އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އާއި އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދު ޒާރިފް: ޑިޕްލޮމެޓިކް އެވޯޑް ވަނީ ލިބިވަޑައިގެންފައި.
25 އޮކްޓޯބަރ 2016 - 13:59
ލަންޑަން (އޮކްޓޯބަރު 25) - ޑިޕްލޮމެޓިކް ދާއިރާ އިން އެކަށީގެންވާ މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް ދޭ ބައިނަލްއަގުވާމީ އެވޯޑް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އާއި އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒާރިފަށް ލިބިއްޖެ އެވެ.
އެ ދެ ބޭފުޅުންނަށް ޗާތަމް ހައުސް ޕްރައިޒް ދޭން ނިންމާފައި ވަނީ ދުނިޔޭގެ ބާރުގަދަ ގައުމުތަކާއި އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމަށް އައުމަށް ކުރެއްވި މަސައްކަތްތަކާ ގުޅިގެންނެވެ. ނިއުކްލިއާ އެއްބަސްވުމާ ބެހޭ ގޮތުން އީރާނާ އެކު މަޝްވަރާކޮށްފައި ވަނީ އެމެރިކާ، ޗައިނާ، ރަޝިޔާ، ފްރާންސް، އިނގިރޭސި ވިލާތް އަދި ޖަރުމަނެވެ. އީރާނާ އެކު ނިއުކްލިއާ އެއްބަސްވުން ގާއިމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އަދި އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ.
އެވޯޑް ދޭ ލަންޑަނުގެ ރިސާޗް ހައުސެއް ކަމަށްވާ ޗަތަމް އިން ބުނީ އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓާލާ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އެއްބަސްވުމަކަށް އާދެވުމަކީ ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލްކުރެވިފައި ވަނިކޮށް އެކަން ހަގީގަތަކަށްވުމަކީ ޑިޕްލޮމެސީގެ ބޮޑު ކާމިޔާބެއް ކަމަށެވެ. ނިއުކްލިއާ މަޝްވަރާތަކުގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ ކެރީ އާއި ޒާރިފެވެ.
ޗާތަމް ހައުސް އެވޯޑް އެންމެ ފަހުން ލިބިވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު އަދި ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަނާއި މިއަންމާގެ ޑިމޮކްރެސީ ލީޑަރު އަން ސަން ސޫކީ އަދި އެހީދޭ ޖަމާއަތެއް ކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy