ޓްރްމްޕުގެ ކާމިޔާބީއާ އެކު ފަލަސްތީނުގެ ދައުލަތް އުފެއްދުމުގެ ކަންތައް ނިމުނީ: އިޒްރޭލް

ގުދުސް (ނޮވެމްބަރު 9) - އެމެރިކާގެ ރައީސްކަމުގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް ހޮވިވަޑައިގަތުމަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ މަސައްކަތް ނިމުން ކަމަށް އިޒްރޭލުގެ އެޑިއުކޭޝަން މިނިސްޓަރު ނަފްތަލީ ބެނެޓް ވިދާޅުވެއްޖެ އެވެ.


ޔަހޫދީ ހޯމް ޕާޓީގެ ލީޑަރުކަން ކުރައްވާ ބެނެޓް ވިދާޅުވީ ޓްރަމްޕުގެ ކާމިޔާބީއަކީ އިޒްރޭލުގެ މެދުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ މަސައްކަތް ފަހަތަށް ޖައްސާލަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި އޮތުމަކީ އިޒްރޭލުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށް ވިދާޅުވި އެވެ.

"މިއީ އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ކޮށްފައިވާ ޓްރަމްޕުގެ ވެސް ސިޔާސަތު. ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ކަންތައް މި ނިމުނީ،" ބެނެޓް ވިދާޅުވި އެވެ.

ޖަސްޓިސް މިނިސްޓަރު އާޔަތު ޝާކިޑް ވެސް ވަނީ ކެމްޕޭން ތެރޭގައި ޓްރަމްޕް ވައުދުވެވަޑައިގެންނެވި ގޮތަށް އެމެރިކާގެ އެމްބަސީ ތެލް އަވީވުން ގުދުސް އަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. ޓްރަމްޕް ވަނީ އިޒްރޭލުގެ ވެރި ރަށަކީ ގުދުސް ކަމަށް ބަލައިގަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕުގެ ކާމިޔާބީއާ ގުޅިގެން ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެމެރިކާގެ ވެރިކަމަށް އިޒްރޭލުގެ ހަގީގީ ރަހުމަތްތެރިއަކު އަދި ކިރިޔާ އިންތިޚާބު ކުރެވުނީ ކަމަށް ވިދާޅުވި އެވެ. އިޒްރޭލުގައި މިދިޔަ އަހަރު ބޭއްވި އިންތިޚާބުގެ ކުރިން ނަތަންޔާހޫ ވެސް ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ދެކޮޅު ހައްދަވައިފަ އެވެ.