އިންޑިއާ ދެކެ އެމެރިކާ ލޯބިވޭ، އިހުތިރާމް ކުރަން: ޓްރަމްޕުގެ މެސެޖް

އަހުމަދުއާބާދު (ފެބްރުއަރީ 25) - ދުނިޔޭގެ އެއްބިތުން އަނެއް ބިތަށް ދިގު ދަތުރެއް ކުރައްވައި އިންޑިއާ އަށް ވަޑައިގެން "އިންޑިއާ ދެކެ އެމެރިކާ ލޯބިވާ ކަމަށާއި އިންޑިއާ އަށް އެމެރިކާ އިން އިހުތިރާމް ކުރާ" ކަމުގެ މެސެޖް ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ދެއްވައިފި އެވެ.


"އިންޑިއާ އިން ދިން މެހްމާންދާރީ އަބަދުވެސް ހަނދާން ހުންނާނެ. އަޅުގަނޑުމެންގެ ހިތްތަކުގައި އިންޑިއާއާ މެދު ޚާއްސަ ގަދަރެއް އޮންނާނެ،" ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް އިންޑިއާގެ އަހުމަދުއާބާދުގައި ހުޅުއްވައިދެއްވުމަށް ފަހު ޓްރަމްޕް އިއްޔެ ވިދާޅުވި އެވެ.

އަހުމަދުއާބާދުގެ ކްރިކެޓް ސްޓޭޑިއަމްގައި ތިބި މީހުންނަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑޮނަލްޑް ޓްރަމްޕް ސަލާމް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕުގެ ތަގްރީރުގެ ބޮޑުބައި ޚާއްސަ ކުރައްވާފައި ވަނީ އިންޑިއާއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ތައުރީފް ކުރެއްވުމަށެވެ.

"އިންޑިއާ އިން ވަނީ އިންސާނިއްޔަތަށް އުއްމީދު ގެނެސްދީފައި. މެލަނިއާ (އެމެެރިކާގެ ފަސްޓް ލޭޑީ) އާއި އަޅުގަނޑު 8،000 މޭލުގެ ދިގު ދަތުރެއް ކުރުމަށް ފަހު އިންޑިއާ އަށް މިއައީ އެމެރިކާ އިން އިންޑިއާ އަށް އޮތް ލޯބި ހާމަކޮށްދިނުމަށް،" ޓްރަމްޕް ވިދާޅުވި އެވެ. "އިންޑިއާގެ ރައްޔިތުންނަކީ މުޅި ދުނިޔެ އަށް ވެސް ލާމަސީލް މިސާލެއް ފަދަ ބައެއް."

އަހުމަދުއާބާދުގެ އެއާޕޯޓުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވަނީ. --ފޮޓޯ:އޭއެފްޕީ

މޯދީ އަށް ތައުރީފް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެއީ އެމަނިކުފާނުގެ ވަރަށް ޚާއްސަ ރަހުމަތްތެރިއެއް ކަމަށާއި "އެއީ ބުރަ މަސައްކަތުން ކޮންމެ ކަމެއް ވެސް ހާސިލްވާނެކަމުގެ ދިރިހުރި މިސާލެއް" ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ މީގެ ފަސް މަސް ކުރިން އެމެރިކާ އިން ވަނީ މޯދީ އަށް ޓެކްސަސްގެ ފުޓުބޯޅަ ސްޓޭޑިއަމް އިން ހޫނު މަރުހަބާއެއް ކިޔާފައި ކަމަށެވެ. އަދި އެމަނިކުފާނަށް އިންޑިއާ އިން މަރުހަބާ ކިޔާފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމުންކަން ފާހަގަ ކުރެއްވި އެވެ.

ޓެކްސަސްގެ ހިއުސްޓަންގެ އެންއާރުޖީ ސްޓޭޑިއަމްގައި ސެޕްޓެމްބަރު 22، 2019 ގައި މޯދީ އަށް ޓްރަމްޕް މަރުހަބާ ދަންނަވަނީ. --ފޮޓޯ:އޭއެފްޕީ

މޯދީ އަކީ ކާމިޔާބު ލީޑަރެއް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ މިދިޔަ އަހަރުގެ އާއްމު އިންތިޚާބުގައި އިންޑިއާގެ 600 މިލިއަން މީހުން ވޯޓުލާން ގޮސް، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީގެ ތެރޭން މޯދީ އަށް ބޮޑު ތާއީދެއް ދިން ކަމަށް ވިދާޅުވެފަ އެވެ.

"މޯދީ އަކީ ބުރަ މަސައްކަތުން ކާމިޔާބު ހޯދުމުގެ ރީތި މިސާލެއް. އިންޑިއާ އަކީ އެ މީހުން ބޭނުންވާ ކޮންމެ ކަމެއް ހާސިލް ކުރާނެ ބައެއް،" ޓްރަމްޕް ވިދާޅުވި އެވެ. "އިންޑިއާ އަކީ ޑިމޮކްރެސީގެ އަޖައިބެއް."

ޓްރަމްޕަށް މަރުހަބާ ކިޔުމަށް އެއް ލައްކަ މީހުންގެ ކްރިކެޓް ސްޓޭޑިއަމް ވަނީ ފުރާލައިފަ އެވެ.