ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު އެއް ބިލިއަން ޑޮލަރުން ޖޫރިމަނާކޮށް، މުދާ ހިފަހައްޓަނީ

ބެންކޮކް (އޮކްޓޫބަރު 23) - ކޮރަޕްޝަންގެ ތުހުމަތު ކޮށްފައިވާ ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާ އެއް ބިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އޭނާގެ މިލްކިއްޔާތު ހިފަހައްޓަން އެ ގައުމުގައި މިހާރު ވެރިކަން ކުރަމުންދާ އަސްކަރީ ސަރުކާރުން ނިންމައިފި އެވެ.


މަގާމުގައި ހުންނަވަނިކޮށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރުމާ އެކު ދުސްތޫރީ ކޯޓުން ކުރި ހުކުމަކުން މަގާމުން ދުރުކުރި ޔިންގަލްކް އެއް ބިލިއަން ޑޮލަރު (35 ބިލިއަން ތައިލެންޑް ބާތު) އިން ޖޫރިމަނާކޮށް، އޭނާގެ މިލްކިއްޔާތު ހިފަހައްޓަން ސަރުކާރުން ނިންމީ އޭނާގެ ވެރިކަމުގައި އެތައް ގުނައެއް ބޮޑު އަގެއްގައި، ދަނޑުވެރިންނަށް ހަނޑޫ ސަބްސިޑީ ދިން މައްސަލައެއްގަ އެވެ.

އެ މައްސަލާގައި ޔިންގަލްކް ޖޫރިމަނާކޮށް، މިލްކިއްޔާތު ހިފަހައްޓަން ނިންމީ އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، ޝަރީއަތް ހިންގަމުން ދަނިކޮށެވެ.

ސަރުކާރުގެ އެ ނިންމުން އިސްތިއުނާފް ކުރުމުގެ ފުރުސަތު ޔިންގްލަކަށް އޮންނައިރު ޔިންގަލްކް ވިދާޅުވީ އެ ޖޫރިމަނާއަކީ ހައްގު އެއްޗެއް ނޫން ކަމަށާއި ޖޫރިމަނާ ދެއްކުމުން ސަލާމަތްވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ޔިންގަލްކް ވެރިކަމުން 2014 ގައި ދުރުކުރުމުން ގާނޫނު އަސާސީ ސަސްޕެންޑްކޮށް، ތައިލެންޑްގެ ވެރިކަމާ ހަވާލުވީ އެ ގައުމުގެ އަސްކަރީ ވެރިޔާ އެވެ. އޭގެފަހުން މިއަދާ ހަމައަށް ވެސް ވެރިކަން ކުރަމުންދަނީ އަސްކަރިއްޔާ އިން ކަމަށްވާއިރު އަންނަ އަހަރު އެ ގައުމުގައި އާންމު އިންތިޚާބު ބާއްވާނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

ޔިންގްލަކުގެ ބޭބެ އަދި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޓަކްސިން ޝިނަވަޓްރާ ވެސް މަގާމުގައި ހުންނަވަނިކޮށް 2006 ގައި މަގާމުން ވަނީ ދުރުކޮށްފަ އެވެ. އޭނާ ވެސް މަގާމުން ދުރުކުރީ އަސްކަރީ އިންގިލާބަކުންނެވެ.