ރޮހިންޖާ މުސްލިމުން ހިމާޔަތް ކުރަން އައިސީޖޭ އިން އަމުރުކޮށްފި

ހޭގު (ޖެނުއަރީ 23) - މިއަންމާގެ އަޣުލަބިއްޔަތު ނެތް މުސްލިމުން ހިމާޔަތް ކުރަން އެޅެންހުރި ފިޔަވަޅުތައް އެޅުމަށް އދ.ގެ ކޯޓުން މިއަންމާ އަށް އަންގައިފި އެވެ.


މިއީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ އިން 2017 ވަނަ އަހަރު ހިންގި ޖަރީމާތަކަށް ފަހު ބައިނަލްއަގުވާމީ ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.

މިއަންމާގެ މައްސަލަ ނެދަލޭންޑްސްގެ ދަ ހޭގުގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށަހެޅީ އެފްރިކާގެ މުސްލިމް ކުޑަ ގައުމެއް ކަމަށްވާ ގެމްބިއާ އިންނެވެ. އެ މައްސަލައިގެ ދިފާއުގައި ވަކާލާތު ކުރެއްވުމަށް މިއަންމާގެ ލީޑަރު އަން ސަން ސޫކީ ވަނީ ޑިސެމްބަރު މަހު ދަ ހޭގަށް ވަޑައިގެންފަ އެވެ. ނަމަވެސް ކޯޓުން އަމުރު ނެރުނު މިއަދުގެ ބައްދަލުވުމަށް ސޫކީ ވަޑައެއް ނުގަންނަވަ އެވެ.

މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި 2017 ވަނަ އަހަރު ހިންގި އަނިޔާވެރި އަމަލުތަކުގައި ރޮހިންޖާ އެތައް ހާސް ބަޔަކު މަރާފައިވެ އެވެ. އަދި 700،000 އަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.

އދ.ގެ ކޯޓަށް ހުށަހެޅި މައްސަލައިގެ ދިފާއުގައި ވާހަކަ ދައްކަވަމުން ސޫކީ ވިދާޅުވީ އެ މައްސަލަ ފުރިހަމަނުވާ ކަމަށާއި އެއީ "ގޯސް" ތުހުމަތުތަކެއް ކަމަށެވެ. އަދި ރަކީން ސްޓޭޓުގެ އާއްމުން މަރާ، އަންހެނުން ރޭޕްކޮށް، ގެތަކުގައި ހުޅުޖެހި ވާހަކަތައް ސޫކީ ވަނީ ދޮގު ކުރައްވައިފަ އެވެ.

ފަންސާސް ހަތް ގައުމު ހިމެނޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުން، ރޮހިންޖާ މުސްލިމުންގެ މައްސަލަ އދ.ގެ ކޯޓަށް ހުށަހެޅީ ހުޅަނގު އެފްރިކާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކުޑަ ގައުމެއް ކަމަށްވާ ގެމްބިއާ އިންނެވެ.

މިއަންމާގެ އަސްކަރީ ވެރިކަމާ ދެކޮޅަށް ކުރި މަސައްކަތަށް ސޫކީ އަށް 1991 ވަނަ އަހަރު ވަނީ ނޯބެލް ސުލްހައިގެ އިނާމު ދީފަ އެވެ.