ކްރޫޒް ލައިނާގައި ތިބި އެމެރިކާ މީހުން ބަސްތަކުގައި އެއާޕޯޓަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ
17 ފެބުރުއަރީ 2020 - 12:06
ޓޯކިޔޯ (ފެބްރުއަރީ 17) - ޖަޕާނުގައި މިހާރު ކަރަންޓީންކޮށްފައި އޮތް ކްރޫޒް ލައިނާ، ޑައިމަންޑް ޕްރިންސަސްގައި ތިބި އެމެރިކާ މީހުން އަނބުރާ ގެންދަން ފަށައިފި އެވެ.
އެމެރިކާ ސަރުކާރުން ޗާޓަރުކޮށްފައިވާ މަތިންދާ ޓޯކިޔޯގެ ހަނެޑާ އެއާޕޯޓުން ނައްޓާލީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ކިއީޑޯ ނިއުސް އެޖެންސީން ބުންޏެވެ.
ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހުން ފެންނަން ފެށުމުން މި މަހު 3 ވަނަ ދުވަހުން ފެށިގެން ކަރަންޓީންކޮށްފައި އޮތް ކްރޫޒް ލައިނާގައި ތިބި އެމެރިކާގެ ޓޫރިސްޓުންގެ އަދަދު 400 އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭން އެމެރިކާގެ 40 މީހުންނަށް ވަނީ ކޮރޯނާވައިރަސް އަރައިފަ އެވެ. އަދި އެ މީހުންނަށް ޖަޕާނުގައި ފަރުވާ ދިނުމަށް ވަނީ ނިންމައިފަ އެވެ.
ކްރޫޒް ލައިނާގައި ތިބި އެމެރިކާ ޕަސިންޖަރުން ޓޯކިޔޯގެ ހަނެޑާ އެއާޕޯޓަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ
ޖަޕާނުގެ ޔޮކޮހާމާ ބަނދަރުގައި ކަރަންޓީންކޮށްފައި އޮތް ޑައިމަންޑް ޕްރިންސަސްގައި 3،700 ޕަސިންޖަރުންނާއި ކްރޫން އެބަތިއްބެވެ. ކްރޫޒް ލައިނާ ކަރަންޓީން ކުރީ އެ ބޯޓުން ފޭބި ހޮން ކޮންގް މީހަކު ވައިރަހަށް ޕޮޒިޓިވްވުމުންނެވެ. ޗައިނާ އިން ބޭރުން، ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އެންމެ ގިނަ މީހުން ތިބީ ވެސް އެ ކްރޫޒް ލައިނާގަ އެވެ. އިއްޔެ އެކަނި ވެސް ވަނީ ކްރޫޒް ލައިނާގެ 70 މީހަކު ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް ކްރޫޒް ލައިނާގެ 355 މީހަކަށް ވައިރަސް ވަނީ އަރައިފަ އެވެ.
އެމެރިކާ އަށް ގެންދާ މީހުން ވެސް 14 ދުވަހަށް ކަރަންޓީން ކުރާނެ އެވެ.
ޗައިނާގައި ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު ދަށަށްދާން ފަށާފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. ވައިރަސް އެރި ކަމަށް އިއްޔެ ރިޕޯޓްކޮށްފައި ވަނީ 2،048 މީހުންނަށެވެ. އިއްޔެ މަރުވެފައި ވަނީ 100 މީހުންނެވެ. އޭގެ ކުރީ ދުވަހު ވަނީ 139 މީހުން މަރުވެފަ އެވެ.
ޗައިނާގައި ކޮރޯނާވައިރަހުގައި މިހާތަނަށް ވަނީ 1،770 މީހުން މަރުވެފަ އެވެ. ވައިރަސް އެރި މީހުންގެ އަދަދު ވަނީ 70،500 އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy