ރަސްމީ ދަތުރުފުޅެއްގައި ޓްރަމްޕް އިންޑިއާ އަށް

ގުޖުރާތު (ފެބްރުއަރީ 24) - ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާ އަށް މިއަދު ހެނދުނު ވަޑައިގެންފި އެވެ.


ޓްރަމްޕުގެ ދަތުރުފުޅުގައި މޯދީގެ އުފަން ސްޓޭޓުގައި ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް ހުޅުއްވައިދެއްވާނެ އެވެ. އޭގެ ފަހުން ޓްރަމްޕާއި ފަސްޓް ލޭޑީ މެލަނިއާ ތާޖް މަހަލް އަށް ޒިޔާރަތް ކުރައްވާނެ އެވެ.

އަހުމަދުއާބާދުގައި ހުޅުވާ ސްޓޭޑިއަމަށް، އެތައް ބަޔަކު ޖަމާވެ ޓްރަމްޕަށް ހޫނު މަރުހަބާއެއް ކިޔުމަށް ވަނީ ހަމަޖެހިފަ އެވެ. ސްޓޭޑިއަމް ހުޅުވުމަށް ފަހު ބޮޑު ވަޒީރު މޯދީއާ އާއި ޓްރަމްޕް ތަގުރީރު ކުރައްވާނެ އެވެ.

އެމެރިކާ އަކީ އިންޑިއާގެ އެންމެ ބޮޑު އެއް ވިޔަފާރި ޕާޓްނަރެވެ. ދެ ގައުމުން 2018 ވަނަ އަހަރު ކުރި ވިޔަފާރި 142.6 ބިލިއަން ޑޮލަރަށް އަރަ އެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ އިމްޕޯޓަށް އިންޑިއާ އިން ނަގާ ޓެކްސް ހުރީ އެކަށީގެންވާ މިންވަރެއްގައި ނޫން ކަމަށާއި އިންޑިއާ އަކީ ޓެކްސްގެ "ރަސްގެފާން" ކަމަށެވެ.