އޮޒިލްގެ ޓްވީޓާ އެކު ހޮންގް ކޮންގްގެ ތާއީދު އުއިގޫރު މުސްލިމުންނަށް!

ޗައިނާ ސަރުކާރުގެ އަނިޔާ ލިބެމުންދާ އުއިގޫރު ދަރިކޮޅުގެ މުސްލިމުންނަށް ތާއީދުކޮށް، އެމީހުންގެ ހައްގުތައް ހޯދައިދެން ހޮންގް ކޮންގް މީހުން ގޮވާލައިފި އެވެ.


ޗައިނާ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ހޮންގް ކޮންގްގައި އިއްޔެ ކުރި މަޑުމައިތިރި މުޒާހަރާގައި އުއިގޫރު މީހުންގެ ދިދަ އާއި އެމީހުންނަށް ތާއީދުކުރާ ކަމުގެ ލިއުންތައް ގެންގުޅުނެވެ. އެކި އުމުރުގެ ހާހެއްހާ މީހުން ބައިވެރިވި މުޒާހަރާގައި ގޮވަމުން ދިޔައީ ޗައިނާ ސަރުކާރުން ދީފައިވާ "ފޭކް އޮޓޮނޮމީ"ގެ ސަބަބުން މަގުފަހިވަނީ ގަތުލުއާއްމުތަކަށް ކަމަށެވެ.

"އުއިގޫރު މީހުން މިނިވަންކުރޭ! ހޮންގް ކޮންގް މިނިވަން ކުރޭ!" އެމީހުން ގޮވަމުން ދިޔަ އެވެ.

އުއިގޫރު މީހުންނާ އެއްކޮޅަށް ހޮންގް ކޮންގްގައި މުޒާހަރާކުރީ އިނގިރޭސިވިލާތުގެ ފުޓްބޯޅަ ކްލަބް އާސެނަލް އަށް ކުޅޭ ޖަރުމަނުގެ ތަރި މެސުތު އޮޒިލް ކުރި ޓްވީޓަކާ ގުޅިގެން ޗައިނާގެ ނުރުހުން އޭނާއަށް އަމާޒުވެފައި ވަނިކޮށެވެ.

ތުރުކީ ދަރިކޮޅަކަށް ނިސްބަތްވާ މުސްލިމެއް ކަމަށްވާ އޮޒިލް ވަނީ ޗައިނާ އިން އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ޒިންޖިއާންގައި އިހުޒަމާނުއްސުރެ އުޅެމުން އަންނަ މުސްލިމުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މުސްލިމް ގައުމުތައް ހަނުތިބޭތީ ފާޑުކިޔައިފަ އެވެ.

އޮޒިލް ތުރުކީ ބަހުން ކުރި ޓްވީޓްގައި ބުނީ ގުރުއާން އަންދައި މިސްކިތްތައް ބަންދުކޮށް މުސްލިމް ސްކޫލްތައް މަނާކޮށް ފަހަރަކު މީހެއްގެ މަގުން ދީނީ އިލްމުވެރިން މަރައި ފިރިހެނުންތައް މަޖުބޫރުން ކޭމްޕްތަކަށް ފޮނުވަމުންދާ ކަމަށެވެ.

އޭނާ އެ ވާހަކަތައް ލިޔެ ޓްވީޓްކުރީ ހަނދުފަޅިއަކާއި ތަރިއެއް ޖަހާފައިވާ ނޫ ކުލައިގެ ދިދައެއް ސިފަވާ ގްރެފިކަކާ އެކުގަ އެވެ. އެއީ ވަކިވެގަތުމަށް މަސައްކަތްކުރާ އުއިގޫރުން ޒިންޖިއާން އަށް ނިސްބަތްކުރާ "އީސްޓް ތުރުކިސްތާން" ގެ ދިދަ އެވެ.

ހޮންގް ކޮންގްގައި މުޒާހަރާކުރި މީހުން، އުއިގޫރު މީހުން މިނިވަންކުރަން ގޮވާލާ ލިއުންތަކާ އެކު އެ ދިދަ ވެސް އުފުލި އެވެ.

އިނގިރޭސިންގެ ބެލުމުގެ ދަށުގައި އޮތް ހޮންގް ކޮންގް މިހާރު ވަނީ ޗައިނާގެ ދަށަށް ގޮސްފަ އެވެ. އެކަމަކު ޗައިނާގެ އެހެން ސަރަހައްދުތަކަށް ދީފައިނުވާ މިނިވަންކަން ހޮންގް ކޮންގް ރައްޔިތުންނަށް ލިބިފައިވެ އެވެ.