފި

އިސްލާމްއާބާދު (އޮކްޓޯބަރު 1) - ޕާކިސްތާނުގެ ސިފައިންނާ އެކުގައިވާކަން ދެއްކުމުގެ ގޮތުން އެ ގައުމުގެ ބޮޑެތި ސިނަމާތަކުގައި އިންޑިއާގެ ފިލްމުތައް ދެއްކުން މަނާކޮށްފި އެވެ.


އިންޑިއާގެ ފިލްމުތައް ދެއްކުން ވަނީ ލާހޯރާއި ކަރާޗީ އަދި އިސްލާމްއާބާދުގެ ސިނަމާތަކުގައި މަނާކޮށްފަ އެވެ. ޕާކިސްތާނުން މި ފިޔަވަޅު އެޅީ ކަޝްމީރުގެ މައްސަލާގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށެވެ.

ބޮލީވުޑުގެ ފިލްމުތައް ޕާކިސްތާނުގައި ވަރަށް މަގްބޫލެވެ. އެހެންވެ އިންޑިއާގެ ފިލްމުތައް މަނާކުރުމުން ޕާކިސްތާނުގައި ސިނަމާތައް ހިންގާ މީހުންނަށް ބޮޑެތި ގެއްލުންތައް ލިބޭނެ އެވެ. އެކަމަކު ސިނަމާތައް ހިންގާ މީހުން ވަނީ ދެ ގައުމުގެ ގުޅުން އާދައިގެ ހާލަތަކަށް ނާންނަނީސް އިންޑިއާގެ ފިލްމުތައް ނުދެއްކުމަށް އެއްބަސްވެފަ އެވެ.

އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުން މަނާކުރި އިރު ޕާކިސްތާނު އެކްޓަރުން އިންޑިއާގެ ފިލްމުތަކުގައި މަސައްކަތްކުރުން އިންޑިއަން މޯޝަން ޕިކްޗާޒް ޕްރޮޑިއުސާޒް އެސޯސިއޭޝަން (އައިއެމްޕީޕީއޭ) އިން ވަނީ މަނާކޮށްފަ އެވެ.

ކަޝްމީރުގެ މަޝްރަހު އެންމެ ފަހުން ހޫނުވެފައި ވަނީ މިދިޔަ މަހު 18 ގައި ކަޝްމީރުގެ އޫރީގައި އިންޑިއާ ސިފައިން ތިބޭ މަރުކަޒަކަށް ހަމަލާދީ 18 ސިފައިން މަރާލުމާ ގުޅިގެންނެވެ. މި ހަމަލާގެ ޒިންމާ އިންޑިއާ އިން އަޅުވާފައި ވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ.